ބޮނޑިބަތް ޕާކުގައި ރޭ ބޭއްވި ކަންމަތީ ޖަލްސާގައި ވާހަކަދައްކަވަމުން އިމްތިޔާޒް ވިދާޅުވީ ގާނޫނުއަސާސީއަށް ގެނައި އިސްލާހާ އެކު ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ސޮއިކުރާ މެންބަރުންގެ ގޮނޑި ގެއްލޭނެ ގޮތް ހަދާފައިވާ ކަމަށެވެ.
އިމްތިޔާޒް ވިދާޅުވީ ގާނޫނުއަސާސީގައި ރައްޔިތުންނަށް ލިބިދީފައިވާ ބާރުތައް މިހާރު ރައީސްގެ މުށުތެރެއަށް ޖަމާކޮށްފައިވާ ކަމަށެވެ. އަދި އެ ބާރުތައް އަނބުރާ ހޯދަން މަގުމައްޗަށް ނުކުންނަން ޖެހުނަސް އެކަން ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މި މަހުގެ 20 ވަނަ ދުވަހު ގާނޫނުއަސާސީއަށް ގެނައި އިސްލާހުތަކުގައި ގޮނޑި ގެއްލޭނެ ހަތަރު ހާލަތެއް ބަޔާންކޮށްފައިވެ އެވެ. އޭގެ ތެރޭގައި ޕާޓީން ވަކިވުމާއި އެހެން ޕާޓީއަކަށް ބަދަލުވުން ހިމެނެ އެވެ. މި އިސްލާހުތައް ބާތިލުކުރުމަށް ސުޕްރީމް ކޯޓަށް މައްސަލައެއް ވަނީ ހުށަހަޅާފަ އެވެ.