ads
ހުޅުމާލެ އެކްސިޑެންޓާއި ގުޅިގެން ދައުވާކުރާ މީހުން
ހުޅުމާލެ އެކްސިޑެންޓަށްފަހު ފިލި އިކްރާމް ކުށަށް އިއުތިރާފުވެއްޖެ
ޖުލައި މަހު ފަހުކޮޅު ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓާއި ގުޅިގެން ހައްޔަރު ކުރި ކާރު ދުއްވަން އިން އިބްރާހިމް އިކްރާމް އެނާގެ ކުށަށް އިތުރާފުވެއްޖެއެވެ.
Advertisement

ޖުލައި މަހު ހުޅުމާލޭގައި ހިނގި ނުރައްކާތެރި  އެކްސިޑެންޓް ހިނގީ ބާރު ސްޕީޑްގައެއި ދުއްވާފައި އައި ރޭސް ކާރެއް ކޮންޓްރޯލް ނުވެގެން މަގުމަތީގައި ސައިކަލެެއްގައި މަޑުކޮށްލައިގެން އިން މީހެއް ގައިގައި ޖެހިއެވެ. އެ އެކްސިޑޭންޓް ހިނގުމާއެކު އެ ކާރުގައި ތިބި ތިން މީހުން ކާރުވެސް ދޫކޮށްލާފައި ފިލިއެވެ. 

ހުޅުމާލޭ އެކްސިޑެންޓާ ގުޅިގެން ދައުލަތުން ދައުވާ ކުރި މީހުން

  • މ. ލޭންޑްއޮފްގާޑްން، އިބްރާހިމް އިކްރާމް
  • ހ. ނޫރަންމާގެއާގޭ އިކްރާމުއްރަހުމާން
  • ގއ. ކަނޑުހުޅުދޫ އާޒާދު، ޖިނާހު އިސްމާއީލް

މި މައްސަލާގައި އިކްރާމާއި އިކްރާމުއްރަހުމާންގެ މައްޗަށް ހަ ދައުވާއެއް އުފުލާފައިވެއެވެ. އަދި ޖިނާހުގެ މައްޗަށް ހަތަރު ދައުވާއެއ ވަނީ އުފުލާފައިވެއެވެ. މި މައްސަލާފައި މިއަދު ބޭއްވި އަޑުއެގުމުގައި ދައުލަތުން ކުރި ދައުވާތަކަށް އިބްރާހިމް އިކްރާމް ވަނީ އިއުތިރާފުވެފައެވެ. އަނެއް ދެމީހުންކަމަށްވާ އިކްރާމުއްރަހުމާނާއި ޖިނާހު އިސްމާއީލް ވަނީ ދައުވާތަކަށް އިންކާރުކޮށްފައެވެ. 

ޝަރީއަތުގެ މަޖިލީހުގައި އިކްރާމްގެ ފަރާތުން ވާހަކަ ދައްކަމުން އޭނާގެ ވަކީލް އެދުނީ ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހާ އެކު އިއުތިރާފު އެއްބަސްވުމެއް ހެދުމަށް މަޝްވަރާކުރުމަށް ފުރުސަތެއް ދިނުމަށެވެ. އަދި އެއަށްފަހު ޖަވާނު ދާރީވާން ފުރުސަތަކަށް އެދުނެވެ. 

އިކްރާމުއްރަހުމާން ބުނީ އޭނާ ކާރަށް އެރީ ފަސެންޖަރެއްގެ ގޮތުގައިކަމަށް 

ދައުލަތުން ކުރި ދައުވާތަކަށް އިންކާރު ކުރަމުން މި މައްސަލާގައި ހިމެނޭ އިކްރާމުއްރަހުމާންގެ ވަކީލް ވިދާޅުވީ އެ އެކްސިޑެންޓުގެ ޒިންމާ އިކްރާމުއްރަހުމާން ނަގަން ނުޖެހޭކަމަށެވެ. ސަބަބެއްކަމަށް ބުނީ އިކްރާމުއްރަހުމާން ކާރަށް އެރީ ހުޅުމާލެ ދެވަނަ ފިޔަވައްސަށް ދާން ޖެހިގެން ފަސިންޖަރެއް ގޮތުގައިކަން ޖިނާހު ތަހުގީގަށް ދިން ބަޔާނުން އެނގޭތީކަމަށެވެ. އަދި އެ ހާދިސާ ހިނގުމުން ފުލުހުންނަށް ރިޕޯޓް ނުކުރާކަމަށް ބުނިނަމަވެސް އެކްސިޑެންޓްވި ތަނުގައި ތިބި ފުލުހުންތަކަކަށް އިކްރާމުއްރަހުމާން އެކަން އެންގިކަމަށްވެސް އޭބާގެ ވަކލް ވިދާޅުވިއެވެ. 

