ގާނޫނު އަސާސީ އަށް މި އިސްލާހު ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު އެވެ. މި އިސްލާހުގެ ބިލު މާދަމާގެ ޖަލްސާ އަށް ވަނީ އެޖެންޑާކޮށްފަ އެވެ.
ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައި ވަނީ މަޖިލީހުގެ އަޣުލަބިއްޔަތުން ފާސްކޮށްގެން ނޫނީ އެއްބަސްވުމެއްގެ ދަށުން ނުވަތަ އެ ނޫން ވެސް ގޮތަކަށް ރާއްޖެއިން ބޭރުގެ ފަރާތަކަށް ރާއްޖޭގެ ސަރަހައްދުން އަސްކަރީ ބޭނުމަށް ބޭނުން ކުރުމުގެ ހުއްދަ ދީގެން ނުވާނެ ކަމަށެވެ.
އެއްބަސްވުމެއްގެ ދަށުން ބާއްވާ އަސްކަރީ ތަމްރީނުތަކުގައި ބައިވެރިވުން ފިޔަވައި މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްގެން މެނުވީ އަސްކަރީ ބޭނުމަށް ރާއްޖޭގެ ސަރަހައްދުގައި ބޭރުގެ ސިފައިން އެއްވެސް ސިފައެއްގައި ހަރަކާތްތެރިވުމަށް ހުއްދަ ދީގެން ނުވާނެ ކަމަށް ވެސް އެ ބިލުގައި ބުނެފައިވެ އެވެ.
މިފަދަ އިސްލާހެއް ހުށަހަޅާފައިވާއިރު، ކުރީ ސަރުކާރުގެ ދުވަސްވަރު ރާއްޖޭގައި އިންޑިއާ ސިފައިން ތިބި ކަމަށް މިހާރުގެ ސަރުކާރުގެ ވެރިން އިދިކޮޅުގައި ތިބެ ވަނީ ތުހުމަތުކޮށްފަ އެވެ. ވެރިކަމާ ހަވާލުވުމަށްފަހު ރާއްޖޭގައި ތިބި ކަމަށް ބުނާ ހުރިހާ އިންޑިއާ ސިފައިން މިހާރު އަނބުރާ ގައުމަށް ފޮނުވާލެވިފައިވާ ކަމަށް ސަރުކާރުން ބުނެ އެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.