
ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ މި މަހުގެ ފުރަތަމަ 11 ދުވަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އަށް ޒިޔާރަތް ކޮށްފައިވަނީ 63،523 ޓޫރިސްޓުންނެވެ. ނަމަވެސް، މި އަހަރު އެ އަދަދު ވަނީ 62،249 އަށް ދަށްވެފަ އެވެ.
މިއީ މިދިޔަ އަހަރާ އަޅާބަލާއިރު، %2ގެ ދަށްވުމެކެވެ.
ރާއްޖެއަށް ޑިސެމްބަރު މަހު ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ދަށްވި ނަމަވެސް އަހަރުގެ މިހާތަނަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 8.7 ޕަސެންޓް އިތުރުވެފަ އެވެ.
ރާއްޖެއަށް މިމަހު ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ދަށްވެފައި މިވަނީ އެއާޕޯޓް ޓެކުހާއި ފީތައް މިމަހުން ބޮޑުކޮށްފައިވަނިކޮށެވެ.
މި މަހުގެ ފުރަތަމަ 11 ދުވަހު ޓޫރިސްޓުން އައި އަދަދު ދަށްވެފައިވިޔަސް، މި އަހަރު ރާއްޖެއަށް ވަނީ ރެކޯޑް އަދަދަކަށް ޓޫރިސްޓުން ޒިޔާރަތް ކޮށްފަ އެވެ.
މި މަހުގެ 11 އާ ހަމައަށް 1،899،884 ޓޫރިސްޓުން ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައިވާއިރު، މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 8.7 ޕަސެންޓުގެ ކުރިއެރުމެކެވެ.
މިދިޔަ އަހަރު ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 1،747،370 ޓޫރިސްޓުންނެވެ.
ރާއްޖޭގައި މި ވަގުތު ފަތުރުވެރިކަމަށް ޖުމްލަ 1،249 ތަނެއް ދަނީ ހިންގަމުންނެވެ. މީގެ ތެރޭގައި 171 ރިސޯޓާއި 909 ގެސްޓްހައުސް އާއި 155 ސަފާރީ އަދި 14 ހޮޓާ ހިމެނެ އެވެ. މިތަންތަނުގައި ފަތުރުވެރިންނަށް ހުރި އެނދުގެ އަދަދަކީ 62،816 އެވެ.