ބެކަމްގެ ކްލަބު، އިންޓަ މިޔާމީގެ ކޯޗު އިސްތިއުފާ ދިނީ އަމިއްލަ ސަބަބުތަކަކާ ހުރެ ކަމަށް އޭނާއާ ހަވާލާދީ އެ ކްލަބުން ރަސްމީކޮށްވަނީ ހާމަކޮށްފައެވެ. އެހެންނަމަވެސް އޭގެ ތަފްސީލެއް އެ ކްލަބަކުން ނުދެއެވެ.
އުމުރުން 62 އަހަރުގެ މާޓިނޯ ކްލަބުގެ ކޯޗުކަމާ ހަވާލުވީ 2023 ވަނަ އަހަރުގެ ޖޫން މަހުއެވެ. އޭނާގެ ކޮންޓްރެކްޓްގައި ބާކީ އެއް އަހަރު އޮއްވާ މަގާމުން އިސްތިއުފާ ދީފައިވާ އިރު، އާޖެންޓީނާ އަދި ބާސެލޯނާގެ ކުރީގެ ކޯޗު މާޓިނޯ ވަނީ އިންޓަ މިއާމީ އަށް ފުރަތަމަ ދެ ތަށި ހޯދައިދީ، 2023 ވަނަ އަހަރުގެ ލީގު ކަޕާއި 2024 ވަނަ އަހަރުގެ ސަޕޯޓަރސް ޝީލްޑް ކާމިޔާބުކޮށްދީފައެވެ.
އިންޓަ މިއާމީގެ މެނޭޖިން އޯނަރު ޖޯޖް މާސް ބުނީ މާޓިނޯގެ ބަދަލުގައި ދެން ގެންނާނެ ކޯޗެއް ވަރަށް އަވަހަށް ނިންމައި އިއުލާން ކުރާނެ ކަމަށެވެ. ރިޕޯޓްތައް ބުނާ ގޮތުން ދެން އެ މަގާމަށް ގެންނާނީ ހާވިއާ މަޝެރާނޯއެވެ. އޭނާއަކީ އިންޓަ މިއާމީގެ ކެޕްޓަން ލިއޮނަލް މެސީ އާއި ފޯވާޑް ލުއިސް ސުއަރޭޒްގެ ވެސް ކުރީގެ ޓީމް މޭޓެކެވެ.