ads
އަސަދު ރަޝިޔާގެ ރައީސް އާއި ސަލާމް ކުރައްވަނި
ބައްޝާރާއި އޭނާގެ އާއިލާއަށް ރަޝިޔާއިން ހިމާޔަތް ދީފި
ސޫރިއާގެ ރައީސް ބައްޝާރުލް އަސަދު އާއިލާއާ އެކު ގައުމު ދޫކުރައްވައި ރަޝިޔާއަށް ފިއްލަވައިގެން ވަޑައިގެންފައިވާ ކަމަށް ރަޝިޔާ މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.
Advertisement

ރަޝިއާގެ ސަރުކާރު ހަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ ބައްޝާރުލް އަސަދު ހުންނެވީ އާއިލާއާއެކު މޮސްކޯގައި ކަމަށެވެ. އައްސަދާއި އޭނާގެ އާއިލާ އަށް ރަޝިއާ އިން ހިމާޔަތް ދީފައިވަނީ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކަމަށް ވެސް ދައުލަތުގެ މީޑިއާ އިން ރިޕޯޓުކޮށްފައިވެ އެވެ. ދުނިޔޭގެ އެހެން ބޮޑެތި މީޑިއާތަކުން ވެސް މިހާރު އަންނަނީ އަސަދު ހުންނެވި މޮސްކޯގައިކަން ޔަގީންކޮށްދެމުން ނެވެ.

މިކަމާ ގުޅިގެން ރަޝިއާގެ ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އިސްތިއުފާދިނުމަށް އަސަދު ނިންމީ އިދިކޮޅު ގްރޫޕުތަކާއެކި ދެކެވުނު ވާހަކަތަކަކަށް ފަހު ކަމަށެވެ. އޭނާ ފިލީ އިސްތިއުފާ ދިނުމަށް ފަހު ކަމަށްވެ އެވެ.

ސީރިޔާގެ ސަރުކާރާއި ދެކޮޅަށް ހަނގުރާމަކުރާ ޖަމާއަތުން ސީރިޔާގެ ގިނަ ސަރަހައްދުތަކެއް އެމީހުންގެ ބާރުގެދަށަށް ގެންދިއުމާއެކު، އަސަދު މޮސްކޯގައި ނުވަތަ އޭނާގެ އަނެއް އެކުވެރި ގައުމު ކަމުގައިވާ އީރާނުގައި ރައްކާތެރިކަން ހޯދަފާނެ ކަމަށް ކުރިން ވެސް ލަފާކުރެވުނެވެ.

ބައްޝާރުލް އަސަދުގެ ސަރުކާރުން ތުހުމަތު ކުރި ގޮތުގައި މި ހަމަނުޖެހުންތަކުގެ ފަހަތުގައި އޮތީ އެމެރިކާ އަދި އިޒްރޭލެވެ. އެހެންނަމަވެސް އެ ދެ ގައުމުގެ އޮފިޝަލުން އަސަދުގެ ތުހުމަތުތަކާ ގުޅިގެން ވަކި އެއްޗެއް ނުބުނެ އެވެ.

ސީރިއާގެ ރައީސް ކަމަށް ބައްޝާރު ވަޑައިގަތީ 2000 ވަނަ އަހަރެވެ. އެއީ އޭގެ ކުރިން ވެރިކަމުގައި ހުންނެވި ބައްޕާފުޅު، ހާފިޒް އަލް އަސަދު އަވަހާރަވުމާ ގުޅިގެންނެވެ. އުމުރުން 69 އަހަރުގައި ހާފިޒް ހާޓް އެޓޭކެއް ޖެހިގެން އަވަހާރަވީ ވެރިކަން ކުރައްވާތާ 29 އަހަރުވީ ފަހުންނެވެ. އުމުރުން 59 އަހަރުގެ އަސަދަކީ ލޮލުގެ ޑޮކްޓަރެއްގެ ތަމްރީނު ލިބިފައިވާ މީހެކެވެ. 

ސީރިއާގެ ދާހިލީ ހަނގުރާމަ ފެށުނީ އެގައުމަށް ޑިމޮކްރަސީ ގެނައުމަށް ގޮވާލައި ސަރުކާރާ ދެކޮޅަށް ފެށި މުޒާހަރާތައް ބާރުގެ ބޭނުން ކޮށްގެން ރޫޅާލައި، އެ ހަމަނުޖެހުންތަކުގައި އެތައް ހާސް މީހުން މަރުވުމާ ގުޅިގެންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް