
މާލެ އަތޮޅު ގުޅީގައި ފާނަބަސަންދު ފެތުރޭކަން އެޗްޕީއޭއިން ހާމަކުރީ މިދިޔަ މަހުގެ 15 ވަނދުވަހުއެވެ. އޭރު އެޗްޕީއޭއިން ބުނީ އެރަށުން ފާނަބަސަންދުގެ 11 ކޭސް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އޭރު ދެމީހަކަށް މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާ ދޭން ޖެހުނަކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
އޭގެ ފަހުން އެ އަދަދު 24 އިތުރުވިކަން އެޗްޕީއޭއިން ވަނީ ބުނެފައެވެ. އެހެންނަމަވެސް އޭގެ ފަހުން މި ބަލީގެ އެއްވެސް ކޭހެއް އެރަށުން ރިޕޯޓްކޮށްފައި ނުވާކަމަށް އެޗްޕީއޭއިން ބުނެއެވެ.
އެޗްޕީއޭއިން ބުނީ މިއަހަރުގެ ނޮވެމްބަރު މަހާ ހަމައަށް މުޅި ރާއްޖެއިން 2977 މީހުން ވަނީ ފާނަބަސަންދު ޖެހިގެން ރިޕޯޓްކޮށްފައިވާކަމަށެވެ. މީގެ ތެރެއިން 1506 ކޭސް ރިޕޯޓްކޮށްފައިވަނީ މާލެ ސަރަހައްދުންނެވެ. އަދި 1471 ކޭސް ރިޕޯޓްކޮށްފައިވަނީ އަތޮޅުތަކުންނެވެ.
ފާނަބަސަންދުއަކީ ވައިރަހަކުން ޖެހޭ ބައްޔެކެވެ. މި ބަލި އާންމުކޮށް ކުޑަކުދިންނަށް ޖެހުނު ނަމަވެސް ބޮޑެތި މީހުންނަށް ވެސް މި ބަލި ޖެހެއެވެ. މި ބަލީގެ އަލާމަތްތަކުގެ ތެރޭގައި ހުން އައުން، ވަރުދެރަވުން، ނޭފަތުން ފެން އައުން އަދި ގައިގައި ހިމަ ބިހިތަކެއް ނެގުން ހިމެނެ އެވެ.
އެޗްޕީއޭއިން ބުނި ގޮތުގައި، ފާނަބަސަންދަކީ ގައިން ގަޔަށް އަރާ ބައްޔަކަށްވާއިރު ބަލިޖެހިފައިވާ މީހެއް ކެއްސާ، ކިނބިހި އަޅާއިރު ނޭވާލާ ނިޒާމުން ވެސް މި ބަލި ފެތުރެއެވެ. ބިހި ނަގާފައި ހުރި މީހެއް ގައިގައި ބީހުމުން ނުވަތަ ބަލި ޖެހިފައިވާ މީހަކު ބޭނުންކޮށްފައިވާ ތުވާލި ފަދަ ތަކެތި ބޭނުންކުރުމަކީ މި ބަލި ޖެހުމުގެ ފުރުސަތު ބޮޑުވާނެ ކަމެއް ކަމަށްވެސް އެ އެޖެންސީން ބުންޏެވެ. އަދި ގައިގައި ހުރި ބިހިތައް އެއްކޮށް ކުރަމަގާލިލަންދެން މި ބަލި ފެތުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ބުންޏެވެ.
ބަލި ޖެހިއްޖެނަމަ ގޭގައި އުޅޭ އެހެން މީހުންނާ އެކަހެރިވުމަށާއި ޗިކެންޕޮކްސް ވެކްސިން ނުޖަހާނަމަ އެ ވެކްސިން ޖެހުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ. މި ވެކްސިން އާންމުކޮށް ފާމަސީތަކުގައި ލިބެން ހުންނާނެކަމަށް އެޗްޕީއޭއިން ވަނީ މައުލޫމާތު ދީފައެވެ.