
ސެންޑިއޭގޯ އެފްސީގެ ޕާޓްނަރުންގެ ތެރޭގައި މަޓާ ހިމެނުނުކަން އެ ކްލަބުން އިއުލާންކޮށްފައިވާއިރު، މަޓާ ވެގެންދާނީ އެކްޓިވް ކުޅުންތެރިއެއްގެ ގޮތުގައި ހުރެ، ކްލަބުގެ އޯނަރުންގެ ތެރޭގައި ހިމެނޭ ފުރަތަމަ ކުޅުންތެރިޔާއަށެވެ. އަދި ސެން ޑިއޭގޯ އެފްސީގެ އޮނަޝިޕް ގްރޫޕާ ގުޅުމުން މަޓާ ވެގެންދާނީ އެމްއެލްއެސްގެ ހިއްސާއެއް އޮތް ފުރަތަމަ ބައިނަލްއަގްވާމީ ދެވަނަ ފުޓްބޯޅަ ކުޅުންތެރިޔާ އަށެވެ.
އެމްއެލްއެސް ކްލަބެއްގެ ހިއްސާއެއް އޮތް ބައިނަލްއަގްވާމީ ފުރަތަމަ ކުޅުންތެރިޔަކީ އިންގްލެންޑްގެ ލެޖެންޑް ޑޭވިޑް ބެކަމްއެވެ. ބެކަމްއަކީ އިންޓަމިޔާމީގެ އޯނަރެވެ.
އުމުރުން 36 އަހަރުގެ މަޓާ ދާދި ފަހުން އޮސްޓްރޭލިއާގެ ކްލަބް ވެސްޓަން ސިޑްނީ ވަންޑަރާސް އަށް ކުރު މުއްދަތުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. ޕްރިމިއާ ލީގުގެ ކްލަބު ޗެލްސީ އާއި މެންޗެސްޓާ ޔުނައިޓެޑުގައި ކާމިޔާބު ކުޅުމެއް ދެއްކި މާޓާ އަކީ 2010 ވަނަ އަހަރު ވޯލްޑް ކަޕް އަދި 2012 ވަނަ އަހަރު ޔޫރަޕިއަން ޗެމްޕިއަންޝިޕް ކާމިޔާބުކުރި ސްޕެއިންގެ ގައުމީ ޓީމުގައި ހިމެނޭ ކުޅުންތެރިއެކެވެ.