ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށް ފަހު، ގާނޫނު ހަދާ މަޖިލިސް އުވާލައްވައި އިއްޔެ ބޭއްވެވި އަވަސް އިންތިހާބުގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ ވޯޓު ގުނާފައިވާއިރު، އަނޫރާގެ ނޭޝަނަލް ޕީޕަލްސް ޕަވަ (އެންޕީޕީ) ކޯލިޝަން ޕާޓީން ވަނީ 63 ޕަސެންޓާ އެކު ވޯޓުގެ ބޮޑު ލީޑެއް ލިބިފަ އެވެ.
އަނޫރާގެ ނޭޝަނަލް ޕީޕަލްސް ޕަވާ (އެންޕީޕީ) އިން 225 މެމްބަރުންގެ މައްޗަށް އެކުލެވޭ މަޖިލީހުގެ 123 ގޮނޑި މިއަދު ހެނދުނާ ހަމައަށް ވަނީ ކާމިޔާބުކޮށްފަ އެވެ. އަދި 22 އިލެކްޓޯރަލް ދާއިރާގެ ތެރެއިން އެއް ދާއިރާ ފިޔަވައި އެހެން ހުރިހާ ދާއިރާއެއްގައި ކުރީގައި އޮތީ އެ ޕާޓީ ކަމަށް ނަތީޖާ އިން ދައްކަ އެވެ.
ލަންކާގެ ރައްޔިތުންގެ މަޖިލީހުގެ އަގުލަބިއްޔަތު ހޯދުމަށް ބޭނުން ވަނީ 113 ގޮނޑި އެވެ.
އުމުރުން 55 އަހަރުގެ އަނޫރާ ކުރިން ވެސް ވަނީ އޭނާގެ ވައުދުތައް ފުއްދުމަށް ރައްޔިތުން އޭނާއަށް މަޖިލީހުގައި ބޮޑު އަގުލަބިއްޔަތެއް ދޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ވިދާޅުވެފަ އެވެ.
އަނޫރާގެ ޕާޓީން ވަނީ ފަގީރު ކަން ނައްތައިލުމަށް ހާއްސަ މަސައްކަތްތަކެއް ކުރުމަށް ވައުދުވެފަ އެވެ. އޭގެ ތެރޭގައި، ފަގީރު އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވެލްފެއާ ޕްރޮގުރާމުތައް ހިންގުމުގެ އިތުރުން ކޮރަޕްޝަނާއި ފަސާދަ ނައްތައިލުމަށް ހާއްސަ މަސައްކަތްތަކެއް ކުރުން ހިމެނެ އެވެ.
މީގެ އިތުރުން، އައިއެމްއެފްގެ ޕްރޮގުރާމު މުރާޖާކޮށް، ފަގީރުންނަށް ނޭދެވޭ އަސަރު ކުރާ މިންވަރު ކުޑަކުރަން ވެސް އޭނާ ވަނީ ހުށަހަޅުއްވާފަ އެވެ. އަނޫރާއަކީ، ރިޔާސީ ނިމުނު ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާފައިވާ ގިނަ ކެނޑިޑޭޓުންނާ އަޅައިބަލާއިރު، އެއްވެސް ސިޔާސީ އާއިލާއަކަށް ނިސްބަތްވާ ބޭފުޅެއް ނޫން ކަން ފާހަގަ ކޮށްލަން ޖެހެ އެވެ.
ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި ސްރީލަންކާގައި ފަގީރުކަމުގައި ދިރިއުޅޭ މީހުންގެ އަދަދު ވަނީ %25.9 އަށް އަރައިފަ އެވެ. ވޯލްޑް ބޭންކުން ލަފާކުރާ ގޮތުގައި މި އަހަރު ލަންކާގެ އިގްތިސާދު ކުރިއަރާނީ އެންމެ %2.2 ގަ އެވެ.
