އއ. އަދި ކ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން މިރޭ އއ. މަތިވެރީގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، އެއްވެސް ސަބްސިޑީއަކަށް އުނިކަމަށް ނާންނާނެ ކަމަށެވެ.
"އެއްވެސް ސަބްސިޑީއެއް. އެއްވެސް އުނިކަމެއް މިހާރު ލިބެމުންދާ އެއްވެސް ކަމަކަށް ނާންނާނެ. އޭގެ ބަދަލުގަ ބޭކާރު ވަމުންދާ. ނާޖާއިޒު ގޮތެއްގައި ކުރަމުންދާ ހަރަދުތައް އަޅުގަނޑުމެން ހުއްޓާލާ އުނިކުރަމުން ދާނީ،" ރައީސް ވިދާޅުވި އެވެ.
މިސާލެއްގެ ގޮތުން އެމަނިކުފާނު ނެންގެވީ އާސަންދައިގެން ދަށުން އަގުބޮޑުކޮށް ބޭސް ވިއްކާ މައްސަލަ އެވެ. އެގޮތުން ބައެއް މީހުން އާސަންދައިގެން ދަށުން 1000 ޕަސެންޓަށްވުރެ ބޮޑު ޕްރޮފިޓެއްގައި ނުހައްގު މަންފާ ހޯދުމަށް ބޭސް ވިއްކަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެފަދަ ހަރަދުތައް ހުއްޓުވައި އާސަންދަ ރިފޯމްކުރާނެ ކަމަށް ވިދާޅުވި އެވެ.
އެކަމުގެ ސަބަބުން އާންމުންނަށް އެއްވެސް އެއްޗެއް އުންޏެއް ނުވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އަދި އެސްޓީއޯ ރޭޓުގައި އަގުހެޔޮކޮށް ބޭސް ލިބޭނެ ކަމަށް ވެސް އެކަމިނުފާނު ވިދާޅުވި އެވެ.
އެމަނިކުފާނު މިހެން ވިދާޅުވި ނަމަވެސް، ރާއްޖޭގެ މާލީ ހާލަތު ގޯސްވުމުގެ ސަބަބުން ގިނަ ދާއިރާތައް ރިފޯމް ކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށައިފަ އެވެ.
އެގޮތުން އަންނަ އަހަރަށް ފާސްކުރި ބަޖެޓުގައިވާ ގޮތުގައި ސަބްސިޑީގެ ބޮޑު ބަދަލު އަންނަ އަހަރުގެ ދެވަނަ ކުއާޓާގައި ސަރުކާރުން ގެންނާނެ އެވެ.
މި ބަދަލާއެކީގައި މިހާރު މުތުލަގަށް އެންމެނަށް ލިބޭ ކާޑާއި، ފެނާއި، ކަރަންޓުގެ އިތުރުން ކަރަންޓު އުފައްދަން ބޭނުންކުރާ ތެލަށް ލިބޭ "ބްލެންކެޓް ސަބްސިޑީތައް" ދެން ލިބޭނީ އެއަށް ބޭނުންޖެހިފައިވާ މީހުންނަށް "ޓާގެޓަޑް ސަބްސިޑީ" ގެ ގޮތުގަ އެވެ.