ads
ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު: ރައްޔިތުންގެ އަތުގައި ބާރުތައް ދެމިއޮތުމަށް ވަކާލާތު ކުރެއްވި
ރައްޔިތުންގެ އަތުގައި ބާރުވެރިކަން މިހާރު ދެމި އޮންނަކަމަށް ބުނާ ބުނުމަކީ ޖޯކެއް: އުމަރު
މިހާރު އޮތް ވެރިކަން ހިންގުމުގެ އޮނިގަނޑު އިސްލާހުކޮށް ރައްޔިތުންގެ އަތުގައި ބާރުތައް ދެމި އޮންނާނެ އާ މެކޭނިޒަމް ތަކެއް ތައާރަފް ކުރަން ލަސް ވެއްޖެ ކަމަށާއި ރައްޔިތުންގެ އަތުގައި ބާރުވެރިކަން މިހާރު ދެމި އޮންނަ ކަމަށް ބުނާ ބުނުމަކީ "ޖޯކެއް" ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
Advertisement

އުމަރު މިހެން ވިދާޅުވީ ސީއެންއެމް އިން ގެނެސްދޭ "ނޭޝަން ޓޯކް" ޕޮޓްކާސްޓު ގައި ވާހަކަ ދައްކަވަމުންނެވެ. 

"ސީއެންއެމް" އިން އަންނަނީ ދައުލަތް ނުވަތަ ސަރުކާރު ހިންގުމަށް މިހާރުއޮތް އޮނިގަނޑު ބަދަލުކޮށް، ބޮޑުންގެ ގޭދޮށުގައި މުގޯލި އަޅަން ނުޖެހި ދިރިއުޅެވޭނެކަން ކަށަވަރުވާ ފަދަ ހިންގުމުގެ އާ އޮނިގަނޑެއް ހޯދުމަށް ރައްޔިތުން ހޭލުންތެރި ކުރުމަށް މަސައްކަތްތަކެއް ކުރަމުން ނެވެ.

"ނޭޝަން ޓޯކް"ގެ ހަތް ވަނަ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ނިމުނު ރިޔާސީ އިންތިހާބުގައި ވެސް އަމިއްލަ ގޮތުން ވާދަ ކުރެއްވި އުމަރު ވިދާޅުވީ ގާނޫނު އަސާސީ އަށް ގެނެވޭ ބައެއް ބަދަލުން ވަރަށް ބޮޑަށް "ރައްޔިތުންގެ ބާރު" ކުޑަވެ ސިޔާސީ ޕާޓީތަކުގެ ބާރު އެބަ ގަދަވާ ކަމަށެވެ.

އުމަރު ވިދާޅުވީ 1965 ގެ ޖުމުހޫރިއްޔާ އިން ފަށާނަމަ ޖުމްހޫރިއްޔަތެއް ދިވެހި ރާއްޖެއަށް އައި ހިސާބުން ރައްޔިތުން ކައިރިއަށް ކަންކަމުގައި ސީދާ މަޝްވަރާ ކުރުން ފެށުނު ކަމަށެވެ. އެގޮތުން ފުރަތަމަ ކުރިކަމަކީ ވެރިއަކު ކަމުދޭހޭ ނޫނީ "ވެރިއަކަށް މީނަ ފެނޭހޭ ނުވަތަ ނޫންހޭ"، ރައްޔިތުން ގާތު އެހުން ކަމަށެވެ. އެގޮތުން ރައްޔިތުންގެ ބާރުވެރިކަން ފެށުނު މިދެންނެވުނު ޕޮއިންޓުގެ ކުރިން ބާރު އޮތީ ރަސްގެފާނު ނުވަތަ ޕްރައިމް މިނިސްޓަރު އަތުގައި ކަމަށެވެ. މިހާލެއްގައި އޮތުމަށް ފަހު ދެން މުހައްމަދު އަމީން، އިބްރާހިމް ނާސިރު، މައުމޫން އަބުދުލްގައްޔޫމްގެ ދިގު 30 އަހަރުގެ ވެރިކަމަށްފަހު ދިވެހިންނަށް "މަލްޓި ޕާޓީ" ނިޒާމެއް ލިބުނު ކަމަށެވެ.

"ބާރުވެރިކަން ހުރީ ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅުގައި، ރައްޔިތުން ކައިރީ ކަމަކު ހިޔާލަކަށް އަހާލިޔަސް އޮޕީނިއަން އަކަށް އަހާލިޔަސް ނުވަތަ އަޅުގަނޑުމެން މިޒަމާނު ބަހުންނަމަ ޑައިރެކުޓް ޑިމޮކްރަސީ، ރައްޔިތުން ކައިރީ ކަންކަން އަހާލައިގެން ގޮތްގޮތް ނިންމުން ނުވަތަ އެމީހުން ރުހެނީ ކޮންގޮތަކަށް ތޯ ބަލައިގެން ނިންމުން އިނގޭތޯ، މި މަފުހޫމް އާ ހަމައަށް ނައިސް އެއާ ވަރަށް ބީރަށްޓެހިކޮށް ކުރިން އޮތީ މަލްޓި ޕާޓީ ސިސްޓަމް އަންނަށް ދެން" އުމަރު ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ ސިޔާސީ ޕާޓީތައް އުފެދި ޕާޓީ ނިޒާމް ފެށިގެން އައި ކޮޅުމަތީގައި ވަރަށް ބޮޑަށް ކަންކަމުގައި ރައްޔިތުން ކުރެ އަހަމުން ގެންދާތަން ފެނުނު ކަމަށާއި އެގޮތުން ނަޝީދު އާއި ވަހީދު ވެރިކަމުގައި އަދި ކޮންމެސް ވަރަކަށް ޔާމީން ވެރިކަމުގެ ކުރީކޮޅު ރައްޔިތުންގެ ހިޔާލާއި މަޝްވަރާ އަށް ފުރުސަތު ލިބުނު ކަމަށެވެ. ނަމަވެސް ޔާމީން ވެރިކަމުގެ ވަކި ހިސާބަކުން ރައްޔިތުންގެ މަޝްވަރާ އާއި ފެއަށް ގޮސް ސީދާ ޕާޓީގެ އަތުގައި ނޫނީ ވެރިމީހާގެ އަތަށް ބާރުތައް ޖަމާކުރަން ފެށުނު ކަމަށެވެ. އަދި ނިމުނު ވެރިކަމާއި މިހާރު ހިގަމުންދާ ވެރިކަމުން ފެންނަ މަންޒަރަކީ މިހާރު ރައްޔިތުން ކައިރީ ކަމަކު އަހާލަން ޖެހޭނެ އެއްވެސް ސަބަބެއް ނެތް ކަމަށް ދޭހަކޮށް ދޭން އުޅޭ ތަން ކަމަށެވެ. އަދި މިހާރު ސިޔާސީ ވެރިންނަށް ވިސްނިފައި އޮންނަނީ ރައީސުލްޖުމުހޫރިއްޔާ އަކީ ފަސް އަހަރަށް ހޮވިފަ ހުރި މީހެއް ކަމަށާއި ދެން އޭނާ ރައްޔިތުން ފަޅިއަށް ނުޖެހި ވެސް ފަސް އަހަރުގެ ވެރިކަމުގެ ދައުރު ނިންމި ދާނެ ކަމަށެވެ.

އުމަރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ދައުލަތް ހިންގާ ގޮތާއި ސަރުކާރު ހިންގާ ގޮތަށް ފާރަވެރިވާން އޮތް ރައްޔިތުންގެ މަޖިލީހުގެ ހާލަތު އަދި މިހާރު މާ ގޯސް ވެއްޖެ ކަަމަށެވެ. އެގޮތުން އުމަރު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެއީ ހަމައެކަނި ސިޔާސީ ޕާޓީ މީހުން އިންތިހާބުކުރި ބައެއްވެސް ކަމަށް ދައްކަން މަސައްކަތް ކުރާ ކަމަށެވެ.

