އެ މާއްދާގައި މިހާރު ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްގެން މެނުވީ ރާއްޖެ އިން ބޭރުގެ އެއްވެސް ފަރާތަކަށް ރާއްޖޭގެ ސަރަހައްދުގެ އެއްވެސް ބައެއް އަސްކަރީ ބޭނުމަށް ދީގެން ނުވާނެ ކަމަށެވެ.
އެއްބަސްވުމެއްގެ ދަށުން ބާއްވާ އަސްކަރީ ތަމްރީނުތަކުގައި ބައިވެރިވުން ފިޔަވައި މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްގެން މެނުވީ އަސްކަރީ ބޭނުމަށް ރާއްޖޭގެ ސަރަހައްދުގައި ބޭރުގެ ސިފައިން އެއްވެސް ސިފައެއްގައި ހަރަކާތްތެރިވުމަށް ހުއްދަ ދީގެން ނުވާނެ ކަމަށް ވެސް ޕީއެންސީގެ މެމްބަރުންގެ ވޯޓުން ފާސްކުރި އިސްލާހުގައި ވެ އެވެ.
އެ އިސްލާހު ފާސްކުރުމާ މެދު ގޮތެއް ނިންމުމަށް މަޖިލީހުގައި މިއަދު ނެގި ވޯޓުގައި ބައިވެރިވި 78 މެންބަރުން ވޯޓު ދެއްވީ ބަލައިގަންނަން ފެންނަ ކަމަށެވެ.
ރާއްޖޭގައި އަސްކަރީ ބޭނުމަކަށް ބޭރުގެ ސިފައިން ތިބެވޭނީ އަދި ހަރަކާތްތެރިވެވޭނީ މަޖިލީހުގެ އަގުލަބިއްޔަތުން އެކަމަށް ހުއްދަދީ ފާސްކޮށްގެން ކަމަށް ކަނޑައަޅާ ގާނޫނުއަސާސީ އިސްލާހު ކުރީ މިދިޔަ ދުވަސްތަކުގައި ރާއްޖޭގައި އިންޑިއާ ސިފައިން ތިބި ކަމަށް މި ސަރުކާރުގެ ވެރީން ވަރަށް ބޮޑަށް ވާހަކަ ދައްކާފައި ވަނިކޮށެވެ.
ރައީސް މުއިއްޒު މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި މަގާމުގެ ހުވާކުރެއްވީ ރާއްޖޭގައި ގާއިމުވެތިބި އިންޑިއާގެ ސިފައިން ބާލާގެ ކަމުގެ ވައުދާ އެކުގަ އެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދު މިހާތަނަށް ކޮންމެ ސަރުކާރަކުން ވެސް ބަލަހައްޓަމުން އައީ އިންޑިއާގެ އެހީތެރިކަމާ އެކު ކަމަށް ވިޔަސް މި ސަރުކާރުން ވަނީ ތުރުކީ އިން މިހާތަނަށް އަސްކަރީ ތިން ޑްރޯން ގަނެ، ރާއްޖޭގެ އިގުތިސާދީ ސަރަހައްދު އަމިއްލަ އަށް ބަލަހައްޓަން ފަށައިފަ އެވެ. އެ ޑްރޯންތައް އޮޕަރޭޓް ކުރަން ތިބެނީ ވެސް ތުރުކީ އިން ތަމްރީނު ހޯދާފައިވާ ދިވެހި ސިފައިންނެވެ.