ads
ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް ، ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ނާޒިމް
ނާޒިމް ވިދާޅުވަނީ ޔުނީފޯމް އެޅި މުއައްސަސާތަކަށް އިތުބާރެއް ނެތް ކަމަށް
މަސްތުވާތަކެތީގެ މައްސަލަތައް ހައްލުކުރުމުގައި ޔުނީފޯމް އެޅި މުއައްސަސާތަކަށް އިތުބާރުކޮށް، ބަލަން ތިބެވެން ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.
Advertisement

މަޖިލީހަށް ހުށަހަޅާފައިވާ މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރައްވަމުން ނާޒިމް ވިދާޅުވީ މަސްތުވާތަކެތި އެތެރެވުމުގައި ކަސްޓަމްސް ހިމެނޭހެން ޔުނިފޯމް އެޅި މުއައްސަސާތަކުގެ އިހުމާލު ވެސް ވަރަށް ބޮޑު ކަމަށެވެ. 

ނާޒިމް ވިދާޅުވީ ރާއްޖޭގެ ބޯޑަރު ހުރަސްކޮށް، މަސްތުވާތަކެތި އެތެރެ ނުވާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދޭން ޖެހޭ ކަމަށެވެ. އަދި އެކަމަކީ މަޖިލީހުގެ މެންބަރުން ކުރަންޖެހޭ ކަމެއް ކަމަށް ނާޒިމް ވިދާޅުވި އެވެ. އޭނާ އިތުރަށް ވިދާޅުވީ ޔުނިފޯމް އެޅި މުއައްސަސާތަކުން އެކަން ކަށަވަރުކުރުމުގައި ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށެވެ.

"އަޅުގަނޑުމެންނަކަށް ނެތް ޔުނީފޯމްއެޅި މުއައްސަސާތަކުގެ މައްޗަށް ވެސް އިތުބާރުކޮށްގެން މިކަންތައްތަކާ ދޭތެރޭގައި ބަލަން ތިބެވޭކަށް. އެ ފަރާތްތަކުން ހަމަ ކަނޑައެޅިގެން އަޅުގަނޑުމެންގެ ބޯޑާ ސެކިއުރިޓީ ކޮމްޕްރޮމައިޒްވާ ގޮތަށް އެބޭފުޅުންނާ ހަވާލުކުރެވިފައިވާ މަސްއޫލިއްޔަތުތަކަށް އިހުމާލުވާ ގޮތަށް ކަންތައްތައް ކުރަންޏާ އެކަންކަމާ ދޭތެރޭ އިސްލާހީ ފިޔަވަޅުތައް އެޅުމަށް އަޅުގަނޑުމެން ދަންނަވަން ޖެހޭ ފަރާތްތަކަށް ދެންނެވުމަކީ އަޅުގަނޑުމެން މިއަދު މަޖިލީހުގައި ތިބޭއިރު އަޅުގަނޑުމެންގެ ޒިންމާއެއް،" ނާޒިމް ވިދާޅުވި އެވެ.

އޭނާގެ ވާހަކާގައި ވަނީ އެއާޕޯޓް މުވައްޒަފުން މެދުވެރިކޮށް މަސްތުވާތަކެތި ރާއްޖެ އެތެރެކުރަން މަސައްކަތް ކުރަމުން ދިޔަކަން ފާހަގަކޮށް އަދި އެކަން މިހާރު ހުއްޓުވާފައިވާ ކަމަށް ވެސް ވިދާޅުވެފަ އެވެ.

އަދި ނުހައްގު މުއްސަނދިކަން ހޯދަމުންދާ ފަރާތްތަަކާ މެދު ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ކާމިޔާބުވަމުން އަންނަ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.

"މިހާރު ކަރެކްޝަންސްގެ އޮފިސަރުންތަކަކާ ދޭތެރޭ ވެސް އެ މައްސަލަތަކެއް ބެލި އެ ކަމާ ދޭތެރޭ އިސްލާހީ ފިޔަވަޅުތައް އެޅިފައިވާކަން ފާހަގަކުރަން. ހަމައެގޮތަށް އެހެން މުއައްސަސާތަކާ ދޭތެރޭ ވެސް އެގޮތަށް އަމަލުކުރެވިގެން ދިއުމަކީ އަޅުގަނޑު ގަބޫލުކުރާ ގޮތް." ނާޒިމު ވިދާޅުވި އެވެ.

ނާޒިމްގެ ވާހަކައިގައި މަސްތުވާތަކެތީގެ މައްސަލަތަކުގައި މިހާރު ވެސް އުޅޭ ބޮޑުން ސަލާމަތްވާކަމާއި ޖަލުގައި ދުވަސްތައް ހޭދަކުރަން ޖެހެނީ އެހެން ބަޔެއްކަން ފާހަގަކުރައްވައި، އެކަން ހުއްޓުވަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް