![](https://cnm.mv/media/images/pnnnnf-k.jpg)
ޕީއެންއެފް އިން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ ރާއްޖޭގެ ސަރަހައްދުން އެންމެ އިންޗިއެއް ވެސް ދޫކޮށްލެވޭނީ ރައްޔިތުންގެ ބަހެއް ހޯދައިގެން ކަމަށެވެ. އަދި އެއީ މަޖިލީހުގެ މެންބަރުންނަށް ދޫކޮށްލެވޭނެ ކަމެއް ނޫން ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
މިދިޔަ ނޮވެންބަރު 18 ގައި ސަރުކާރުން ގާނޫނުއަސާސީއަށް ގެނައި އިސްލާހުތަކުގެ ތެރޭގައި ރާއްޖޭގެ ސަރަހައްދުން ބައެއް ދޫކޮށްލެވޭނީ މަޖިލީހުން ފާސްކޮށްގެން ކަމަށް ހަމަޖެހުނެވެ. މި އިސްލާހާ ގުޅިގެން ޔާމީން ވިދާޅުވީ މިއީ ރާއްޖެ އެތައް އަހަރެއް ފަހަތަށް ގޮސްފައިވާ ކަމެއް ކަމަށެވެ.
މި އިސްލާހު ގެނައުމުގެ ކުރިން ރާއްޖޭގެ ސަރަހައްދަށް އެއްވެސް ބަދަލެއް ގެނެވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ރެފަރެންޑަމަކުން ކަމަށް އޮތް އޮތުން ބަދަލުކޮށް، އެ ބާރު މަޖިލީހަށް ދިނުމާ މެދު ޔާމީން ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.