އެޗްޑީސީގެ އެމްޑީ އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވީ ކުންފުންޏަށް ދައްކަންޖެހޭ ފައިސާ ނުދައްކާ އޮތް ނަމަ، އެ ފައިސާ ދެއްކުމަށް ފަހު ނޫނީ އެއްވެސް ބިޑަކަށް ކުރިމަތިނުލެވޭނެ ކަމަށެވެ. މިއީ އެޗްޑީސީގެ ބޯޑުން ނިންމި ނިންމުމެކެވެ.
އެޗްޑީސީއަށް ވިޔަފާރި ބިންތަކުގެ ކުލީގެ ގޮތުގައި 1.4 ބިލިއަން ރުފިޔާ ނުދައްކާ އޮތް ކަމަށް ފަޒުލް ވިދާޅުވި އެވެ. އޭގެ ތެރެއިން 226 މިލިއަން ރުފިޔާ މިހާތަނަށް ހޯދާފައިވާ ކަމަށާއި ބާކީ ފައިސާ ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވި އެވެ.
މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވާހަކަދައްކަވަމުން ފަޒުލް ވިދާޅުވީ ދައުލަތަށް ދައްކަންޖެހޭ ފައިސާ ނުދައްކާ ފަރާތްތަކާ މެދު އަޅާނެ ފިޔަވަޅުތަކުގެ އުސޫލުތަކެއް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން މިހާރު އެކުލަވާލަމުންދާ ކަމަށެވެ.