މި މަހާސިންތާއަކީ ރާއްޖޭގެ ދީނީ އިލްމުވެރިންނާއި އިމާމުންނަށް އަމާޒުކޮށްގެން ބާއްވާ މަހާސިންތާއެއް ކަމަަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.
މަހާސިންތާގެ މައުލޫއަށް "މުޖުތަމައު އިސްލާހު ކުރުމުގައި ފަތުވާގެ ދައުރު" ކަނޑައަޅާފައިވާއިރު މަހާސިންތާގެ މަގްސަދަކީ ރާއްޖޭގައި ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމާއި އިސްލާމްދީނުގެ މަތިވެރިވި ދަންމަރު ފެތުރުމަށް މަސައްކަތްކުރައްވާ ފަރާތްތައް އެއްތަނަކުން ބައްދަލުވެ މަޝްވަރާކޮށް ހިޔާލު ބަދަލުކުރުމުގެ ފުރުސަތު ހޯދައިދިނުން ކަމުގައި އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.
އޭގެއިތުރުން ރާއްޖޭގައި ދީނީގޮތުން ހިޔާލުތަފާތުވާ މައްސަލަތައްދެނެގަތުމާއި، މުޖުތަމައުގެ މަސްލަހަތު ހިމެނޭ ދީނުގެ އެކިއެކި މައްސަލަތަކުގައި ހިޔާލު ހޯދާ މަޝްވަރާކުރުމާއި، މިކަންކަމުގައި ގުޅުންހުރި ފަރާތްތައް އެކުގައި މަސައްކަތްކޮށް މުޖުތަމައު އިސްލާހުި ކުރުމުގައި ރޭވުންތެރިކަމާއެކު ރަނގަޅު ނަތީޖާތަކެއް ނެރެވޭނެ ގޮތްތައް ދެނެގަތުމަކީވެސް މި މަހާސިްންތާގެ މަގްސަދެއް ކަމަށް މިނިސްޓްރީން ފާހަގަކުރެ އެވެ.
މަހާސިންތާ ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ،އިސްލާމީ ފިގުހުގައި ފަތުވާގެ މަގާމަކީ ވަރަށް މަތިވެރި މަގާމެއްކަމަށެވެ. އަދި ވަކި ކަމެއްގެ ޝަރުއީ ހުކުމެއް ބަޔާންކުރުމުގެ ކުރިން އެކަމެއްގެ ހަގިގަތް ތަސައްވުރު ކުރުމަކީ ޝަރުއީ ގަވާއިދެއްކަމަށްވެސް ޝަހީމް ވިދާޅުވި އެވެ.
މިޒަމާނުގައި، ކުރިމަތި ވެފައިވާ ޒަމާނީ ފިގުހީ މައްސަލަތަކުގައި ހުކުމްތައް ބަޔާންކުރުމުގައި ޖަމާއީ ގޮތުން މަޝްވަރާކުރެވެން ޖެހޭކަމަށާއި އެފަދަ ކަންކަމުގައި ފަރުދީގޮތުން ފަތުވާދީ ހެދުމަކީ އިސްލާމީ މުޖުތަމައު ބައިބައިވެގެން ހިގައިދާނެ ކަމެއް ކަަމށްވެސް މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.
ރާއްޖޭގެ ފަތުވާގެ ނިޒާމު ހަރުދަނާކުރުމަކީ ސަރުކާރުގެ ސިޔާސަތެއްކަމަށާއި ދީނީ އެއްބައިވަންތަކަން ގާއިމުކުރެއްވުމަށް ރައީސް ޑރ މުހައްމަދު މުއިއްޒު އިސްކަމެއް ދެއްވާކަމަށާއި ގިނަ ދުވަސްތަކަކަށް ފަތުވާ ކައުންސިލްގެ މެންބަރުން ހަމަނުވެ އޮތް އޮތުން، ރައީސްވަނި ނިމުމަކަށް ގެންނަވައި، ގާނޫނުގައި ބުނާ ފުރިހަމަ އަދަދަށް މެންބަރުން އައްޔަންކުރެއްވިފައި ކަމަށް ވެސް މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ.
ފަތުވާ ދިނުން ދަރަޖަކުރުމާމެދު އިލްމުވެރިންގެ މަޝްވަރާ ބޭނުންވާކަމަށާއި އިސްލާމީ ކަންކަން ހިންގުމުގައި އިލްމުވެރިން ދެއްވާ ލަފާފުޅުތަކަށް އަބަދުވެސް އިހުތިރާމްކުރާނެކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވި އެވެ.
މި މަހާސިންތާ ކުރިއަށް ގެންދަނީ ޕެނަލް ޑިސްކަޝަންތަކެއް ހިމެނޭހެންނެވެ. މި ޕެނަލް ޑިސްކަޝަންތަކުގައި ރާއްޖޭގައި އެންމެ ފާހަގަކޮށްލެވޭ ދީނީ އިލްމުވެރިން ބައިވެރިވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.