އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަމީރު ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމުގެ ކުރިން އެމްއެމްއޭއިން ފައިސާ ޗާޕުނުކުރާނެ ކަމަށް ވިދާޅުވެފައިވާއިރު، މިހާރު ޕަބްލިކް އެކައުންޓު އޯވަޑްރޯ ކުރެވޭ މިންވަރު ވަނީ 2.5 ޕަސަންޓަށް މަތިކޮށްފައެވެ. މިއީ މަހެއްގެ މައްޗަށް 800 މިލިއަން ރުފިޔާ ކަމަށް އަމީރު ވިދާޅުވި އެވެ.
އަމީރު ވިދާޅުވީ ގާނޫނަށް މި ގެނައި ބަދަލަކީ ދާއިމީ ބަދަލެއް ކަމަށާއި މިފަދަ ބަދަލެއް ގެންނަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އަދި އެމްއެމްއޭއިން ދަރަންޏަށް ފައިސާ ނުނަގާނެ ކަމަށް ބުނި ބުނުމަކީ ބޮޑު އޮޅުވާލުމެއް ކަމަށްވެސް އަމީރު ވިދާޅުވި އެވެ.
ނަމަވެސް އެމްއެމްއޭގެ ހިސާބުތަކުން ދައްކާ ގޮތުގައި 2023 ވަނަ އަހަރުގެ ޑިސެންބަރު މަހުން ފެށިގެން ނޮވެންބަރު މަހުގެ ނިޔަލަށް މި ސަރުކާރުން އެއްވެސް ފައިސާއެއް ޗާޕުކޮށްފައެއް ނުވެ އެވެ.