ads
މި ސަރުކާރަށް އެއް އަހަރު ފުރުމާ ގުޅުވައިގެން މިރޭ ބޭއްވި އެއްވުމުގައި ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވަނީ
ކްރެޑިޓް ކާޑު ލިމިޓް 1400 ޑޮލަރަށް، ފުރާ ދިވެހީންނަށް 1000 ޑޮލަރު
ސަރުކާރުން މިހާރު އަޅަމުންދާ ފިޔަވަޅުތަކާއެކު ކްރެޑިޓް ކާޑުގެ ޑޮލަރު ލިމިޓް 1400 އަށް އަދި ރާއްޖެއަށް ބޭރަށް ފުރަންދާ މީހުންނަށް 1000 ޑޮލަރު ލިބޭނެ ގޮތް ހަދައިދޭން މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
Advertisement

ރައީސް މިހެން ވިދާޅުވީ، ސަރުކާރަށް އެއް އަހަރު ފުރުމާއި ގުޅިގެން ޒުވާނުންގެ މަރުކަޒުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ބޭންކުން ރަސްމީކޮށް ޑޮލަރު ވިއްކާ ރޭޓަކީ އަދިވެސް 15.42 ރުފިޔާ ކަމަށްވީ ނަމަވެސް، ކަޅުބާޒާރުގައި ޑޮލަރުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފަ އެވެ. މިގޮތުން، މިހާރު ކަޅުބާޒާރުގެ ޑޮލަރު ވިއްކާ ރޭޓު ހުރީ 19 ރުފިޔާއަށް ވުރެ މަތީގަ އެވެ.

ރައީސް ވިދާޅުވީ ޑޮލަރު މާރުކުރުމުގެ ގަވާއިދަށް އަމަލުކުރަން ފެށުމާއެކު، ރަސްމީ ރޭޓުގައި އެސްއޯއީތަކަށް ޑޮލަރު ގަނެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށާއި އަދި މި ގަވާއިދުގެ އިތުރު ފައިދާއެއްގެ ގޮތުގައި މިހާރު ރާއްޖެއިން ބޭރަށް ފުރާ ކޮންމެ ދިވެއްސަކަށް އެއާޕޯޓުން ދޫކުރަމުންދާ 500 ޑޮލަރު 1،000 ޑޮލަރަށް އިތުރުކުރެވޭނެ ކަމަށެވެ. 

"ޑޮލަރު މާރުކުރާ ގަވާއިދު ރަނގަޅަށް ތަންފީޒުވާނަމަ އަޅުގަނޑުމެން ބޭނުންވަނީ 2026 ގެ ފުރަތަމަ ކުއާޓާއަށް ދާއިރު މި 500 ޑޮލަރުގެ ބަދަލުގައި 1،000 ޑޮލަރުގެ ގަތުމުގެ ފުރުސަތު ދޭން. ދެން މިކަމަށް ހުރަސްއަޅަންވީ ކީއްވެތޯ؟،" ރައީސް ސުވާލު ކުރެއްވި އެވެ.


އޭގެ އިތުރަށް އަންނަ ޖަނަވަރީން ފެށިގެން ދެމެހެއްޓެނެވި ގޮތަކަށް ޑޮލަރު މާރުކުރުމުގެ ކަންކަން ކުރެވޭނަމަ 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާއަށް އަންނަންވާއިރަށް ކްރެޑިޓު ކާޑުތަކުގެ ލިމިޓު 750 ޑޮލަރުން 1،400 ޑޮލަރަށް އިތުރުކުރެއްވޭނެ ކަމުގައި ރައީސް މުއިއްޒު ވިދާޅުވި އެވެ.

"އަންނަ ޖަނަަވަރީން ފެށިގެންގޮސް 2026 ގެ ފުރަތަމަ ކުއާޓާގެ ނިޔަލަށް ސަސްޓައިނަބަލް ގޮތަކަށް ޑޮލަރު މާރުކުރުމުގެ ކަންތައް ކުރިއަށްދާނަަމަަ، 1،400 ޑޮލަރާ ހަމައަށް ކްރެޑިޓް ކާޑުގެ ލިމިޓު ބޮޑުކޮށްދޭނަން،" ރިޔާސީ ވައުދުފުޅު ފުއްދަވާނެ ކަން ފާޙަގަ ކުރައްވާ ރައީސް ވިދާޅުވި އެވެ.

މީގެއިތުރުން ރައީސް މިރޭ ވަނީ ރިސޯޓުތަކަށް ލިބޭ ޑޮލަރު ރާއްޖޭގެ ބޭންކްތަކުން މާރުކުރަން ލާޒިމްކޮށް ހަދާފައިވާ ގަވާއިދު ބަދަލުނުކުރައްވާނެ ކަމަށްވެސް ވިދާޅުވެފަ އެވެ.

ރައީސް މިހެން ވިދާޅުވީ ރިސޯޓަށް އަންނަ ކޮންމެ ޓުއަރިސްޓަކަށް 500 ޑޮލަރުގެ މަގުން ޑޮލަރު މާރުކުރަން ގަވައިދު މިހާރު ލާޒިމު ކުރި ނަމަވެސް އެ ކަން ނުވާނެ ކަމަށް ބުނެ ގިނަ ރިސޯޓު ވިޔަފާރިވެރިން ސަރުކާރަށް އެކަން އަންގަމުން ދަނިކޮށެވެ.


33%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް