
އަސްކަރީ ގާނޫން ހިންގުމާ ގުޅިގެން އަމަން ގެއްލިގެން ހިނގައިދާނެ ފަދަ އަލާމާތްތަކެއް ފެނިވަޑައިގެންނެވި ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
އަސްކަރީ ގާނޫން އިއުލާންކުރުމުގެ ސަބަބުން ހިނގައިދިޔަ ހަމަނުޖެހުންތަކުގެ ޒިންމާ އެންމެ ފުރިހަމައަށް ނަންގަވާ ކަމަށް ވެސް ކިމް ޔޮން ހޫން ވިދާޅުވި އެވެ. ނަމަވެސް އެ މާޝަލް ލޯ އުވާލާން ގާނޫނު ހަދާ މަޖިލީހުން މާ ގިނަ އިރުތަކެއް ނުވެ ވަނީ ނިންމާފަ އެވެ.
ކިމްގެ އިސްތިއުފާ ގަބޫލު ކުރެއްވުމަށްފަހު ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް ޔިއޮލް ވަނީ އާ ދިފާއީ ވަޒީރު ކަމަށް އެ ގައުމުން ސައުދި އަރަބިއްޔާއަށް ކަނޑައަޅުއްވާ ހުންނަވާ ސަފީރު ޗޯއި ބުންގް ހިޔޫކް ހަމަޖައްސަވާފަ އެވެ.
މާޝަލް ލޯ އިއުލާން ކުރުމުގެ ސަބަބުން ދެކުނު ކޮރެއާގެ މަސްރަހު ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ. އެގޮތުން އެ ގައުމުގައި މިވަގުތު އޮތް ސަރުކާރަށް އޮތް އިތުބާރު ގެއްލިއްޖެ ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ މަގުތަކަށް ނިކުމެ މުޒާހަރާ ކުރަމުންނެވެ.
އިދިކޮޅުން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދާ އެ މުޒާހަރާގެ ބައިވެރިން ގޮވާލަމުން އަންނަނީ ރައީސް ޔޫން މަގާމުން އިސްތިއުފާ ދެއްވުމަށެވެ.
ރިޕޯޓްތައް ބުނާ ގޮތުން ދެކުނު ކޮރެއާގެ ގާނޫނު ހަދާ މަޖިލީހުން އަންނަނީ ރައީސް ޔޫން މަގާމުން ދުރު ކުރުމަށް އިތުބާރު ނެތް ކަމުގެ ވޯތެއް ނެގުމަށް ވެސް ތައްޔާރުވަމުންނެވެ.
ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ހުކުރު ދުވަހު ވޯޓަށް އަހާނެ ކަމަށް ބެލެވޭ ކަމަށްވެސް އަލް ޖަޒީރާއިން ރިޕޯޓުކޮށްފައިވެ އެވެ.
ޔޫންގެ އިތުބާރު ނެތް ކަމުގެ މައްސަލަ ފާސްކުރަން ބޭނުންވާ މިންވަރަށް މަޖިލީހުގައި އިދިކޮޅު ފަރާތްތަކަށް ވޯޓެއް ނުލިބޭނެއެވެ. ގާނޫނު ހަދާ މަޖިލީހުގެ 108 ގޮނޑި ޔޫންގެ ޕީޕަލް ޕަވާ ޕާޓީ ކޮންޓްރޯލް ކުރާއިރު، ރައީސްގެ އިތުބާރު ނެތް ކަމަށް އެ ޕާޓީގެ ބައެއް މެންބަރުން ވެސް ވޯޓު ދޭން ޖެހޭނެއެވެ.