ސަރުކާރަށް އެއް އަހަރުވުމުގެ މުނާސަބަތުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ 4000 ފްލެޓް ލިބުނު މީހުންގެ ލިސްޓު ނެރުން ލަސްވަނީ ފްލެޓްތައް ދިނުމުގައި ކުރީ ސަރުކާރުން ހިންގާފައިވާ މަކަރާއި އޮޅުވާލުންތައް ބޮޑުކަމުންނެވެ.
އެގޮތުން ފްލެޓް ކޮމެޓީގައި ހިމެނޭ ސިޔާސީ މީހުންނަށް 400 ފްލެޓް ލިބޭގޮތަށް މާކްސްތައް ބަދަލުކޮށްފައިވާކަމަށާއި ޕޯޓަލްގެ ބެކް އެންޑުން މާކްސް ޝީޓް ބަދަލުކޮށްފައިވާކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ. އަދީ މީގެއިތުރުން ފޯމެއްވެސް ނުލާ ހަމައެކަނި އައީޑީކާޑް އެއްފަޅި ހުށައެޅި މީހުންނަށްވެސް ފްލެޓް ދީފައި އެބަހުރިކަމަށް ރައީސް މުއިއްޒު ރޭ ވިދާޅުވިއެވެ.
ރައީސްގެ މިވާހާކަތަކަށް ޕްލެޓްގެ ކަންކަމުގައި މިދިޔަ ސަރުކާރުގައި އެންމެ އިސްކޮށް އުޅުއްވި އޭރުގެ ހައުސިން ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން މިވަނީ ރައްދުދެއްވާފައެވެ. ރައީސް ޑރ. މުއިއްޒު ދެއްކެވި ވާހަކަތައް ހިމެނޭ ވީޑިއޯ ކޮޅެއް ޝެއާކޮށް އެކްސްގައި އަކްރަމް ވިދާޅުވީ އައިޑީކާޑް އެއް އެކަނި ހުށައަޅައިގެން ފުލެޓް އެއް ލިބިފައި ނޯންނާނެކަމަށެވެ. އަދި ރައީސް ޑރ. މުއިއްޒު ހެއްދެވީ ރޯ ބުހުތާނު ދޮގެއްކަމަށްވެސް އަކްރަމް ވިދާޅިވިއެވެ.
ރައީސް ރޭ ދެއްކެވި ވާހަކަތަކަށް މިިދޔަ ސަރުކާރުގައި ފްލެޓް ކޮމެޓީގައި އިންނެވި ހައުސިން މިނިސްޓްރީގެ ކުރީގެ ސީނިއާ އެކްޒެކްޓިވް ޑިރެކްޓަރު މުހައްމދު އާރިފްވެސް ވަނީ ރައްދުދެއްވާފައެވެ. އާރިފް ވިދާޅުވީ ފޯޓްލަށް ޕޯޓަލަށް އައިޑީކާޑް ސަބްމިޓް ކުރާކަށް ނުޖެހޭނެކަމަށެވެ. އަދި އައިޑީކާޑް ސަބްމިޓްކުރާނެ ޑޮކިއުމެންޑް އެޓޭޗް ބޮކްސް އެއްވެސް ނީންނާނެކަމަށް އާރިފް ވަނީ ވިދާޅުވެފައެވެ.
މިދިޔަ ސަރުކާރުން ތައާރަފުކުރި ގެދޮރުވެރިޔާގެ ސްކީމުން 4000 ފެލްޓް ލިބުނު މީހުންގެ ލިސްޓް ނެރެން ތާފާތު އެތައް ތާރީހުތަކެއް ދިނުމަށްފަހު ލިސްޓު ނެރުން މުއްދަތެއް ނެތްގޮތަށް ފަސްކުރިކަން ހައުސިން މިނިސްޓްރީން ވަނީ އިއުލާންކޮށްފައެވެ.