އަނުރާ ކުމާރަ ޑިސާނަޔަކަ އުފައްވެ ވަޑައިގަތީ 24 ނޮވެމްބަރު 1968 މަސައްކަތްތެރި އާއިލާއަކަށެވެ. ޑިސާނަޔަކައަށް އާންމުކޮށް މުޚާތަބުކުރެވެނީ އޭނާގެ ނަމުގައި ހިމެނޭ ތިން އަކުރު ވަނަމަކަށް ހަދައި -- އޭކޭޑީ ގެ ނަމުންނެވެ.
ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރެއްވި އިރުވެސް ޑިސާނަޔަކަ ވަނީ ގާނުނު ހަދާ މަޖިލީސް އުވާލައްވާނެ ކަމަށް ވިދާޅުވެފަ އެވެ. ގާނޫނު ހަދާ މަޖިލީހަށް މުޅިން އާ މެމްބަރުން ހޮވައިގެން ނޫން ގޮތަކަށް ލަންކާއިން ކޮރަޕްޝަން ނައްތައި ނުލެވޭނެ ކަމަށްވެސް ޑިސާނަޔަކަ ވިދާޅުވި އެވެ.
ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި އަނޫރާ އަށް މަޖިލީހުގެ ސާފު އަގުލަބިއްޔަތެއް ބޭނުން ވަނީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކޮށް، ލަންކާގައި މިހާތަނަށް ކުރިމަތިވި އެންމެ ބޮޑު އިގްތިސާދީ ކާރިސާއަށް ފަހު ހަމަޖެހުން ގާއިމު ކުރުމަށް ވެފައިވާ ވައުދު ފުއްދުމަށެވެ.
އަނޫރާ ޑިސަނަޔަކެ ރިޔާސީ ވައުދުތައް:
ލަންކާގެ އިގުތިސާދަށް އޮތް އެންމެ ބޮޑު ނުތަނަވަސް ކަމަކީ ކޮރަޕްޝަން ކަމަށް ޑިސަނަޔަކެ ވިދާޅުވެ އެވެ. ނިކަމެތި މީހާއަށް ވަޒީފާއެއް ނުދެވިގެން އުޅެނީ މަޝްހޫރުކަން ހޯދަން ވެރިން މަސައްކަތްކުރާތީ ކަމަށް ވެސް އޭނާ ވިދާޅުވެ އެވެ. އޭނާގެ ވައުދު ތަކުގެ ތެރޭގައި:
- ވެރިކަމުގެ ނިޒާމު ބަދަލުކުރަން މަސައްކަތް ފެށުން
- ކޮރަޕްޝަންގެ ދޮރުތައް ބަންދުކުރުން
- ގައުމުގެ އިގްތިސާދު ހަމަމަގަށް އެޅުވުން
- އައިއެމްއެފްއާ އެކު ހަދާފައިވާ އެއްބަސްވުމުން ލަންކާގެ އާދައިގެ ގިނަ ބަޔަކަށް ލިބޭ ވޭން ކުޑަ ކުރުން
- ޓެކްސް އެޑްމިނިސްޓްރޭޝަން އިސްލާހުކުރުން
- ވިޔަފާރީގެ އޮނިގަނޑު ލުއިކޮށް، ވިޔަފާރީގެ މާހައުލު ހަރުދަނާ ކުރުން
- ޕްރައިވެޓް ސެކްޓާ އަކީ ކުރިއެރުމުގެ އިންޖީނެއްގެ ގޮތުގައި ބެހެއްޓުމަށް ބާރު އެޅުން
- އިޖުތިމާއީ ދުޅަހެޔޮކަމުގެ ނުރައްކާ ކުޑަކުރުން
- ސަރުކާރުން ނަގައިފައިވާ ލޯނުތަކުގެ އޮޑިޓެއް ހަދައި، މުހިންމު ދާއިރާތަކަށް ބޭރުގެ އިންވެސްޓްމެންޓް ހޯދުން
- ކޮރަޕްޝަނާއި ޖިނާއި މައްސަލަތައް އަލުން ބަލައި، ކުށްވެރިވާ ބަޔަކަށް އަދަބު ދިނުން