މި ފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު އއ. ތޮއްޑޫ އަށް ވަޑައިގެން، އެ ރަށު ރައްޔިތުންނާ ބައްދަލުކުރުމަށް ބޭއްވި ޖަލްސާގައި ފެށުމަށް ކިޔެވި ގުރުއާނުން އާޔަތެއްގެ ބައެއް އުނިކޮށްފައިފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދަނީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފަޅުކޮށް ސަރުކާރަށް ފާޑުކިޔަމުންނެވެ.
އެދުވަހެ ޖަލްސާގައި ކިޔެވީ ސޫރަތުލް ހުޖުރާތް އެވެ. އަދި އުނިކޮށްފައިވާކަމަށް ބުނަނީ އެ ސޫރަތުގެ ބައެކެވެ. އެގޮތުން އެ ސޫރަތުގެ 6 ވަަނަ އާތުގައި "ތިޔަބައިމީހުންގެ ގާތަށް ފާސިގަކު ހަބަރަކާގެން އަތުވެއްޖެނަމަ އޭގެ ދޮގު ތެދު ބަލާ ހަގީގަތް ހޯދާށެވެ" އެގޮތަށް ވާއިރު އޭގެން "ފާސިގަކު" އެބަސް އުނިކޮށްފައިވާކަމަށް ފާޑުކިޔަމުންދާ ޕޯސްޓްތަކުގައި ބުނެ އެވެ.
މިއަދު ނެރުނު ބަޔާނުގައި ޕީއެސްއެމް އިން ވަނީ އެއީ ގަސްތުގައި ކުރިމަކަމެއް ނޫން ކަަމަށް ބުނެ އެކަމަށް މައާފަށް އެދިފައެވެ.
ކޮންޓެންޓެއްގައި ކީރިތި ގުރުއާންގެ ބައެއް އުނިވެފައި ވާކަމަށް ޕީއެސްއެމްއަށް އެނގުމާއެކު އެކަންތައް ހިނގަން މެދުވެރިވި ސަބަބު ސީރިއަށް މައްސަލައެއް ގޮތުގައި ކުންފުނީގެ އިސްމުވައްޒަފުން ހިމެނޭ ކޮމިޓިއަކުން މިހާރު ބަލާފައިވާ ކަމަށް ޕީއެސްއެމް އިން ބުނެއެވެ.
ޕީއެސްއެމްއިން ބުނީ ކޮންޓެންޓް އެޑިޓްކޮށްފައި ނުވާ ކަމަށެވެ. އެގޮތުން އެދުވަހު ކޮންޓެންޓް ލައިވް ކުރަން ފަށާފައިވަނީ ޕީއެސްއެމް ނިއުސް ގެ ހަބަރު ކޮންޓްރޯލް ރޫމުން ކަަމަށާއި އެއަށްފަހު އެ ސިގްނަލް، ކުންފުނީގެ މައިކޮންޓްރޯލް ރޫމަށް ބަދަލުކުރެވިފައިވާކަމަަށްވެސް ޕީއެސްއެމް އިން މައުލޫމާތުދެ އެވެ.
އެއް ކޮންޓްރޯލް ރޫމުން އަނެއް ކޮންޓްރޯލް ރޫމަށް ސިގްނަލް ބަދަލުކުރުމަކީ އާންމުގޮތެއްގައި ކުރާ ކަމެއް، ނަަމަވެސް އެ ގޮތަށް ސިގްނަލް ބަދަލުކުރާއިރު މީހަކު ވާހަކަދައްކަމުންދާ ވަގުތެއްގައި ސިގްނަލް ބަދަލެއް ނުކުރާ ކަން ޕީއެސްއެމް އިން ބުނެއެވެ. އެެހެންނަމަވެސް ކޮންޓެންޓް ލައިވްކޮށް ގެނެސްދިން އިރު އެއް ކޮންޓްރޯލް ރޫމުން އަނެއް ކޮންޓްރޯލް ރޫމަށް ސިގްނަލް ބަދަލުކުރީ ގުރުއާން ކިޔަވަމުން ގެންދަނިކޮށް ކަަމަށާއޮ މިއީ އާންމުގޮތެއްގައި ކުރާކަމެއް ނޫން ކަން ޕީއެސްއެމް އިން ބުނެއެވެ.
ދައުލަތުގެ މީޑިއާއިން ބުނީ އެފަދަ ކަމެއް ތަކުރާރު ނުވާނެ ގޮތަށް ކަންކަން އިންތިޒާމު ކުރާނެ ކަމަށެވެ.
މި ލައިވްގެ މައްސަލަ މިއަދު ވަނީ ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއްގެ ގޮތުގައި ވެސް ހުށަހަޅުއްވައިފަ އެވެ. އަދި އެ މައްސަލައިގެ ބަހުސް ވެސް ކުރިއަށް ގެންދިޔަ އެވެ.