ސޯޝަލް މީޑިއާގައި އަންނަނީ އެންސްޕާ ހިންގާ އިމާރާތް ކުއްޔަށް ހޯދުމުގައި ކުރެވުނު މުއާމަލާތާ ގުޅުވާ ތުހުމަތުތައް ކުރެވެމުންނެވެ. އެގޮތުން އެންސްޕާ ހިންގާ އޮފީސް އިމާރާތެއް ހޯދަން 34.8 މިލިއަން ރުފިޔާގެ މުއާމަލާތެއް ގޭގެ ވެރިފަރާތް ނޫން އެހެން ފަރާތަކާ ކުރިކަމަށް ބުނެ ތުހުމަތުތަކެއް ސޯޝަލް މީޑިއާގައި އަންނަނީ ކުރަމުންނެވެ.
މި ވާހަކަތައް ދޮގުކޮށް އެންސްޕާއިން ރޭ އާއްމުކުރި ބަޔާނުގައި ބުނީ އެޖެންސީ ހިންގަން އިމާރާތެއް ހޯދުމާއި ގުޅޭ މަސައްކަތްތަކާއި ގުޅޭގޮތުން ބައެއް ނޫސްތަކުން ފަތުރަމުންދާ ވާހަކަތަކަކީ ހަގީގަތާ ހިލާފު ދޮގުވާހަކަތަކެއް ކަމަށެވެ.
މި މައްސަލަ ބަލާދިނުމަށް އެންސްފާއިން މިހާރު ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށައަޅާފައެވެ. އެ ކޮމިޝަންގެ ރައީސަށް އެންދްޕާއިން ފޮނުވި ސިޓީގައި ބުނެފައިވަނީ ރައްޔިތުން ގެ އިޖްތިމާއި ރައްކާތެރިކަމާއި ގުޅުން ހުރި އެ މުއައްސަސާއާ ގުޅޭ ގޮތުންނާއި އެ މުއައްސަސާގެ މުވައްޒަފުންގެ ނަޒާހަތްތެރިކަމާއި މެދު ރައްޔިތުން މެދުގައި ކަންބޮޑުވުމާއި ޝައްކު އުފެދޭގޮތަށް މައުލޫމާތު ފަތުރުރަމުންދާތީ އެކަމާއި ގުޅޭ މިނިވަން ތަހުގީގެއް ވީ އެންމެ އަވަހަކަށް ހިންގާދިނުން އެދޭކަމަށެވެ.
އެންސްޕާއިން ބުނީ ރައްޔިތުންގެ އިޖްތިމާއީ ރައްކާތެރިކަން ކަށަވަރުކުރާ އެ ފަދަ މުއައްސަސާއެއްގެ ނަޒާހަތްތެރިކަމާމެދު ސުވާލު އުފެދޭ ގޮތަށް، ރައްޔިތުންގެ މެދުގައި ޝައްކު އުފެދޭހެން މަސައްކަތްކުރުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.