
އެ މައްސަލަ ބެލުމަށް ޕީޖީއަށް އަންގަން ނިންމީ އިއްޔެ މާލިއްޔަތު ކޮމިޓީންނެވެ.
އަދި އެ ނިންމުން ފާސްކުރުމަށް މިއަދު މަޖިލީހުން ނެގި ވޯޓުގައި 55 މެންބަރުން ވަނީ ޕީޖީއަށް ތަހުގީގުކުރުމަށް އެންގުމާ އެއްކޮޅަށް ވޯޓު ދެއްވާފައެވެ. ދެކޮޅަށް ވޯޓު ދެއްވީ އެންމެ 11 މެންބަރުންނެވެ.
އެ ރިޕޯޓުގައި އޮތީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު, އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް އަދި މިދިޔަ ސަރުކާރުގައި ރައީސް އޮފީހުގެ މިނިސްޓަރަކަށް ހުރި އަލީ ޝިޔާމްގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގުމަށް ޕީޖީއަށް ދެންނެވުމަށެވެ.
ސޯލިހާއި އަލީ ޝިޔާމްގެ މައްޗަށް ތަހުގީގު ހިންގަން އެދުނީ އިކޮނޮމިކް ކައުންސިލް ކޯޗެއާ ކަމަށް ވާތީ ކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވެ އެވެ. އެ ތަހުގީގުތަކުގައި ފައްޔާޒު ހިމަނަން އެދިފައިވަނީ ބަދަލު ދިނުމުގެ އެއްބަސްވުންތަކަށް ވާސިލުވެ އެ އެއްބަސްވުްނތައް ގެނައުމުގައި އިސް ދައުރެއް އަދާކޮށްފައިވާ ތުހުމަތުކޮށެވެ.
ރައީސް ސާލިހް ވެރިކަމުގައި ގެއްލުމުގެ ބަދަލު ދިނުމަށް ސެޓުލްމެންޓް ކޮމެޓީގެ ނަމުގައި އޮތީ ކޮމެޓީއެއް އެކުލަވާލާފަ އެވެ.
މި ސަރުކާރުވެރިކަމާ ހަވާލުވުމަށް ފަހު، ކުރީގެ ސަރުކާރާ އަމިއްލަ ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ހިލާފުވާ މައްސަލަތަކާ ގުޅިގެން، ގެއްލުމުގެ ބަދަލު ދިނުމަށް އުފައްދާފައި އޮތް ސެޓްލްމަންޓް ކޮމިޓީ ވަނީ އުވާލައިފަ އެވެ.
ސެޓްލްމަންޓް ކޮމެޓީ އުވާލިއިރު އެ ކޮމިޓީއިން އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި 225 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދިނުމަށް 17 ނޮވެމްބަރު 2023 ގެ ކުރީން ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ބުނެ އެވެ. އަދި ފައިސާގެ އިތުރުން ދޭން ކަނޑައެޅި ހަރުމުދަލާ ރަށްރަށާ ފަޅުފަޅު ފަދަ ތަންތަން އަގުމަގުކުރުމުން، އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި 1 ބިލިއަން ރުފިޔާގެ އަގުހުރި ހަރުމުދަލާއި ފައިސާ ދައުލަތުގެ މިލްކިއްޔާތުގެ ތެރެއިން ދޭން އެ ކޮމެޓީން ނިންމާފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.