"ހުރިހާ ރައްޔިތުން އިންތިހާބު ކުރި މީހެއް އެއީ، އެމީހުން މިތިބީ ޕާޓީ ލީޑަރާއެކީ ރީއްޗަށް ބަނދެވިފަ އެމީހުންނަކަށް ނެތް ކޮންމެ ގޮތެއްވިޔަސް ހިރި ލެވޭކަށް މިހާރު، އެހެންވީމަ މިހާރު އެމީހުން ކައިރީވެސް އަހާކަން ނުޖެހޭ. މިހާރު އޭގެ ވަރަށް ރަނގަޅު މިސާލެއްތާ މިފަހަރު ބަޖެޓް ހުށަހެޅުނު އިރު ބަޖެޓަކު ނެތް ފެންނާކަން ޕޮރެޖެކުޓްސް ތަކެއް، ޅައިމަގަށް ނޫނީ ބާރަށަށް އޮތީ ކޮން ޕްރެޖެކުޓެއް ތޯ. އެވަރުވެސް ނެތް ފެންނާކަށް، ރައްޔިތުން މަޖިލިސް މެންބަރުންނަކަށް ނުކެރުނު އެކަމަކަށް އިންޓަރެކްޓް ކުރާކަށްވެސް." ވެރިކަން ކުރާ ޕީއެންސީ ކުއްލިގޮތަކަށް ގާނޫނު އަސާސީ ބަދަލުކުރުމުން އެކަމަށް އިޝާރާތް ކުރައްވާ އުމަރު ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ ޖުމުހޫރިއްޔަތެއް ފެށުނު އިރުގައި ރަައްޔިތުންގެ އަތުގައި އޮތް ކަމަށް ބެލެވުނު ބާރުތައް މިހާރު މި އޮތީ ސިޔާސީ ޕާޓީތަކުގެ ލީޑަރު އަތުގައި ކަމަށެވެ. އެހެން ކަމުން މި އަންނަނީ ރައްޔިތުންގެ އަތުގައި އޮތް ބާރުތައް ހަނިވަމުން އަދި ރައްޔިތުން ކައިރީ އަހާލާ ރައްޔިތުން ބޭނުންވާ ކަންކަން ބޭނުންވާ ގޮތަށް ބޭއްވުމާ ދުރަށް ދަތުރު ކުރާ މަންޒަރު ކަމަށެވެ.  

އުމަރު ވިދާޅުވީ ދައުލަތް ހިންގުމުގައި ގަވަރނަންސް ގައި މި ފެންނަ ތިން ލޭޔަރުކަމުގައިވާ ރައީސުލްޖުމްހޫރިއްޔާ އެއް އިންތިހާބު ކުރުމާއި ރައްޔިތުންގެ މަޖިލިސް އަށް ރައްޔިތުން އިންތިހާބު ކުރާ މަންދޫބުން ތަކެއް ގާނޫނު ހެދުމަށްޓަކާ ފޮނުވާ އަދި ރަށު އަދި އަތޮޅު ފެންވަރުގައި ގަވަރނަންސް ބެލެހެއްޓުމަށް އިންތިހާބުކުރާ ކައުންސިލަރުންނާއި މޭޔަރުން ކަމަށެވެ. މި ތިން ލޭޔަރު އެކަތި އެނެކެއްޗަށް ސިޔާސީ ޕާޓީތަކުގެ މެދުގައި ބަދެވިގެން ދިއުމުގެ ނަތީޖާ އަކީ "ބްލައިންޑް ލޯޔަލްޓީ" ކަނެއް ގޮތަށް މަސައްކަތް ކުރަން ފެށުން ކަމަށެވެ.

"މެންބަރުން އިންތިހާބު ކުރަނީ ސިޔާސީ ޕާޓީތަކުންނޭ ބުނެ ބަދަލުކުރި ކަމަކުން ރައްޔިތުންގެ އަތުން ބާރުތަކެއް މިވަނީ ގެއްލި ގޮސްފައި، މީ ކަޑައެޅިގެން ދޮގެއް ޕާޓީން ވޯޓް ދެނީ 25 ޕަސެންޓް މީހުން. މެންބަރުން ހޮވޭއިރު ޕާޓީން ވޯޓް ދޭ 25 ޕަސެންޓް މީހުން ފިޔަވައި 75 ޕަސެންޓް މީހުންނަކީ ޕާޓީ އަކަށް ނިސްބަތްނުވާ މީހުން، ގާނޫނު މިބަދަލުކުރީ ނުބައި ލޭބަލް ޖަހައިގެން އެއްޗެހި ވިއްކާ އުސޫލުން. ޕާޓީން ކަނޑާލީމަ ގޮނޑި ގެއްލޭ ތަންކޮޅު މީގެ އޭތެރޭގައި ފޮރުވާފަ އޮތީ، ކުރިއަށް މި އޮތްތަނުގައި ފެންނާނީ ކުރިން ރަސްގެފާނު ނިންމާ ކަންކަން ރައީސުލްޖުމުހޫރިއްޔާ ނިންމާ ތަން، މިހާރު ހުރިހާވެސް މީހަކީ ޕާޓީގެ ލީޑަރު، އެއީ ލޯ، ރައްޔިތުންގެ ބަސް ބޭނުމެއްނުވޭ" އުމަރު ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ ރައީސުލްޖުމުހޫރިއްޔާ މިހޮވަނީ ރައްޔިތުން ކެމްޕޭންކޮށް ބަހުސްކޮށް ރައްޔިތުންގެ ޑައިރެކްޓް ވޯޓަކުން ކަމަށާއި ރިޔާސީ ނިޒާމުގަ އޮންނަ ސިފައަކީ ރަޢީސް ކަމަށް ހޮވޭ މީހާއަށް މުއްދަތެއް ދިނުން ކަމަށެވެ. ނަމަވެސް ރައީސް ކަމަށް އަންނަ ބޭފުޅަކު ހުރިހާ ބާރެއް ނަގާ އަތަށް އޮޅާލާ މަންޒަރު އެއީ އަސްލުގައި ރިޔާސީ ނިޒާމު ވެސް ނުދަންނަ ކަންކަން ކަމަށެވެ. ވެރިމީހާ އަވަސް އަވަހަށް ބަދަލުވުން ވެސް ނުރައްކާކަން ފާހަކުރައްވާ އުމަރު ވިދާޅުވީ އިރުއިރުކޮޅާ ރައީސް މީހާ ބަދަލު ކުރުމަކީ "ވަރަށް ޑޭންޖަރ" ކަމެއް ކަމަށެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ކުރޮސް ޗެކްކުރާ ނިޒާމު ކަމަށްވާ ރައްޔިތުންގެ މަޖިލިސް މިއަދު މިފެންނަނީ ގުރާތަކެއް ހެން ކަމަށާއި ޕާޓީގެ ލީޑަރުގެ ގައިގާ ބަނދެވިފައިވާ ތަން ކަމަށެވެ. މިހެން ކަންކަން ދާނަމަ ކުރިއަށް އޮތްތަނުގައި ރައީސުލްޖުމްހޫރިއްޔާގެ ރިކޯލް އެއްގެ ވާހަކަ ވެސް ދެއްކުން ގޯސް ނޫން ކަމަށާއި އެ ވާހަކަތަކުގައި ބާރުވެރިކަމެއް ހުރިކަމަށް އެއްބަސްވެވޭ ކަމަށެވެ.

"ބަރުލަމާނީގަ ސަރުކާރު އިރު އިރު ކޮޅުން ވެއްޓި ތެދުވިޔަސް ގިނަ ފަހަރަށް ބަރުލަމާނީ ސަކްސަސްފުލް ވެފަ އެބަހުރި، އެގައުމު ކުރިއަރައިގެން ގޮއްސިއްޔާ. ގިނަ ގައުމުތައް ކުރިއަރައި ނުދަނީ ބަރުލަމާނީގެ ސަބަބުން ސަރުކާރަށް ސްޓެބިލިޓީ ނުލިބޭތީ، ސަރުކާރު ވެއްޓޭލެއް އަވަސްވީމަ އޭގެ ސަބަބުން ފައިންނޭންސަލް ކުރިމަގަށް ވަރަށް ބޮޑާށް އަސަރުކުރޭ. ކާމިޔާބު ވީ ގައުމުތައް ޖަޕާން، ޔޫކޭ، އިޓަލީ ކަހަލަ ގައުމުތަށް ސަރުކާރު ވެއްޓުނަސް އެހެން ފީޗާ އެއް މިގައުމުތަކުގަ އެބައިން، މުޅި ރައްޔިތުން ތާއީދު ކުރާ ރަސްކަލަކު މި އިން ކޮންމެ ގައުމެންގައިވެސް އެބަހުރި. ވަކި ފިގާއެއް އެންމެން އިސް އުފުލާ ބަލާ މީހެއް އެބަހުރި، ސަރުކާރު ކޮންމެ ގޮތަކަށް އުޅުނަސް، ބަރުލަމާނީ ނިޒާމް ކާމިޔާބު މިވަނީ މިދަންނަވާ ފީޗާގެ ސަބަބުން، އެތައް ޒަމާނަކުން އައިސް އޮންނަ ފީޗާ އެއް މީ، ވަރަށް ވަރުގަދަ މޯރަލް އޮތޯރިޓީ އެއް އެބައިދޭ ކާމިޔާބު ބަރުލަމާނީ ނިޒާމަކަށް، އެނޫން ނިޒާމުތަށް މިދަނީ ވަރަށް ގޯސްކޮށް، މިސާލަކަށް ބަގުލަދޭސްގަވެސް ހަސީނާއަކާ ޒިޔާ އަކާ އަނެއް އެއްޗަކާ" އުމަރު ވިދާޅުވި އެވެ.

އާ ގާނޫނު އަސާސީ ދިވެހިންނަށް ލިބުނުއިރު އެއީ އެންމެ ފުރިހަމަ ޑޮކިޔުމެންޓެއް ނޫން ކަމަށާއި މުހިއްމު ދެ ސިފައެއް ނުހިމަނާ ދޫކޮށްލެވިފައި ވާކަން ފާހަގަކުރައްވާ އުމަރު ވިދާޅުވީ މަޖިލިސް މެންބަރުންނަށް ރިޔާސީ ނިޒާމެއްގައި ދޭންޖެހޭ ދެ ސިފަ ނުދީ ވާކަމަށެވެ. އެއީ އަމިއްލަ އިހްތިޔާރުގައި ހިޔާލް ފާޅުކޮށް ވޯޓްލުމުގެ ހައްގު އޭނައަށް ލިބެންޖެހުމާއި އަދި އޭނާ ކަމުނުދާ ނަމަ އޭނާގެ މައްޗަށް އިންތިހާބުކުރި ރައްޔިތުންގެ ފަރާތުން ޕެޓިސަން ކުރީމަ އިލެކްޝަންކޮމިޝަން އިން ރިކޯލް ވޯޓް ނެގުން ކަމަށެވެ. 

އުމަރު ވިދާޅުވީ ރައްޔިތުންގެ މަޖީލީހުގެ މެންބަރަކަށް އެއްވެސް ސިޔާސީ ޕާޓީއަކުން ވަކި ގޮތަކަށް ވޯޓުލާން އަމުރެއް ނުކުރެވޭނެ ކަމަށާއި އަދި މެންބަރު އަކީ ޖަވާބުދާރީ ވާންޖެހޭ މީހެއްކަމަށާއި އެކަން ކުރަން ވާނީ އޭނާގެ މައްޗަށް ނެނގޭ ރިކޯލް ވޯޓުން ކަމަށެވެ.

އުމަރު ދެން ވިދާޅުވެ ދެއްވީ ރާއްޖޭގައި ސިޔާސީ ޕާޓިތައް ހިންގަމުން ދާގޮތުން ނިޒާމަށް އޮތް ނުރައްކަލުގެ ވާހަކަ އެވެ. އެގޮތުން އޭނާ ވިދާޅުވީ ޕާޓީގެ ލީޑަރުން ވެސް އަންނަން ވާނީ އިންތިހާބަކުން ކަމަށް ގާނޫނެއްގައި ލިޔަން ޖެހޭ ކަމަށެވެ، ނަމަވެސް މިކަން ކުރަން ވެސް ރާއްޖޭގެ ހިންގާ ސިޔާސީ ޕާޓީތަކުން ބޭނުން ނުވާ ކަމަށެވެ.

"ކާމިޔާބުކަމާއިއެކު މަލްޓިޕާޓީ ހިނގާ ގައުމުތަކުގައި ޕާޓީގެ ލީޑަރަކީ ޕާޓީގެ މެންބަރުންގެ ޑައިރެކުޓް ވޯޓަކުން އަންނަ މީހެއް، އަޅުގަނޑުމެންގެ ތެރޭގައި އޮތީ މިގޮތެއް ނޫން. އެމްޑީޕީ އަށް އެކަނި މިގޮތަށް ކެރުނީ ކަން ކުރަން، އަޅުގަނޑުމެންނަކީ ޕީޕީއެމް އުފެއްދި މީހުން، އަޅުގަނޑުމެން ވެސް ލިޔުނިން މިހެންނޭ މިކަން އޮންނާނީ، އެކަމަކު ހަމަ އަތްޕުޅަށް ބާރު އައިމަ އެކަން ކުރަން ބޭނުމެއްނުވި. މީ އިޝޫ އަކީ" އުމަރު ވިދާޅުވި އެވެ.

އުމަރު އިތުރަށް ވިދާޅުވީ ރައްޔިތުންގެ ފަޅިއާއީ ސިޔާސީ މީހުންގެ ފަޅި އަކީ ދެ ފަޅި އެއް ކަމަށާއި ސިޔާސީ މީހުން އަތުގަ ތާ އަބަދު ބާރު ބާއްވަން ހެޔޮ ނުވާނެ ކަމަށެވެ. އެހެން ކަމުން، ރައްޔިތުން ދިން ބާރު އެބިއުސް ކޮށްފިއްޔާ އަނބުރާ އަތުލުމަށް ރިކޯލް ވޯޓަކުން އެޝުއަރ ކުރެވިދާނެ ކަމަށެވެ.

"ރައީސުލްޖުމުހޫރިއްޔާ ރިކޯލް ވޯޓަކަށް ނުކުތީމަ އޭގަ ބާރުވެރިކަމެއް ހުންނާނެ، އެކަމަކުވެސް މީ ވަރަށް ރަނގަޅު ފިލާވަޅެއް ވިން ނުވިޔަސް، ގިނަ ފަހަރު ވިން އެއް ނުވާނެ. ރިކޯލް ވޯޓަކަށް ގޮވޭނީ މެކްސިމަމް އެކެއް ނޫނީ ދެ ފަހަރު. ގޮވާ މީހުން ވެސް ވަރަށް ބަލާނެ މިފުރުސަތު ނަގާނުލަން، ގޮވާނީ ރަނގަޅު ކޯޒް އެއްގައި، ކޯޒް ރަނގަޅުވެއްޖިއްޔާ ގިނަ ފަހަރަށް ރިކޯލް ކާމިޔާބު ވާނެ، ރައީސުލްޖުމުހޫރިއްޔާ ރިކޯލް ވޯޓް ޑިފެންޑް ކުރަން ނުކުމެއްޖެއްޔާ އެއީ އޭނަ ނަގާ ވަރަށް ބޮޑު ރިސްކެއް، އެއީ ފެއިލް ވެއްޖިއްޔާ އޭނަގެވެސް ނޯ ކޮންފިޑެންސަކާއި އެއްކޮށް އެދިޔައީ ދެއްތޯ." ގޯސް ހައްދަވާނަމަ ރައީސުލްހުމްހޫރިއްޔާ އާއިމެދު ރައްޔިތުންނަށް ސީދާ ބަސް ބުނެވޭ އާ ހިންގުމުގެ އޮނިގަނޑެއް އުފަން ކުރަން ބަހުސް ކުރުމަކީ އޮތް ކަމެއްތޯ ސުވާލު ކުރުމުން ޖަވާބުގައި އުމަރު ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ މި ވަގުތަށް ދުނިޔެ އެކުސެޕްޓް ނުކުރާ އެއްވިސްނުމަކީ ރައީސުލްޖުމުހޫރިއްޔާ އަށް ރިކޯލް ވޯޓެއް ނެގުން ކަމަށެވެ. ނަމަވެސް ދެ ވަނަ ވިސްނުމެއް މިހާރު ދުނިޔޭގަ އެބަ ގެންގުޅޭ ކަމަށާއި އެއީ މިބުނާ ޑައިރެކުޓް ޑިމޮކްރަޓިކް ވިސުނުމެއް ކަމަށެވެ. ނަމަވެސް ގިނަ ފަހަރު ފެންނަނީ ޑިކްޓޭޓަރުވެ ބާރުތައް އޮޅާލާތަން ކަމަށެވެ. ސިޔާސީ މީހުން ހުރިހާ ބާރެއް ނަގާއިރު ރައްޔިތުން ހަމަ ހުރިގޮތަށް ތިބޭނީޔޭ ހީކުރުން ވެސް އަދި ގޯސް ކަން އުމަރު ފާހަގަ ކުރެއްވި އެވެ.

"އެ ވިސްނުމަކީ އިލެކްޓްރޯނިކް ޒަމާނެއްވީމަ ދުނިޔޭގެ ބައެއް ގައުމުތަކުގައި މިހާރު ޑައިރެކުޓް ކޮށް ސީދާ މަޖިލިސް އަށް ޕެޓިޝަން ކުރަނީ މިވެނި ގޮތަކަށް ގާނޫނެއް ހަދަން، މިސާލަކަށް 380000މީހުންގެ އާބާދީ އޮންނަ ރާއްޖޭގައި 50000 މީހުން ޕެޓިޝަން ފޮނުވީމަ ރައްޔިތުން މަޖިލިސް އަށް ނޫނީ ރައީސް އަށް މަޖުބޫރުވާނޭ މިވެނިކަމެއް ކުރަން، އޭރުން ސީދާ ކަރުދާ ވޯޓަކަށް ދާކަން ނުޖެހޭ، 30000 ވަރަކަށް މީހުން ވޯޓް ދިނީމަ ލޯ އަކަށް އެބަ ބަދަލުވޭ، ނޫނީ ބައެއް ގައުމުތަކުގައި މި ބުނަނީ ފެންނަ ނުފެންނަ ވޯޓަކަންދާން، ދެން އިލެކުޝަން އަށް މަޖުބޫރު ވާނޭ ފެންނަ ނުފެންނަ ވޯޓެއް ނަގަން. " ކުރިން ބައެއް ސިޔާސީ ޕާޓީތަކާއިއެކު މިހާރު އަމިއްލަ ގޮތުން ސިޔާސީ މަސައްކަތް ކުރައްވާ އުމަރު ނިންމާލައްވަމުން ވިދާޅުވި އެވެ.

ފަސް އަހަރުން ރައްޔިތުން ވޯޓުލީމަ ނިމޭ ގޮތައް އޮންނަ ނިޒާމެއްގައި ރައްޔިތުންނަށް ގާނޫނު އަސާސީގެ 4 ވަނަ މާއްދާގަ ބުނާ "ދިވެހި ދައުލަތުގެ އެންމެހާ ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންނެވެ. އަދި މި ބާރުތައް ދެމި އޮންނަނީ ރައްޔިތުންގެ ކިބައިގަ އެވެ" މި ބާރު ފެށި އަދި ދެމި އޮތްކަމުގެ އިހްސާސް ހިނގާ ކަމަށް ބުނާ ބުނުން އެއީ ހަގީގަތަކަށް ހަދާ ރައްޔިތުންނަށް ބާރުތަކެއް ދިނުމަށް ވިސްނާ ރައްޔިތުންގެ އަތްމަތީގައި ރައްޔިތުންގެ ބާރު އޮންނާނެ ހިންގުމުގެ އޮނިގަނޑެއްގެ ވާހަކަ އުފަން ކުރުވައިގެން އޭގެން ގައުމަށް މަންފާއެއް ލިބޭނެ އާ ގޮތްތަކާއިމެދު ވިސްނުން އަދި އެ މަގަށް ބަހުސްކުރުމުގެ މުހިންމުކަމަށް އުމަރު ވެސް ތާއީދުކުރެއްވި އެވެ.

"ނޫން ނޫން ނުވޭ މިހާރު އޮތް ގޮތުން ނެތް، މިހާރު މިއޮތީ ޖޯކަކަށް ވެފަ، އިނގޭތޯ 2008 ގައި ރާއްޖެއަށް މަލްޓި ޕާޓީ އާއިރަށް ވުރެ ފަހަތަށް ސޮއްސާލައިފައި މިހާރު މި އޮތޯ. މިދެންނެވި އަޅުގަނޑުމެންގެ ބާރު ވެރިކަން، ރައްޔިތުންގެ ބާރު ވެރިކަން، ރައްޔިތުންގެ އަތުގައި ބާރުތައް ދެމި އޮންނާނެކަން ކަށަވަރު ކުރާނެ މެކޭނިޒަމްތަކެއް މުހިއްމު، އަދި އެ ބަހުސް ފެށުން މުހިއްމު ކަމަށާއި މި ވާހަކަ ދައްކަން އެންމެ ރަނގަޅީ ސިޔާސީ ޕާޓީތަކުގެ ވެރިންނާއިއެކު، އެއީ ބާރުތައް ބަނދެގެން އުޅެނީ އެމީހުން،" ރައްޔިތުންނަށް ގާނޫނު އަސާސީގެ 4 ވަނަ މާއްދާގަ ބުނާ ބާރު ވެސް ރައްޔިތުންނަށް މިހާރު ގެއްލިއްޖެކަން ފާހަގަ ކުރައްވާ އުމަރު ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ރިކޯލެއްގެ ބަހުސް ގަދަވަމުންދާ އެއް ސަބަބަކީ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ހޮވޭ މީހާ ޖަވާބު ދާރީ ކުރުވާ މަގާމުން ދުރުކުރެވޭނެ މެކޭނިޒަމެއް ރައްޔިތުންގެ މަޖިލިސް ތެރެއިން ކުރެވެން މިހާރު އޮތް ނަމަވެސް ރައްޔިތުން މަޖިލިސް ސަރުކާރުގެ މުށުގައި "ލޮކް" ކުރެވިފަ އޮތުން ކަމަށެވެ. އަދި ޕާޓީގެ މުށުގައި ބަނދެވުން ކަމަށެވެ. 

އުމަރު އިތުރަށް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ނޯ ކޮންފިޑޭންސް ނަގަން ރައްޔިތުން އަތަށް ދޭން އެހާ ތާއީދު ނުކުރައްވާ ކަމަށާއި ސަބަބަކީ އެފުރުސަތު ރައްޔިތުން މަޖިލިސްގައި އޮތުން ކަމަށެވެ. ނަމަވެސް ކޮންމެ ރައީސް އަކުވެސް އިންތިހާބު ވުމާއިއެކު ރައްޔިތުން މަޖިލިސް "ވާ" ކޮށްލުން އެއީ ޝަކުވާއެއް ކަމަށާއި އަދި މަޖިލީހުގެ ގާނޫނީ ޒިންމާގެ ބައެއް އިސްކޫރުތައް ބާރުނުކުރެވޭ ނަމަ ނުވަތަ ޕްރެކްޓިސް ނުކުރެވޭ ނަމަ ދެން ދައްކަން އެންމެ ހެޔޮ އެއް ވާހަކަ އަކީ ވެރިކަން ހިންގުމުގެ އާ އޮނިގަނޑު އިސްލާހުކޮށް ރައްޔިތުންގެ އަތުގައި ބާރުތައް ދެމި އޮންނާނެ އާ މެކޭނިޒަމް ތަކެއް ތައާރަފް ކުރުމުގެ "ޓޯކް" ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް