
"ސީއެންއެމް" އަށް މައުލޫމާތު ދެމުން ހަސަން ލަތީފް ވިދާޅުވީ އެމްޑީޕީގެ ޖަލްސާތަކުގައި ބައިވެރިވުމަށް އަދި ބައިވެރި ނުވުމަށްވެސް ޑިމޮކްރެޓްސް ގެ މެމްބަރުން އަދި ޕާޓީގެ ވެސް ވަކި ނިންމުމެއް ނެތް ކަމަށެވެ.
އެމްޑީޕީގެ މި ޖަލްސާގައި ޑިމޮކްރެޓްގެ މެމްބަރުން ބައިވެރިވުމާ ނުވުމާ ދޭތެރޭ ވަކި ގޮތެއް ނިންމާފައެއް ނުވާނެ ކަަމަށް ފާހަގަކޮށް ޑިމޮޮކްރެޓްސް ގެ ރައީސް ވިދާޅުވީ ޕާޓީއަކުން ބައިވެރިއެއް ނުވާ ނަަމަވެސް ޕާޓީގެ އާންމު މެމްބަރުން ، ރައްޔިތުންނަަށް އެއްވުންތަކުގައި ބައިވެރިވުމާއި، ހިޔާލު ފާޅުކުރުމުގެ މިނިވަން ކަމާއި، އެހުރިހާ ހައްގުތަކެއް ލިބިދީފ އޮންނާނެ ކަމަށެވެ.
އެމްޑީޕީން ވަނީ "ގާނޫނުއަސާސީގެ ދިފާއުގައި ރައްޔިތުން" ގެ ނަމުގައި މިރޭ ޖަލްސާއެއް ބޭއްވުމަށް ހަމަޖައްސާފައެވެ.
މިރޭގެ ޖަލްސާއަށް ތައްޔާރުވުމުގެ ގޮތުން މިދިޔަ ހަފްތާ އެ ޕާޓީގެ ޖަގަހަ ޖަލްސާގައި ޕާޓީގެ ޗެއާ ޕާސަން ފައްޔާޒު ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. މި ސަރުކާރުގެ ސިޔާސަތުތައް ހުރީ އާންމު ރައްޔިތުންނަށް ވަރަށް އުނދަގޫވާ ގޮތަށް ބައްޓަންކޮށްފައި ކަމަށާއި އެ އުސޫލު ކަންކަން ކުރުން ހުއްޓާލަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ވެރިކަމުގައި ތިއްބެވި ބޭފުޅުންނަށް ވިސްނައިދެވޭތޯ އެކިއެކި ގޮތްގޮތުން މަސައްކަތް ކުރެއްވި ކަމަށެވެ. ނަމަވެސް ވެރިކަމުގެ އާރާއިބާރު އޮތީމާ އެވާހަކަތަކަށް އިޖާބަ ދިނުމެއް ނެތި، އާންމު ރައްޔިތުންގެ ތާއީދު މި ސަރުކާރަށް އޮތްކަން ދައްކަން މަސައްކަތް ކުރަމުން ގެންދާ ކަމަށް ފައްޔާޒް ވިދާޅުވި އެވެ.
އޭގެއިތުރުން ސަރުކާރަށް ވިސްނައިދޭން ކުރި މަސައްކަތް ކާމިޔާބު ނުވި ކަމަށާއި މަގުމައްޗަށް ނިކުންނަނީ ސަރުކާރަށް އަޑުއިއްވަން ކަމަށް އޭނާ ވިދާޅުވިއެވެ.