ޖިނާހް ބުނީ އެތަނުން ދިޔަސް މައްސަލައެއް ނެތްކަމަށް ފުލުހުން ބުނިކަމަށް 

ދައުވާއަށް އިންކާރުކުރަމުން މި މައްސަލާގައި ހިމެނޭ ޖިނާހު އިސްމާއީލް ބުނީ އޭނާ އެތަނުން ދިޔައީ ފުލުހުންނާއި ވާހަކަ ދައްކާ ފުލުހުން ހުއްދަ ދިނުމުންކަމަށެވެ. އެގޮތުން ކާރު ގޮސް ޖެހުނު ސައިކަލް އިން މީހާގެ ބޭސް ފަރުވާއަށާއި ސައިކަލަށް ލިބުނު ގެއްލުމަށް އެއްޗެއް ދޭން ޖެހޭނެމަށް އެކަން ކުރާނެކަން އެތަނުގައި ތިބި ފުލުހުން ކައިރީ ޖިނާހް ބުނިކަން ވަކީލް ފާހަގަކުރިއެވެ. އަދި އެ ތަނުން ދިޔައަސް އެއްވެސް މައްސަލައެއް ނެތް ކަމަށް ފުލުހުން ބުނިކަމަށްވެސް ޖިނާހްގެ ވަކީލް ވިދާޅުވިއެވެ. 

ދައުލަތުގެ ރައްދު 

ދފާއީ ވަކީލުންގެ ވާހަކަތަކަށް ރައްދު ދެއްވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ ކާރު ދިޔައީ ހުއްދަ ކުރެވިފައިވާ ސްޕީޑަށްވުރެ ބާރަށްކަން އެނގޭ އިރު ހުއްޓުވަން ފަރުދީ ގޮތުން އެމީހުްނ އެއްވެސް މަސައްކަތެއް ކޮށްފައިނުވާކަމަށެވެ. އަދި ތިމާއަށް ކުރެވުނު ކަމަކުން ވިޔަކަސް އިންސާނަކަށް އަނިޔާއެއް ލިބުމުން ދޭން ޖެހޭ އެހީތެރިކަން ދީފައެއް ނުވާކަމަށްވެސް ދައުލަތުގެ ވަކީލް ވިދާޅުވިއެވެ. 

އިކްރާމްގެ މައްޗަށް އުފުލާފައިވަނީ އަނިޔާއެއް ދިނުމުގެ ދައުވާއާއި، މީހަކު ފަރުވާލެއް ނެތި ކުރާ އަމަލެއްގެ ސަބަބުން މީހަކަށް، އޭނާގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ލިބިދާނެ ކަމުގެ ބިރެއް ކުރިމަތިކުރުވުމުގެ ދައުވާއާއި މުދަލަށް ގެއްލުން ދިނުމުގެ ދެ ދައުވާއާއި އެކްސިޑެންޓް ވުމުން އެކަމުގެ ރިޕޯޓް ނުކުރުމުގެ ދައުވާ އަދި އެހީއަށް ބޭނުންވެފައިވާ މީހާއަށް އެކަށީގެންވާ ސަބަބެއް ނެތި އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ދައުވާ އެވެ.

އިކްރާމުއްރަހުމާންގެ މައްޗަށް އުފުލާފައިވަނީ އެކްސިޑެންޓް ވުމުން އެކަމުގެ ރިޕޯޓް ނުކުރުމުގެ ދައުވާއާއި އެހީއަށް ބޭނުންވެފައިވާ މީހާއަށް އެކަށީގެންވާ ސަބަބެއް ނެތި އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ދައުވާއާއި އަނިޔާއެއް ދިނުމުގައި ބައިވެރިވުމުގެ ދައުވާއާޢި މީހަކު ފަރުވާލެއް ނެތި ކުރާ އަމަލެއްގެ ސަބަބުން މީހަކަށް، އޭނާގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ލިބިދާނެ ކަމުގެ ބިރެއް ކުރިމަތިކުރުވުމުގައި ބައިވެރިވުމުގެ ދައުވާއާޢި މުދަލަށް ގެއްލުން ދިނުމުގައި ބައިވެރިވުމުގެ ދެ ދައުވާ އެވެ.

ޖިނާހުގެ މައްޗަށް އުފުލި ދައުވާތަކީ އަނިޔާއެއް ދިނުމުގައި ބައިވެރިވުމުގެ ދައުވާއާއި މީހަކު ފަރުވާލެއް ނެތި ކުރާ އަމަލެއްގެ ސަބަބުން މީހަކަށް، އޭނާގެ ހަށިގަނޑަށް ބޮޑުަނިޔާއެއް ލިބިދާނެ ކަމުގެ ބިރެއް ކުރިމަތިކުރުވުމުގައި ބައިވެރިވުމުގެ ދައުވާ އަދި މުދަލަށް ގެއްލުން ދިނުމުގައި ބައިވެރިވުމުގެ ދެ ދައުވާއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް