ރޭ އެތްލެޓިކް ކްލަބު އަތުން ރިއާލް ބަލިވީ ދެ ލަނޑު އެއް ލަނޑުންނެވެ. ރަށުން ބޭރުގައި ރެއާލް މެޑްރިޑްގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ ކަމުގައިވާ ވިނިޝިއަސް ޖޫނިއަ ނުލާ ކުޅުނު މި މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު އެތްލެޓިކްގެ އެލެކްޒެންޑަރ ބެރެންގޭ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. އޭގެ މާގިނަ އިރުތަކެއް ނުވަނީ، އެންޓޯނިއޯ ރުޑިގާ އަށް ފައުލް ކުރުމާއި ގުޅިގެން ރެއާލް މެޑްރިޑަށް ލިބުނު ޕެނަލްޓީވަނީ އެމްބާޕޭ އަތުން މިސްވެފައެވެ.
ކިލިއަން އެމްބާޕޭ ފޮނުވާލި ޕެނަލްޓީ އެތްލެޓިކްގެ ކީޕަރު ވަނީ ދިފާއުކޮށްފަ އެވެ. މިދިޔަ ހަފްތާގައި ޗެމްޕިއަންސް ލީގުގައި ލިވަޕޫލް އާއި ދެކޮޅަށް ރެއާލް މެޑްރިޑް ކުޅުނު މެޗުގައިވެސް އެމްބާޕޭ ޖެހި ޕެނަލްޓީ ކީޕަރު ވަނީ ދިފާއުކޮށްފަ އެވެ.
މެޗުގެ ފަހުކޮޅު ޖޫޑް ބެލިންހަމް ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކުރިނަމަވެސް، އެތްލެޓިކްގެ ގޯކާ ގުރުޒެޓާ ވަނީ އިތުރު ލަނޑެއް ޖަހާ ދެވަނަ ފަހަރަށް މި މެޗުގައި ކުރި ހޯދާފަ އެވެ.