ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ, އޮފީސް/ ކޮމްޕެނީ ވޮލީބޯލް ޗެލެންޖް ކަޕުގެ ޗެމްޕިއަންކަން ޕޮލިސް ކްލަބުން ހޯދީ ފައިނަލުގައި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ބަލިކޮށްގެންނެވެ.
ހުޅުމާލެ ޕާކް ވޮލީ ކޯޓުގައި ރޭ ކުޅުނު ފައިނަލް މެޗު ޕޮލިހުން ކާމިޔާބުކުރީ 3-1 ސެޓުންނެވެ. މި މެޗުގެ ސެޓުތައް ދިޔައީ, 23-25, 25-22, 25-08 އަދި 27-25 އިންނެވެ.
މި މުބާރާތުގެ ގަވައިދުގައިވާ ގޮތުން ކުޅުމުގެ ފުރުސަތު ލިބެނީ އޮފީސްގައި މަސައްކަތް ކުރާ މުވައްޒަފުންނަށެވެ. ގައުމީ ޓީމުގެ އެއްވެސް ކުޅުންތެރިއަކަށް މުބާރާތުގައި ނުކުޅެވެއެވެ. އެހެންކަމުން މި މުބާރާތައް މި ދެ ޓީމުންވެސް ބޮޑެތި ބަދަލުތަކެއް ފެނިގެންދިޔަ އެވެ. އެމްއެންޑީއެފް ޓީމުން ބޮޑަށް ފެނިގެންދިޔައީ ކުރީގެ ވޮލީ ތަރިންނެވެ. ޕޮލިސް ޓީމުގައި ތިބީ ގިނައިން ޒުވާން ކުޅުންތެރިންނެވެ.
ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކީ އަދި މުބާރާތުގެ މޮޅު ކުޅުންތެރިއަކީ ޕޮލިހުގެ ޝާމިލް އެވެ. އެންމެ މޮޅު ކޯޗަކީ ޕޮލިސް ކްލަބްގެ ފަތުހުﷲ ވަހީދު (ފައްލޯ) އެވެ. މުބާރާތުގެ ޑްރީމް ޓީމުގައި ހިމެނެނީ، ޕޮލިހުގެ ޝާމިލް، މުހައްމަދު ހަމްދޫން، މައުޒޫން ނިޔާޒް، އަހުމަދު އިލްހާމް އަލީ، އެމްއެންޑީއެފްގެ ޖުނައިދު އަބްދުﷲ، މުހައްމަދު މުނީފް އަދި އެމްއޯއެސްގެ މުހައްމަދު ފައިސަލް އެވެ.