ގާނޫނަށް ގެނައި ބަދަލަކީ ޕާޓީއެއް އުވައިލުމުން އެ ޕާޓީގެ ނަމާއި ނިޝާނާއި ކުލައާއި ސިއްކަ ފަދަ ޕާޓީގެ ރަމްޒުތައް އެ ޕާޓީއެއް އުވާލާ މުއްދަތުން ފެށިގެން ފަސް އަހަރުގެ މުހުލަތަކަށް ބޭނުންނުކުރެވޭ ގޮތަށް ހެދުމެވެ. އަދި ފަސް އަހަރުން އެއްފަހަރު ގައުމީ ބައްދަލުވުމެއް ނުބޭއްވި ނަމަވެސް ޕާޓީ އުވައިނުލެވޭ ގޮތަށް ގާނޫނު ބަދަލުކުރުމަށެވެ.
ޕާޓީތަކުގެ ގާނޫނާ ހިލާފުވާ މީހުން ޖޫރިމަނާކުރާ އަދަދު 30،000ރ. އިން 75،000ރ. އާ ދެމެދަށް ބޮޑުކުރަން ވެސް އެ އިސްލާހުގައިވަނީ ހިމަނައިފަ އެވެ. ކުރިން ގާނޫނު އޮންނަ ގޮތުން ޖޫރިމަނާ ކުރެވޭނީ 5،000ރ. އާއި 10،000ރ. އާ ދެމެދުގެ އަދަދަކުންނެވެ.
މީގެ އިތުރުން ގާނޫނާ ހިލާފުވާ މީހާ ނިސްބަތްވި ސިޔާސީ ޕާޓީ ވެސް 100،000ރ. އިން ޖޫރިމަނާ ކުރެވޭނެ ގޮތަށް އިސްލާހުގައި ހިމަނާފައިވެ އެވެ. މީގެ ކުރިން އާންމު މެމްބަރުން ކުރާ ކަންކަމާ ގުޅިގެން ޕާޓީތައް ޖޫރިމަނާ ކުރެވޭނެ ގޮތަށް އެ ގާނޫނުގައި ބަޔާން ކޮށްފައެއް ނުވެ އެވެ.
މި އިސްލާހުގައި ސިޔާސީ ޕާޓީއެއްގެ ޕްރައިމަރީގައި ވާދަކޮށްފައިވާ ކެނޑިޑޭޓަކު އެހެން ހައިސިއްޔަތަކުން އިންތިހާބުތަކުގައި ވާދަކުރުމާއި ގުޅޭގޮތުން އޮތް މާއްދާ ވަނީ އުނިކޮށްފަ އެވެ.
ސަރުކާރުގެ ފަރާތުން ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދު މަޖިލީހަށް ހުށަހެޅުއްވި އިސްލާހުގެ ބިލް ރައީސް މުއިއްޒު މިއަދު ތަސްދީގު ކުރެއްވުމާ ގުޅިގެން މިއިސްލާހަށް މިއަދުން ފެށިގެން އަމަލުކުރާނެ އެވެ.