އިޒްރާއީލުގެ ޕާސްޕޯޓް މަނާކުރަން ރައްޔިތުން މަޖިލިހަށް ހުށައަޅާފައިވާ ބިލްގެ މަސައްކަތް ކުރިޔަށް ނުދާތީ އެ މަސައްކަތް އަވަސްކުރަން ސަރުކާރަށް ގޮވާލާ ގަރާރު ހުށައެޅީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރުން މުހައްމަދު އިބްރާހިމްއެވެ.
އެ ގަރާރު މަޖިލީހަށް ބަލައިގަންނަން ފެންނަ ކަމަށް ވޯޓަށް އެހުމުން ގަރާރު ބޭރުކޮށްލަން 63 މެމްބަރުން ވަނީ ވޯޓް ދެއްވާފައެވެ. ގަރާރު ބަލައިގަންނަން ފެންނަކަމަށް ވޯޓް ދެއްވީ 15 މެމްބަރުންނެވެ.
ގަރާރު ބަލައިގަންނަން ވޯޓު ދެއްވީ އިދިކޮޅު އެމްޑީޕީގެ 12 މެންބަރުންނާއި އެމްޑީއޭއަށް ނިސްބަތްވާ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް، އައްޑޫ މީދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލް ރަހްމާނާއި ޕީއެންސީ މެމްބަރު އަހްމަދު ތާރިގުއެވެ.
މީ މަޖިލީހުގައި ތިއްބެވި ޕީއެންސީގެ މެމްބަރުންގެ ތެރެއިން މެމްބަރަކު އެ ޕާޓީގެ ވިސްނުމާއި ދެކޮޅަށް ވޯޓް ދިން ފުރަތަމަ ފަހަރެވެ.
އިދިކޮޅުން ހުށައެޅި މި ގަރާރަށް ވާހަކަ ދެއްކެވި ޕީއެންސީގެ މެމްބަރުން ރާގު މިއަދު ވަނީ ބަދަލުވެފައެވެ. ގިނަ މެމްބަރުން ވިދާޅުވީ އިޒްރާއީލް ޕާސްޕޯޓް މަނާކުރުމަކީ އެކަމުގައި ވަރަށް ވިސްނަންޖެހޭ ކަމެއްކަމަށެވެ. އެގޮތުން މި މަސައްކަތުގައި ގިނަ ބައެއްގެ ހިޔާލާައި މަޝްވަރާ ހޯދަން ޖެހޭކަމަށް ވަނީ މެމްބަރުން ވިދާޅުވެފައެވެ.
ރައްޔިތުން މަޖިލީޙުން ވަނީ އިޒްރާއިލް ޕާސްޕޯޓް މަނާކުރާ ބިލަށް ރައްޔިތުންގެ ހިޔާލު ހުށައެޅުމަށް ހުޅުވާލާފައެވެ. ހިޔާލި ހުށައަޅަން އެންމެ ފަހުގެ ތާރީހަކަށް މިއަހަރުގެ އެންމެ ފަހު ދުވަސް ދީފައި ވުމުން މި ބިލްގެ މަސައްކަތް މި އަހަރުގެ ތެރޭގައި ނިމޭނެކަމަކަށް ނުބެލެވެއެވެ.