މީޑިއާ ރެގިއުލޭޓްކުރަން މިހާރު އޮންނަ މޯލްޑިވްސް މީޑިއާ ކައުންސިލާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން އުވާލާ އެއްކޮށްލަން 'މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ބިލު'ގެ ނަމުގައި މަޖިލިހަށް ބިލެއް ހުށައެޅުއްވީ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުﷲ ހަންނާން އަބޫބަކުރުއެވެ.
ސަރުކާރަށް އަހަރެއް ވުމުގެ މުނާސަބަތުގައި މިރޭ ބޭއްވި ޖަލްސާއަށް ފަހު ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ މީޑިއާ ކޮންޓްރޯލް ކުރާ ގޮތަށް އޮތް ބިލު މަޖލީހުން ބަލައި ނުގަންނާނެކަމަށެވެ. އަދި އެ ބިލް މަޖިލީހުން ބޭރުކޮށްލާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ސަރުކާރަށް އަހަރެއް ފުރުމުގެ މުނާސަބަތުގައި މިރޭ ބެއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންވެސް ރައީސް މުއިއްޒު ވިދާޅުވީ މީޑިއާ ކޮންޓްރޯލް ކުރުމުގެ ބަދަލުގައި އެ މަނިކުފާނު މަސައްކަތް ކުރައްވާނީ މީޑިއާތައް ބާރުވެރި ކުރުވަން ކަމަށެވެ. އެގޮތުން, ސަރުކާރުގެ ބަޖެޓުން މީޑިއާތަކަށް ފައިސާ ދިނުމަށް އަންނަ އަހަރުގެ ބަޖެޓްގައި ހިމަނާފައިވާކަން ފާހަގަކުރެއްވިއެވެ.
ތުޅާދޫ ދާއިރާގެ މެންބަރު އަބްދުﷲ ހަންނާން އަބޫބަކުރު މަޖލިހަށް ހުށައެޅި ބިލުގައިވާގޮތުން ބްރޯޑްކާސްޓިން ކޮމިޝަނާއި އެމްއެމްސީ އުވާލުމަށްފަހު ހަދާ މީޑިއާ ކޮމިޝަން އެކުލެވިގެން ވަނީ 7 މެމްބަރުންގެ މައްޗަށެވެ. އޭގެތެރެއިން 4 މެމްބަރުންނަކީ ރައީސް އައްޔަންކުރައްވާ ހަތަރު މެމްބަރުންނެވެ. އަނެއް ތިން މެމްބަރުންނަކީ މީޑިއާތަކުން އިންތިހާބު ކުރާ ބައެކެވެ.
މި ބިލުގައި ވަނީ އަލަށް އުފެދޭ ކޮމިޝަނަށް ނޫސްވެރިން ބޮޑެތި އަދަދު ޖޫރިމަނާކުރުމާއި ލައިސަންސް ބާތިލުކުރަން ކޯޓަށް ދިއުމުގެ ބާރު ދީފައެވެ.