ރައީސް ޑރ. މުއިއްޒު މި މޭރުމުން ވާހަކަ ދެއްކެވީ ފަލަސްޠީނުގެ މިނިވަންކަން އިއުލާނު ކުރިތާ 36 އަހަރު ފުރުމުގެ މުނާސަބަތުގައި، އެޤައުމުގެ ރައީސް، ޑރ މަމްމޫދު އައްބާސްއަށާއި ބޮޑުވަޒީރު އަދި ހާރިޖީ ވަޒީރު މުހައްމަދު މުސްތަފާއަށް ފޮނުއްވި މެސެޖެއްގައެވެ.
ފަލަސްތީނުގެ ރައީސާއި ބޮޑުވަޒީރަށް ވަކިވަކިން ފޮނުއްވި މެސެޖުގައި، ފަލަސްތީނުގެ މިނިވަންކަން އިއުލާން ކުރިތާ 36 އަހަރު ފުރުމުގެ މުނާސަބަތުގައި، ހެޔޮ އެދުންތައް ފޮނުއްވާފައިވެއެވެ. އަދި ފަލަސްތިނުގެ ރައްޔިތުން، އަނިޔާވެރިކަމާއި ބޭއިންސާފާ ދެކޮޅަށް ކުރަމުން ގެންދާ މަސައްކަތުގައި، އެ ރައްޔިތުންގެ ސާބިތުކަމާއި ހިތްވަރުގަދަކަމަށް ނުހަނު ތައުރީފު ކުރައްވާފައިވާކަމަށް ރައީސް އޮފީހުން ބުނެއެވެ.
ރައީސްގެ މެސެޖުގައި، ދިވެހިރާއްޖޭގެ އެއްބާރުލުން އަބަދުވެސް ފަލަސްތީނަށް ލިބެމުންދާނެކަމުގެ ޔަޤީންކަން ދެއްވާފައިވާކަމަށް ރައީސް އޮފީހުން ބުނެއެވެ. އަދި 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ވެރިރަށް ކަމުގައި ކަނޑައެޅިފައިވާ ފަލަސްތީނުގެ މިނިވަން އަދި އިސްތިޤްލާލީ ދައުލަތަކަށް ދިވެހިރާއްޖެއިން އަބަދުވެސް ވަކާލާތުކުރައްވާނެކަމުގެ ޔަޤީންކަންވެސް ރައިސް ދެއްވިކަމަށް ރައީސް އޮފީހުން ބުނެއެވެ.