އޯހ.. ނޯ...! އަހަރެން އަދި ނުބުނަން ދޯ..! ކާމިލްދެކެ އަހަރެން ވަރަށް ލޯބިވޭ.. އެއްބަނޑު އެއްބަފާ ބޭބެއަކު ހުރިނަމަވެސް ކާމިލް އަހަރެން ރައްކާތެރިކުރާ ގޮތަށް އެކަން ނުކުރާނެ އެވެ. ބައްޕައަކު އަންހެން ދަރިޔަކަށް ހިތްވަރުދޭ ފަދައިން ކާމިލް އަހަންނަށް ހިތްވަރުދެ އެވެ. ލޯބި ވެރިޔަކު އަހަންނާއި ސަމާސާކުރާނެ ފަދައިން ކާމިލް އަހަންނާއި ސަމާސާކުރެ އެވެ. ބެސްޓް ފްރެންޑެއް ފަދައިން ކޮންމެ ހިދެއްގައި އަހަންނާއި އެންމެ ގާތުގައި ހުންނާނީވެސް ކާމިލް އެވެ.
ޖުމްލަކޮށް ބުނެވޭނީ ކާމިލްދެކެ ވަރަށް ބޮޑަށް އަހަރެން ލޯބިވޭ އެވެ. އެކަމަކު އެއީ އީތަންދެކެ ލޯބިވާ ފަދައަކުން ނޫނެވެ. އަދި އެފަދަ އިހްސާސްތަކެއްވެސް ކާމިލްއާމެދު ދުވަހަކުވެސް ނުއުފެދެ އެވެ. އީތަން މުހައްމަދު މަނިކުއަކީ އަހަރެންގެ ކުރިމަތީގައި ހަމައެކަނި ނަމެއް ނޫނެވެ. އެއީ އަހަރެންގެ ހިތުގެ ކާނާ އެވެ. މި ހިތުގެ ދިރުމެވެ. އަހަރެންގެ ކޮންޓްރޯލެއް މިހިތުގައި ނެތް މިންވަރަށް އީތަންދެކެ އަހަރެން ލޯބިވޭ އެވެ. ލޯބީގެ ގޮތުން އިތުރު މީހަކާމެދު ވިސްނުމަކީވެސް އަހަރެންގެ އިހްތިޔާރުގައިވާ ކަމެއް ނޫނެވެ. އެހެން މީހަކާމެދު އެ ފަދައިން އަހަރެން ވިސްނުމަކީވެސް އަމިއްލަ ހިތަށް ވެވޭ ބޭވަފާތެރިކަމަކަށް ނޫނީ ނުވާނެ އެވެ.
އެކަމަކު މިހުރިހައި ކަމެއްގެ ތެރެއިންވެސް އަހަރެން ގަބޫލުކުރަންޖެހޭ ހަގީގަތަކީ މި ލޯތްބަކީ މި ޒަމާނުގެ ގޮތުން ބަލަންޏާއި، މިސާލަކަށް 'ފޭންގަރލ' ލޯބިފަދަ އެއްޗެކެވެ. ހަގީގަތުގައި އީތަންދެކެ އާންމު އުސޫލުން އިޝްގީލޯބި ވެވޭނެ ފުރުސަތެއް އޮތްކަން ނުވަތަ ނޫންކަން އަހަންނަށްވެސް ޔަގީނެއް ނޫނެވެ. އޭނާގެ ރުންކުރުކަމާއި ރުޅިއާއި ނަފްރަތުގެ އަލީފާނަކީ ނުރައްކަލެއްކަން އަހަރެން ގަބޫލުކުރަމެވެ.
"ތިއީ އިންސާފެއް ނޫން.. މި އޮފީހުގެ ބޮސް ފަދައިން ބޯރިންގ މީހަކަށް ނުވައްޗޭ.. މިހިރަ ބޮސް ކައިރިން ދިރިއުޅުމުގެ ފިލާވަޅު ދަސްނުކުރާތި.." އެއްލޯ މަރައިލާފައި އަންޔާ ބުނެލި އެވެ.
ހަގީގީ މާނައިގައި އެ ޖުމުލަ ނުބުނިކަމުގައިވިޔަސް، އަހަރުމެން ދެމީހުންގެ ދެމެދު ކޮންމެވެސް ވަރަކަށް ދިމާކުރުމުގެ ރާގެއް އެޖުމުލައިން އަހަރެން ފާހަގަކުރީމެވެ.
އަންޔާއާއި އަހަރެންނާއި ދެމެދު ދެބެންފަދަ ގާތް ގުޅުމެއް އޮވެ އެވެ. އަހަރެންގެ ހިތުގައި އީތަންއަށް އުފެދިފައިވާ ލޯތްބާއިމެދު ނުހަނު ރަގަޅަށް އަންޔާގެ މައުލޫމާތު ހުންނާނެ އެވެ. މާނައަކީ ހުރިހާ ވާހަކައެއް އަހަރެން އަންޔާއާއި ހިއްސާކުރަނީއެއް ނޫނެވެ. އެހުރިހައި ކަމެއް ދެނެގަތީ އަންޔާ އަމިއްލައަށެވެ. އަންޔާ ބުނާގޮތުންނަމަ، 'އީތަންއާއި ދިމާއަށް އަހަރެން ބަލައިލާގޮތުން' ކަނު މީހަކަށްވެސް އެކަން އިނގޭނެ އެވެ.
ކުރާން އިން މަސައްކަތް މަޑުޖައްސާލާފައި އީތަން ތެދުވެއްޖެ އެވެ. އަހަރުމެން އެންމެންނަށް ބަލާލާފައި މަޑުމަޑުން ހިނގާލާފައި އައިސް ހުއްޓުނީ އަހަރެންނާއި މާ ދުރަކު ނޫނެވެ. އެ ހިސާބަށް އީތަން އައުމުންވެސް އަހަރެންގެ ހިތުގެ އަޑު ބާރުވެއްޖެ އެވެ. ލޭގެ ހިނގުން އަވަސްވެއްޖެ އެވެ.
"ކަލޭމެން އެންމެން ކުއްލިޔަކަށް މިގަޑީގައި މިއަދު މިތަނަށް އަންނާންޖެހުނު ސަބަބަކީ ކޮބާ..؟ ތަންކޮޅެއް ތެދަށް ބުނެދޭންވެއްޖެހެން މަށަށް ހީވަނީ.." އޭނާގެ 'ރަސްމީ ގޮތަށް' ދެ ޖީބަށް އަތްޖަހާލާފައި ހުއްޓުނެވެ. ފަހަރަކު މީހެއްގެ މޫނަށް ބަލައިލީ ސުވާލުގެ ޖަވާބު އަންނާނެ މިސްރާބެއް ޔަގީންކޮށްލުމަށްހެން ހީވި އެވެ.
"އަހަރުމެން އެންމެން މިތަނަށް ގެނައީ ޔޯ.. މިސް، ރިދީ..!" ދިމާކޮށްލާފަދަ ބެލުމަކުން އީތަންއާއި ދިމާއަށް ބަލައިލަމުން ރަޒީން ބުނެލި އެވެ.
ލިބުނު ޝޮކުގެ ބޮޑުކަމުން އަހަރެންގެ އަނގަހުޅުވުނުގޮތަށް ލައްޕާންވެސް ނޭގުނެވެ. އީތަންގެ ހާލު އެއަށްވުރެން ބޮޑެވެ. ދެ ބުމަ ގޮއްޖަހާލާފައި ކޮންމެވެސް އެއްޗެއް ކިޔެވެ. އެ ކީ އެއްޗެއް އެހެންމީހަކަށް އަޑު ނީވުނުކަން އެއީ އެހެން އެންމެންގެ ނަސީބުކަމަށްވެސް ވެދާނެ އެވެ.
ސުބުހާނަﷲ އެވެ. ރަޒީން ދެންމެ އެބުނި އެއްޗެއް ސިކުނޑީގައި ރަނގަބީލު އަޅައިލީ އަދި ކިރިޔާ އެވެ. އޭނާ އެބުނީ 'ޔޯ މިސް ރިދީ' އޭ ހެއްޔެވެ؟
އެއީ ދިމާކޮށްލަން ބުނިއެއްޗެއްކަން އަހަންނަށްވެސް އެގެ އެވެ. އެއީ އީތަން އަހަރެންގެ ނަން އާންމުކޮށް ބޭނނުންކުރާ ގޮތެވެ. އީތަން އެގޮތަށް ގޮވާލާ އަޑު އަހަން އަހަރެންގެ ކަންފަތް އިންތިޒާރުކުރާވަރު އެހެން މީހަކަށް ނޭގޭނެ އެވެ. އެކަމަކު ރަޒީން އެކަން ފާހަގަކޮށްފައި ބުނި ސަބަބެއް އަހަންނަކަށް ނުވިސްނުނެވެ.
ލިބުނު ޝޮކްގައި ހުއްޓުން އަރާފައި އަހަންނަށް ހުރެވުނެވެ. ދެން ފެނުނީ ސަރގެ ރައްޓެހިންނާ ދިމާއަށް ދެލޯ އަޅައިގެން ހުރި މަންޒަރެވެ. ޖަވާބުގައި ރަހްމަތްތެރިންގެ ފަރާތުން ސަރއަށް ލިބުނީ ހިނިގަނޑެކެވެ.
"ސަން ޝައިން..! މިއަދަކީ ކޮން ދުވަހެއްކަމާއި މިއަދުގެ ހާއްސަކަމަކީ ކޮބައިކަން އަހަރުމެން އެކަކުވެސް ހަނނދާނެއް ނުނެތޭ.." އަހަރެންގެ ކޮނޑަށް އަތް އެއްލާފައި ގާތްކޮށްލަމުން ކާމިލް ބުންޏެވެ.
އުފާވެރިކަމުގެ އުއްމީދީ ވިދުވަރުން އަހަރެންގެ ދެ ލޯ ބަބުޅާލި އެވެ. ތެދެކެވެ. އަހަރެންގެ އާއިލާއަކީވެސް އެއީ އެވެ. އަހަރެންގެ އެކުވެރިންނަކީވެސް އެއީ އެވެ. އަހަރެންގެ އެންމެ ހާއްސަ ދުވަސް އެމީހުން ހަނދާން ނުނެތެ އެވެ.
"ރިދަމް ސްޓޫޑިއޯއާއެކު އަހަރުމެންގެ މީޓިންގ އޮތީ ހަމަޖެހިފައި.. އަހަރުމެން މިވަގުތު މިއައީ ރަސްމީކޮށް އެކަން ހަނދާންކޮށްދިނުމަށް.. މީޓިންގ އޮތީ މިރޭ ނުވައެއްޖަހާއިރު މަނިކް ވިލާ ގައި.." އަންޔާ ބުނެލި އެވެ.
އުއްމީދުން އަލިކުރި ވިދުވަރުގެ އެންމެ ހިމަ ރޮދިފަށްވެސް އަންޔާ އެ ކަނޑާލީ އެވެ. އަހަރެންގެ މޫނުމަތީގެ ތާޒާކަން ގެއްލިގެން ދިޔަކަން އެތަނުގައި ތިބި ކޮންމެ ލޮލެއް ހެކިވާނެ އެވެ.
ކަންފަތުން އަރަމުންދޔަ އާތްވާއި ބޮލަށް ލިބެމުންދިޔަ ވޭންތައް ފިލާވަރަށް އަޑަށް ބާރުލާފައި ރޯން ބޭނުންވި އެވެ. ވަރަށް ހިތްވަރުކުރީމެވެ. އެކަމަކު އެންމެންގެ ކުރިމަތީގައި ކޮޅަށް ހުންނާނެ ބާރެއް، ދެފައިގައި ނެތެވެ. ނުހަނު ބާރަށް ފިޔަވަޅު އަޅަމުން އެތަނުގެ ތެރެއިން އަހަރެން ނިކުތީ އެންމެންގެ މޫނަށް ދޮރުޖަހާފަ އެވެ. ލެއްޕުނު ދޮރުގެ އެތެރެއިން އިވުނު ހިނިގަނޑު އަހަރެންގެ ހިއްސުތަކުގައި ލޮނުމިރުސް އެޅިފަދަ އެވެ. ނަގަމުންދިޔަ ދިލައަށް ކެތެއް ނުވި އެވެ. އަހަރެންގެ ކެބިންއަށް ވަދެފައި އެތަނުގައި ހުރި ބިއްލޫރި ފެންޖަގުގައި ތުންޖެހީމެވެ. އެ ހުރިހައި ފެނެއް އަހަރެންގެ ދިފާއީ ނިޒާމު މައިތިރި ކޮށްދޭނެކަމުގެ އުއްމީދުގަ އެވެ. އެކަމަކު ގޮހޮރުވެސް މާކުޑައީކަމަށް ވެދާނެ އެވެ. ޖަގުގައި ހުރި ފެނުގެ ތިންބައިކުޅަ އެއްބަޔަށްވެސް އަހަރެންގެ ހަށިގަނޑު ހުއްދައެއް ނުދިނެވެ. ލިބުނު ނާކާމިޔާބުގައި ފާހާނާގެ މޫނު ދޮންނަ ތަށީގެ ތެރެއަށް އެ ފެންޖަގު އޮއްސާލީމެވެ.
ރުޅިއަކީ އަހަރެންނާއި އެންމެ ބީރަހައްޓެހި ސިފަ އެވެ. އެކަމަކު ރުޅިއައިސްފިއްޔާ އަހަރެންނެކޭ މި އޮފީހުގެ ބޮސް، މޮންސްޓަރއެކޭ ތަފާތެއް ނުހުންނާނެ އެވެ.
ހަމައެވަގުތު އަހަރެންގެ ފޯނު ވައިބްރޭޓްވާން ފަށައިފި އެވެ. 'ގައިސަރް'ގެ ނަން ފެންނާން އޮތެވެ.
"ހެއި ރިދީ ޑަރލިންގ.. ވަޓްސް އަޕް؟" ކަންފަތުގައި ފޯނު ނުޖެއްސެ އެވެ. ގައިސަރްގެ އަޑުން އަހަރެންގެ ކަންފަތް ފަޅައިގެން ހިނގައިދާނެތީ ކަންފަތުގައި އަތް އެޅީމެވެ.
ގައިސަރްއަކީ އަހަރެން ކުޑައިރުގެ އެންމެ ގާތް އެކުވެރިޔާ އެވެ. މިއަދު މި ފުރުނީ ވިހި އަހަރެވެ. އަހަރެންގެ ރުޅި މަޑު ކަމަށްޓަކައި ކޮނޑުގައި އަތް ތަޅާލަންވެސް މިވަގުތު ބޭނުމެވެ. އަހަރެންގެ އެންމެ ކުޑައިރުގެ އެކުވެރިޔާވެސް އަހަރެންގެ އުފަންދުވަހުގެ ތަހުނިޔާ ކިޔާނުލި އެވެ. ހައިރާންވެ އަންތަރީސްވި އެވެ. ގައިސަރް މަސައްކަތްކުރަނީ ރޭޑިއޯ ސްޓޭޝަނެއްގަ އެވެ. އަހަންނަށް ތަހުނިޔާ ކިޔައި ނުލެވޭ މިންވަރަށް އޭނާވެސް 'ބިޒީ' އެވެ.
ފާޑުފާޑުގެ އެއްޗެހި ހިތައް އަރަން ފަށައިފި އެވެ. އެކަމަކުވެސް ގައިސަރް ފޯނު ކަނޑާލަންދެން އަހަރެން އޭނާއާއި ވާހަކަދެއްކީމެވެ. އޭގެ ފަހުގައި އަހަރެންގެ މަސައްކަތަށް ރުޖޫއަވީމެވެ.
އުނދަގޫވަމުންދިޔަ ހުރިހައި ކަމަކުން ދުރުވެވޭވަރަށް އަހަރެންގެ އަމިއްލަ ނަފުސު 'ބިޒީ' ކޮށްލީމެވެ. އުނަގަނޑަށް ތަދުއަރައި ކަނދުރާގައި ރިއްސަން ފެށުމުން ހަށިގަނޑު ދަމާލުމަށްޓަކައި އަރިއަރިޔަށް ޖެހިލީމެވެ. ކުއްލިޔަކަށް ލޮލުގައި އަޅައިގަތީ ޕާރުސަލް ކޮށްފައިވާ ކުޑަކުޑަ ފޮއްޓެކެވެ. ނުހަނު ރީތި ވިދާ ކަރުދާހަކުން ޕާރުސަލް ކޮށްލާފައިވެ އެވެ. ރީތި ރިބަންކޮޅެއްގައި އެލުވާލާފައިވާ ނޯޓެއް އަހަރެންގެ ސަމާލުކަން ހޯދި އެވެ.
ޕާރުސަލް ނަގާފައި އަހަރެން ފުރަތަމަވެސް ބަލައިލީ އެ ނޯޓަށެވެ. އަދި އެ ނޯޓް ރިބަންކޮޅުން ވަކިކޮށްލާފައި ހުޅުވާލީމެވެ. އޭގައިވަނީ އެންމެ ދެ ލަފްޒެވެ. އެކަމަކު އަހަރެންގެ ހިއްސުތަކުގައި ޑީޖޭ ޖައްސުވާލަން އެ ދެ ލަފުޒު ފުދިއްޖެ އެވެ.
-ފްރޮމް އީތަން-
އިތުގައި ތަފާތު ވިންދެއް ޖަހައިލި އެވެ. ލިބުނު ޝޮކްގައި އަނގަހުޅުވިފައިވާކަމެއްވެސް އަހަންނަކަށް ނޭގެ އއެވެ. ލޯތްބާއެކު ބޮޑުވައި އިނގިލިން އެ ނޯޓްގައި ތަކުރާރުކޮށް ފިރުމައިލީމެވެ. އޭގައި އޮތީ އީތަންގެ ނަމެވެ. އަހަރެންގެ ނަޒަރުގައި އެއީ ހައިބަތު ހުރި މާތް ނަމެކެވެ.
އެކަމަކު މިއީ ޖޯކަކަށް ވެދާނެކަމަށް އަހަރެންގެ ހަވަނަ ހިއްސު ބުނެލި އެވެ. މިއީ އަހަންނަށް ލަނޑެއްދިނުމަށް އަންޔާ ކޮށްފައިވާނެ ކަމަކަށް ނޫނީ ނުވާނެ އެވެ. އީތަން ސަރ ގެ ހަދިޔާއެއް އަހަރެންގެ މޭޒުމަތީގައި އިންނަންވީ ކީއްވެ ހެއްޔެވެ؟ މިއަދު މިއީ ކޮން ދުވަހެއްކަންވެސް ސަރ ހަނދާނެއް ނެތެވެ.
ކޮންމެ ގޮތެއްވިޔަސް އަހަރެންގެ އުފާވެރިކަމުގައި އެ ޕާރުސަލް ހުޅުވުމަށް އޮތް ޝައުގުވެރިކަމަށް ބަދަލެއްނަ އެވެ. އަހަރެން އެ ފޮށި ހުޅުވާލީމެވެ.
އޭގައި އޮތީ ރޯޒް ގޯލްޑް ކުލައިގެ ގަޑިއެކެވެ. އެއާއެކު ހިމަ ކެވެލިކޮޅަކާއި ތަނޑިއެއް އޮތެވެ. އެއީ ގަޑީގެ ފުރިހަމަ ސެޓް އެވެ. ގަޑިއަކާއި ކެވެލިކޮޅަކާއި ތަނޑިއެކެވެ. ތަނޑީގެ ވަށައިގެން ޑައިމަންޑް ޖަހާފައިވެ އެވެ. ކެވެލިކޮޅުގައި އެލުވާލާފައިވަނީ މިއުޒިކަލް ނޯޓްއަކާއި ބިއްލޫރިކޮޅެއް ފަދަ ތަރިއެކެވެ. ހިތްގައިމުކަމާއި ރީތިކަމުގެ މިސާލެއް ނެތްފަދަ ހަދިޔާއެކެވެ. ހަދިޔާގެ އެންމެ ހާއްސަކަމަކީ އެއީ އަހަރެންގެ އެންމެ މަގްބޫލް ބްރޭންޑްގެ ގަޑިއަކަށްވުމެވެ. މި ބްރޭންޑްގެ ގަޑިއެއް ގަންނަން އަހަރެން ވަކި ބަޖެޓެއް ހަދައިގެން ރައްކާކުރަމުން އަންނަކަން އިނގޭނީ ހަމައެކަނި އަހަންނަށެވެ. އެކަމަކު އެއަށް ބަޖެޓް ހަމަކުރެވުނަސް އެގަޑި ގަންނަން އަހަރެންގެ ލަގޮނޑިއަށް ކެތްވާނެކަމާމެދު އަމިއްލަ ނަފުސަށް އަދިވެސް ޔަގީންކަމެއް ނެތެވެ.
ހަގީގަތުގައިވެސް، އީތަންގެ ފަރާތުން ލިބުނު ހަދިޔާގެ ފުރިހަމަކަމުން އަހަރެން އާޝޯހްވެއްޖެ އެވެ. މޫނުމަތީން ފެންނަމުންދަނީ ކޮން ޒާތެއްގެ ހިނިތުންވުމެއްކަން ސިފާކުރާކަށް އަހަންނަކަށް ނޭގެ އެވެ. ނަމަވެސް ކޯތާފަތުން ހޫނު އުފެދެމުން ދިޔައީ ލަދުރަކި ކަމެއްގެ ސަބަބުންކަން ޔަގީނެވެ.
އަހެމް-އަހެމް
އީތަން ސަރގެ ކަރުކެހިލުމުން އަހަރެންގެ ދެފައި، ބިމުން ކަޓައިގެންދާވަރަށް ސިހުނެވެ. ގަތްލަދުން ސަލާމަތްވުމަށް ކުއްލިޔަކަށް ވިސްނުނީ އެންމެ ގޮތެކެވެ. އެއަޑު އިވޭކަމަށް ނުހަދާ އިނުމެވެ. އަހަރެން އަތުގައި އޮތް ފުރިހަމަ އުފެއްދުމަށް ޝައުގުވެރިކަން ހުއްޓުވާލީމެވެ. ކުރިއަށްވުރެން ލޯބިން ގަޑީގައި ފިރުމާލީމެވެ. އަހަރެންނާއި ދާދި ގާތުގައި އީތަން ސަރ ހުއްޓުނެވެ. ވައްކަޅިން ބަލައިލީމެވެ. ދެމީހުން ދެމެދުގައިވަނީ އެންމެ ފިޔަވަޅެއްގެ ދުރުމިންކަން ކަށަވަރުވި އެވެ.
ދުވަހަކު އަވަސްނުވާވަރަށް އަހަރެންގެ ހިތު ވިންދު އަވަސްވެއްޖެ އެވެ. ކަރުގައި ލަގޮނޑި ތާށިވިހެން ހީވި އެވވެ. އަހަރެން ކިރިޔާ ގުޑާލިޔަސް ސަރގެ ގައިގައި މި ހަށިގަނޑު ބީހިލާނެކަން ޔަގީނެވެ.
ސަރގެ ހޫނު ނޭވާ އަހަރެންގެ ކަނދުރާއަށް އަމާޒުވަމުންދިޔަ އެވެ. އާންމު އިންސާނެއްގެ ނޭވާއާއި އެއް މިނެއްގައި، ނޭވާ ހިފަހައްޓާލެވޭތޯ އަހަރެންކުރި ހުރިހައި ހިތްވަރެއް ވީ ބޭކާރެވެ.
"ހައު'ޒް ދި ގިފްޓް މިސް، ރިދީ..؟!" ސަރގެ ހަސްކީ އަޑުން ބުނެލީ އަހަރެންގެ ކަންފަތު ފޫޅު ތުރުތުރު އަޅުވާލާފަ އެވެ. ކަނދުރާގެ ހިމަ ލޯލިތައް ކޮޅަށްޖެހިއްޖެ އެވެ.
އަހަރެންގެ މޭ ފަޅާފައި ހިތް ނިކުމެގެން ފުންމާލި ނަމަވެސް މެއަށް އެވަގުތު އެވީގޮތް ނުވީހެވެ. އެކަން ޔަގީނެވެ.
"އިޓްސް އެމޭޒިންގ.. ތެންކް ޔޫ ސަރ.. ބަޓް މޭ އައި ނޯ ދި ރީޒަން ފޯރ ދިސް ބިއުޓިފުލް ގިފްޓް..؟" ނުހަނު ހިތްވަރުން ސަރއާއި ދިމާއަށް އަހަރެން އެނބުރެލީ ފަހަތަށް ފިޔަވަޅެއް އަޅާފަ އެވެ.
'ބަރތް ޑޭ ވިޝް' ސަރ ނުކުރާކަން އަހަރެން ހަނދާން ނެތުނީއެއް ނޫނެވެ. ދުރުދުރުން ސަރ ކުޅެމުން ގެންދިޔަ 'ގޭމް'ގައި އަހަރެންވެސް ފުރިހަމައަށް ބައިވެރިވެލީ އެވެ.
"އިޓްސް ބިކޯޒ- " ނުރައްކާތެރި މިންވަރަށް އަހަރެންނާއި ގާތްވެލާފައި ސަރގެ އިޝްގީ އަޑުން ބުނަންފެށި އެވެ.
ދެމީހުންގެ ހޫނު ނޭވާ، މޫނަށް އަމާޒުވަމުންދިޔަ ވަގުތު އަހަރެންގެ ގައިން ހީބިހި ނެގި އެވެ.
"ބި- ކޯޒް-.." އަހަރެންގެ ދޫ ވެސް ހަރަކާތެއް ނުކުރި އެވެ.
މޫނުމައްޗަށް ހުރަސްއެޅެމުންދިޔަ އިސްތަށިތައް ލަސް ހަރަކާތަކާއެކު އަހަރެންގެ ކަންފަތް ކައިރިއަށް ސަރ ލައްވާލި އެވެ. އަހަރެންގެ ބަނޑުގައި ފިޔަޖަހަންފެށީ ކޮކާތަކެއް އެކަށްޏެއް ނޫނެވެ. މުޅި ޒޫ އެކުގައި ފިޔަޖަހަން ފަށައިފި އެވެ.
ސަރގެ މި ހަރަކާތްތަކަށް އަހަރެން ތަބާވެގެން މި ހުންނަ ހުރުމަކީ، ހަމަބުއްދީގައި ހުރެ، ހެދޭ ބޮޑު ގޯހެއްކަން އަހަންނަށް އިގެ އެވެ. އެކަމަކު އަހަރެންގެ ހިއްސުތައް ބުނަނީ، ސަރ ގެ ކޮންމެ ގޯނާއަކީ ލޮބުވެތި ހަރަކާތެއްކަމަށެވެ. އެ ހަރަކާތްތަކަށް އަހަރެންގެ ގުނަވަންތައް ކެތްތެރިކަން ކުޑަވެފައިވާ ފަދަ އެވެ.
"ބި-ކޯ-ޒް--- ބި-ކޯ-ޒް-" ލަސްލަހުން އަކުރުތަކަށް ދަމާލާފައި ސަރ ބުނަން ފެށި އެވެ. އެކަމަކު ޖުމަލަ ކުރިއަށް ނުގެންދިޔައީތީ ސަރ އާއި ދިމާއަށް އަހަރެން ބަލައިލީމެވެ.
"އެއީފާއިތުވިހަފްތާގެކޮންމެދުވަހެއްގައިރިދީއޮފީހަށްއައީގަޑިޖެހިގެންއެހެންވީމަރިދީގެގަޑިހުއްޓިފައިއޮވެދާނެތީއާގަޑިއެއްހަދިޔާކުރީ"
ފަރިތަކަމާއެކު މުބާރާތެއްގައި ކަންވާރަކަށް މިނާފުށްތަކެއް އަމުނާން ހަވާލުކޮށްފައިވާ މީހަކަށްވެސް އެކަން ނުކުރެވޭނެހައި އަވަސްކޮށް ސަރގެ ޖުމުލައަށް އަކުރުތައް އަމުނާލި އެވެ. އެ ބުނި އެއްޗެއް ދޭހަ ނުވެގެން އަހަރެންގެ ސިކުނޑިއާއި ހިތާއި އަނގަ ހަރަކާތްކުރީ އެއްފަހަރާ ކަމަށްވެދާނެ އެވެ. ދެ ލޯ ބޮޑުވެ، ކަތުރުކަށިގަނޑު ބިމުގައި ޖެހުނުހެން ހީވި އެވެ. ސަރގެ މޫނަށް އަހަރެން ބަލައިލީމެވެ. ދެންމެ އުފަންވި ތުއްތު ކުއްޖެއްގެ މޫނުވެސް އެހައި މައުސޫމު ނުވާނެކަން ކަށަވަރެވެ.
(ނުނިމޭ)