
އެ ކައުންސިލުން ބުނީ މިއަހަރުގެ އޮކްޓުބަރު 12ގައި ބޭއްވި ބާ އިމްތިހާނުގެ ނަތީޖާ މިއަދު ދޫކުރަން ފަށާފައިވާކަމަށެވެ.
ބާ ކައުންސިލުން ބުނީ މިއަހަރުގެ އިމްތިހާނުގައި ބައިވެރިވި ގާނޫނީ ދާއިރާއަށް ވަނުމަށް ބޭނުންވާ މިނިމަމް ކޮމްޕިޓެންސީ ތްރެޝްހޯލްޑް ހާސިލުކޮށް އިމްތިހާނުން ފާސްވެފައިވަނީ 57 އިންސައްތަ ބައިވެރިންކަމަށެވެ. އަދި މި އިމްތިހާނުގައި އެންމެ މަތީ ދަރަޖަ ތައް ހާސިލުކުރީ 14 ބައިވެރިންކަމަށެވެ.
މި އަހަރުގެ އިމްތިހާނުގައި ޖުމްލަ 183 ކެނޑިޑޭޓުން ބައިވެރިވެފައިވާއިރު، އިމްތިހާނުގައި ބައިވެރިވި ކެންޑިޑޭޓުންގެ 85 އިންސައްތައަކީ ރާއްޖޭގައި މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒުތަކުން ލޯ ޑިގްރީ ހާސިލުކޮށްގެން މި އިމްތިހާނުގައި ބައިވެރިވެފައިވާ ފަރާތްތައްކަމަށް ބާ ކައުންސިލުން ބުނެއެވެ. އަދި 15 އިންސައްތައަކީ ބޭރުގެ ޔުނިވާސިޓީތަކުގައި ތައުލީމު ހާސިލުކޮށްފައިވާ ފަރާތްތައްކަމަށްވެސް އެ ކައުންސިލުން ބުނެއެވެ.
ބާ ކައުންސިލުން ބޭއްވި އިމްތިހާނުގެ ޓޮޕް އެޗީވާސް
ބާ ކައުންސިލުން ބުނީ ރާއްޖޭގޭ ގާނޫނީ ފަންނުގެ ޤާނޫނުން ބާ ކައުންސިލަށް މަތިކޮށްފައިވާ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ބާ އިމްތިހާނަކީ ގާނޫނީ ފަންނު އިތުރަށް ހަރުދަނާކުރުމަށްޓަކައި، ގާނޫނީ ފަންނާ އަލަށް ގުޅޭ ފަރާތްތަކަކީ ގާނޫނީ ހިދުމަތެއް ފޯރުކޮށްދިނުމަށް ގާބިލު ބައެއްކަން ކަށަވަރުކުރުމުގެ ބޭނުމުގައި ބާއްވާ އިމްތިހާނެއްކަމަށެވެ.
މި އިމްތިހާނުގައި ހަ ދާއިރާއަކުން ބައިވެރިންގެ ކިބައިގައި ގާނޫނީ ދާއިރާއަށް ވަނުމަށް ބޭނުންވާ އިލްމާއި ހުނަރު ހުރި މިންވަރު ވަޒަންކުރެވޭކަމަށްވެސް އެ ކައުންސިލުން ބުނެއެވެ. އެ ދާއިރާތަކަކީ ކޮންޓްރެކްޓް ލޯ އެންޑް ޕްރެކްޓިސް، ކްރިމިނަލް ލޯ އެންޑް ޕްރޮސީޖާ، ލޭންޑް ލޯ އެންޑް ޕްރެކްޓިސް، ކޮންސްޓިޓިއުޝަނަލް އެންޑް އެޑްމިނިސްޓްރޭޓިވް ލޯ، ޓޯޓް ލޯ އަދި މޯލްޑިވިއަން ލީގަލް ސިސްޓަމްއެވެ.