ސްޓެލްކޯގެ މުވައްޒަފުން ހިންގާ "ޗާލު ވެށި މަގޭ ޒިންމާ"ގެ ދަށުން ކުރިއަށް ގެންދާ ހަރަކާތުގައި ޑިސްޓްރިބިއުޝަން ފޮށިތަކުގައި ތަތްކޮށްފައިވާ އިޝްތިހާރުފަދަ ތަކެތި ނައްޓާ ، ސަބްސްޓޭޝަންތަކާއި ޑިސްޓްރިބިއުޝަން ފޮށިތައް ސާފުކުރުން ހިމެނެ އެވެ.
މިއަދު ފެށި މި ހަރަކާތް ފައްޓަވާއިދެއްވީ އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމް، މާލޭ ސިޓީ މޭޔަރު އާދަމް އާޒިމް އަދި ސްޓެލްކޯ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ އެވެ.
ހަރަކާތުގެ މައިގަނޑު މަގްސަދަކީ ތިމާވެށީގެ ސާފުތާހިރުކަން ދެެމެހެއްޓުމާއި، ހާއްސަކޮށް ސްޓެލްކޯއަށް ނިސްބަތްވާ ހުރިހާ ސަރަހައްދެއް އަބަދުވެސް ސާފުކޮށް ބެހެއްޓުން ކަމުގައި ސްޓެލްކޯއިން ބުނެ އެވެ.
ހަރަކާތް އިފްތިތާހު ކުރުމަށް ސްޓެލްކޯގައި ބޭއްވި ރަސްމިޔާތުގައި ވާހަކަދައްކަވަމުން ސްޓެލްކޯއގެ އެމްޑީ ހުސެއިން ފަހުމީ ވިދާޅުވީ މިއީ ކުޑަކުޑަ ޕްރޮގްރާމެއް ނަަމަވެސް، ޕްރޮގްރާމްގެ ނަތީޖާ ވަަރަށް ފުރިހަމަ ވެގެންދާނެ ކަމަށެވެ. އަދި ދެކެން ބޭނުމީ މާލެއަކީ ޒީނަތްތެރި، ރީތި ޗާލު މާލެއަކަށް ވުން ކަމަށާއި ދުނިޔޭގެ އެހެން ކެޕިޓަލް ސިޓީތަަކަކީ ޗާލު ރީތި ސިޓީތަކޭ ބުނާގޮތަަށް ، މިތަނަށް ޒިޔާރަތް ކުރާ މީހުންވެސް މާލެއަކީ ޒީނަތްތެރިތަނެކޭ ބުނަން ސްޓެލްކޯއިން އަބަދުވެސް ބޭނުން ކަމަށް ފަހުމީ ވިދާޅުވި އެވެ.
އެ ރަސްމިޔާތުގައި މިނިސްޓަރު ތޯރިގް ވިދާޅުވީ މި ޕްރޮގްރާމަކީ ވަރަށް މުހިއްމު، ކުރަންޖެހިފައި އޮތް ލަސްވެސް ވެފައި އޮތްކަމެއް ކަަމަށެވެ. ސްޓެލްކޯއިން އިސްނަގާގެން ހަރަކާތް ފެއްޓެވީތީ ވަަރަށް އުފާ ކުރާކަމަށް ތޯރިގް ވިދާޅުވެ ނަމޫނާ މަސައްކަތަށް ތައުރީފްކުރެއްވި އެވެ. އަދި ސްޓެލްކޯގެ ޑިސްޓްރިބުއުޝަން ފޮށިތަަކަކީ އާންމުކޮށް ކުނި ޖަމާވާތަނެއް ކަމަށާއި އެތަން ތަން ސާފުކޮށް މުސްތަގްބަލްގައި އެތަންތަން ހަނޑިނުވެ އަބަދުވެސް ސާފުކޮށް ބެހެއްޓެނޭނެ ގޮތްތަކާ މެދު ވިސްނަން ޖެހޭ ކަަމަށްވެސް ތޯރިގް ވިދާޅުވި އެވެ. މިނިސްޓާގެ ވާހަަކަ ނިންމާލަމުން އެމަނިކުފާނު ވަނީ ސްޓެލްކޯގެ އިތުރުންވެސް އެހެން ސަރުކާރު ހިންގާ ކުންފުނިތައް އިސަނަގާގެން އުސޫލެއްގެ މަތިން މުޅި ރާއްގެ އެކި ސަރަހައްދުތައް އަބަދުވެސް ސާފުކޮށްބެހެއްޓޭނެ މެކޭނިޒަމްއެއް ހެދުމަށް އިލްތިމާސްކުރައްވާފަ އެވެ.
މިނިސްޓާ ތޯރިގް އަދި އެމްޑީ ފަހުމީގެ އިތުރުން މޭޔަރުވެސް ވާހަކަދެއްކެވިއެވެ. މޭޔާ އާޒިމް ވިދާޅުވީ ކޮންމެ ސިޔާސީ ކެމްޕޭނެއްގައި އެކި ސިޔާސީ ފަރާތްތަކުގެ ފޮޓޯތައް ތަތްކުރަމުންގެންދާކަމަށެވެ. މޭޔަރު ވަނީ ސިޔާސި ފަރާތް ތަަކަށް ސްޓެލްކޯގެ ފޮށިތަކުގައި އެތަކެތި ތަތްނުކުރުމަށް އިލްތިމާސްކުރައްވާފައެވެ. މަލޭ ސާފުކޮށް ބެހެއްޓުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށާއި ހާއްސަކޮށް ސްޓެލްކޯލްކޯގެ ޓްރާންސްފޯމާ އަދި ފޮށިތަކުގެ އިންފްރާސްޓްތަކްޗާއަކީ ވަރަށް ކްރިޓިކަލް ކޮށް ހުރުމާ ގުޅުންހުރި ތަަންތަނަށް ވުމާއެކު އެތަންތަން ސާފުކޮށް ބެހެެއްޓުމަށް އާޒިމް އިލްތިމާސްކުރެއްވި އެވެ. އަދި އެތަން ތަން ހަލާކުވެއްޖެނަމަ އެއީ އެންމެންނަށްވެސް ލިބޭ ވަރަށް ބޮޑު ދެރައެއް އަދި ނުރައްކަލެއް ކަަމަށް އާޒިމް ވިދާޅުވި އެވެ.
މާލޭގެ އިތުރުން ، ހުޅުމާލެ ވިލިމާލޭ އަދި ސްޓެލްކޯއިން ހިދުމަތް ދެމުން ގެންދާ ރަށްތަކުގެ ސަބްސްޓޭޝަންތަކާއި ޑިސްޓްރިބިއުޝަން ފޮށސިތައް ހިމެނޭ ސަރަހައްދުތައް ވެސް ސާފުކުރަން ހަަމޖެހިފައިވާކަމަށް ސްޓެލްކޯއިން ބުނެ އެވެ.