ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކާ ފޮޓޯތަކުން ފެންނަ ގޮތުގައި ރަށުގެ މަގުތަކާއި ގެތަކުގައި ވެސް ވަރަށް ބޮޑަށް ފެންގަނޑު ވަނީ ބޮޑުވެފަ އެވެ. އޭގެ އިތުރަށް ރަށުގެ މެޖިސްޓްރޭޓް ކޯޓަށް ވަނީ ފެން ވަދެ ކޯޓުގެ ތަކެއްޗަށް ވެސް ބޮޑެތި ގެއްލުންތަކެެއްވެފަ އެވެ.
އެންޑީއެމްއޭ އިން ބުނީ ފެންބޮޑުވެ ގެއްލުން ލިބުނު ގެތަކުގެ ތެރެއިން ދިރިނޫޅެވޭ ފަދަ ހާލަތަށް ގޮސްފައިވާ ގެތައް ދެނެގަނެ އެ ފަރާތްތަކަށް ބޭނުންވާ ވަގުތީ ބޯހިޔާވަހިކަމާއި ކެއިން ބުއިމުގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރެންދޫ ކައުންސިލާއި ގުޅިގެން ކުރަމުންދާ ކަމަށް އެންޑީއެމްއޭ އިން މައުލޫމާތުދެ އެވެ.
ރާއްޖެ އަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން ދެކުނުގެ އަތޮޅުތަކަށާއި، މެދުރާއްޖެތެރެ އަދި އުތުރުގެ ބައެއް އަތޮޅުތަކަށް ވިއްސާރައިގެ އަސަރުކޮށްފައިވާ ކަމަށް އެންޑީއެމްއޭ އިން ބުނެ އެވެ. ގެއްލުން ލިބޭ ރަށްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ވިލަރެސް ކުރަމުންދާ ކަމަށްވެސް އެންޑީއެމްއޭ އިން ބުނެ އެވެ.
ނިމުނު 24 ގަޑިއިރު، އެންމެ ގިނައިން ވާރޭ ވެހުނުކަމަށް ރެކޯޑުކުރެވިފައި ވަނީ އައްޑޫ ސިޓީ ހިތަދޫއަށްކަމަށާއި އެރަށަށް 110 މިލިމިީޓަރަށް ވާރޭ ވެހިފައިވަކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެ އެވެ. އަދި މިހާރު ކުރަމުންދާ ވިއްސާރަ ކުރިއަށް އޮތް 3 ދުވަހުވެސް ރާއްޖެއަށް ކުރާނެކަމަށް އެ އިދާރާއިން ބުނެ އެވެ. އެހެންކަމުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފަ އެވެ.