މި މަޝްރޫއު ރައީސް ޑރ. މުއިއްޒު އިފްތިތާހުކޮށްދެއްވީ މިއަދު ރައީސް އޮފީހުގައި މިކަމަށް ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި އެ ހިދުމަތް ވަނީ ގްރޭޓާ މާލޭ ސަރަހައްދާއި ބައެއް ރަށްރަށުގައި މިހާރު ފަށާފައިވާކަން ވަނީ އިއުލާންކޮށްފައެވެ.
މާލެ ފިޔަވާ މިހާރު އައީޑީ ކާޑު ހަދާދިނުމުގެ ހިދުމަތް ފަށާފައިވަނީ ހުޅުމާލޭގެ ފޭސް އެކަކާއި ދޭއްގެ އިތުރުން ވިލިމާލެ އާއި ހދ. ކުޅުދުއްފުށީގައެވެ. ޕާސްޕޯޓް ހަދާދިނުމުގެ ހިދުމަތް ފަށާފައިވަނީ ހުޅުމާލޭ ފޭސް އެކަކާއި ފޭސް ދޭއްގެ އިތުރުން ވިލިމާލެ އާއި ލ. ފޮނަދޫ އަދި ދ. ކުޑަހުވަދޫ ގައެވެ.
އަންނަ އަހަރު ހުރިހާ އަތޮޅެއްގައި އައިޑީ ކާޑާއި ޕާސްޕޯޓު ހެދުމުގެ ހިދުމަތް ފެށުމަށް ނިންމާފައިވާއިރު އެކަން އެކި ހިސާބުތަކުގައި ފެށިގެން ދާނެ ތާރީހްތައްވެސް ހޯމް މިނިސްޓްރީން މިއަދު ވަނީ އާއްމުކޮށްފައެވެ.
އަންނަ އަހަރު ހިދުމަތް އެކި ހިސާބުގައި ފަށާނެ ގޮތުގެ ތާވަލް
ހުރިހާ އަތޮޅެއްގައި އައިޑީ ކާޑާއި ޕާސްޕޯޓު ހެދުމުގެ ހިދުމަތް ފެށުމުގެ މަޝްރޫއު އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން މިނިސްޓަރު އިހްސާން
މި މަޝްރޫއު އިފްތިތާހް ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވީ މުޅި ރާއްޖެގައި ހިދުމަތް ފަށާއިރު އެންމެ ބޮޑު ގޮންޖެހުމަކީ މައުލޫމާތުގެ ރައްކާތެރިކަމާއި އައިޑީކާޑާއި ޕާސްޕޯޓު ފަދަ ސެކިއުއާ ޑޮކިއުމަންޓްތަކެއް ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތަށް ބެލެހެއްޓޭނެ ނިޒާމެއް ގާއިމުކުރުންކަމަށެވެ. އަދި ކުރީ ސަރުކާތުތަކަށްވެސް މިކަން ނުކުރެވި އޮތީ މި ގޮންޖެހުބްތަކުގެ ސަބަބުންކަމަށްވެސް މިނިސްޓަރު އިހްސާން ވިދާޅުވިއެވެ.
މިނިސްޓަރު އިހްސާން ވިދާޅުވީ ހުރިހާ އަތޮޅެއްގައި އައީޑި ކަޑާއި ޕާސްޕޯޓްގެ ހިދުމަތް ފަށާއިރު އެ ތަންތަނުން ޕްރިންޓްކުރެވޭނީ ހަމައެކަނި މާލޭގައި ހުންނަ މައި އިދާރާތަކުން އޮތަރައިޒް ކުރާ އައިޑީކާޑާއި ޕާސްޕޯޓްތައް އެކަނި ކަމަށެވެ.