ލެސްޓާގެ ކޯޗުކަމާ ނިސްޓެލްރޫއީ ހަވާލުވެފައިވަނީ 2027 ވަނަ އަހަރުގެ ސީޒަންގެ ނިޔަލަށް އެ ކްލަބާއެކު ހުރުމުގެ އެއްބަސްވުމަކާއެކުއެވެ. އުމުރުން 48 އަހަރުގެ ނިސްޓެލްރޫއީ، ލެސްޓާގެ ހެޑް ކޯޗުކަމުގެ މަގާމަށް އައްޔަން ކުރަން ނިންމީ، ޔުނައިޓެޑުން އޭނާ ވަކިވިތާ ދެ ހަފްތާވެސް ނުވަނީހެވެ.
ޔުނައިޓެޑުގެ ކުރީގެ ކޯޗު ޓެން ހޭގުގެ އެސިސްޓެންޓަކަށް ހުރި ނިސްޓެލްރޫއީވަނީ ޓެން ހޭގު ވަކިކުރުމުން ޔުނައިޓެޑުގެ ވަގުތީ ހެޑް ކޯޗުކަން ހަތަރު މެޗުގައި ކޮށްފައެވެ. އެ ހަތަރު މެޗުން ތިން މެޗުން ޔުނައިޓެޑު މޮޅުވިއިރު، އަނެއް މެޗުންވީ އެއްވަރެވެ. އޭގެ ތެރެއިން ދެ މެޗަކީ ލެސްޓާއާ ދެކޮޅަށް ކުޅުނު ދެ މެޗެވެ.
ނިސްޓެލްރޫއީއަކީ ކުރިން ޔުނައިޓެޑަށް ކުޅުނު ލެޖެންޑަރީ ފޯވަޑެކެވެ. އެގޮތުން އޭނާ ވަނީ 2001 ވަނަ އަހަރުން 2006 ވަނަ އަހަރާ ހަމައަށް ޔުނައިޓެޑަށް ކުޅުނު 219 މެޗުގައި 150 ގޯލު ޖަހައިދީފައެވެ. ކުރިން ޕީއެސްވީއަށް ކޯޗުކަން ކޮށްދިނުމަށްފަހު ޔުނައިޓެޑްގެ އެސިސްޓް ކޯޗުކަމާ އޭނާ ހަވާލުވީ މި ސީޒަނަށެވެ.