އެ ޖަމިއްޔާތަކުން ބުނީ މި ބަދަލުތަކުން ދައުލަތުގެ ބާރުތައް އެއްކޮށްލައި، ޑިމޮކްރެޓިކް އުސޫލުތަކަށް އުނިކަން އަންނާނެ ކަމަށެވެ.
ޓްރާންސްޕޭރެންސީ މޯލްޑިވްސް އާއި ސޭވް މޯލްޑިވްސް އަދި އޭޑީއެމް ހިމެނޭ ގޮތަށް 11 ޖަމިއްޔާއަކުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ގާނޫނު އަސާސީއަށް ގެނައި ބަދަލުތަކަކީ އެއްވެސް ހާމަކަމެއް ނެތި އަވަސް އަވަހަށް ގެނައި ބަދަލުތަކެއް ކަމަށެވެ. އަދި މި ބަދަލުތަކަކީ ގާނޫނު އަސާސީގެ ހަތަރު ވަނަ މާއްދާއާ ހިލާފު ކަމެއް ކަމަށް ވެސް އެ ޖަމިއްޔާތަކުން ބުނެފައިވެ އެވެ.
ޖަމިއްޔާތަކުން ބުނީ ރައީސުލްޖުމްހޫރިއްޔާއަށް އެކަނި ގައުމީ ތަރައްގީގެ ސިޔާސަތުތަކާއި ޕްލޭންތައް އެކުލަވާލުމުގެ ފުރިހަމަ ބާރު ލިބިގެން ދިޔުމަކީ ދިމިގްރާތީ އުސޫލުތަކުން ބާރުއަޅާ ބާރުތައް ވަކި ކުރުމުގެ އުސޫލުތަކާ ދުރު ކަމެއް ކަމަށެވެ. އަދި މަޖިލިސް މެންބަރުން ޕާޓީން ވަކިވުމުން ގޮނޑި ގެއްލޭ ގޮތަށް އޮތުމަކީ މެންބަރުންގެ މިނިވަންކަމަށް އަސަރުކުރާނެ ކަމެއް ކަމަށް ވެސް ބުނެފައިވެ އެވެ.
މި ބަދަލުތަކާ ގުޅިގެން ރައްޔިތުންގެ ހިޔާލު ހޯދުމުގެ ފުރުސަތު ނުދިނުމަކީ ދިމިގްރާތީ އުސޫލުތަކާ ހިލާފު ކަމެއް ކަމަށް ބުނެ، ގާނޫނު އަސާސީ ފަދަ މުހިންމު ގާނޫނުތައް ބަދަލު ކުރުމުގައި ދިމިގްރާތީ އުސޫލުތަކާއި ގާނޫނީ ހަމަތައް ރައްކާތެރި ކުރުމަށް ޖަމިއްޔާތަކުން ވަނީ ގޮވާލާފަ އެވެ.