
މިއަދުގެ ވޯޓުގައި، ގާނޫނު ހަދާ މަޖިލީހުގެ 300 މެންބަރުންގެ ތެރެއިން 204 މެންބަރަކު ވަނީ ޔޫން މަގާމުން ވަކިކުރަން ފެންނަ ކަމަށް ވޯޓު ދެއްވައިފަ އެވެ. ނުފެންނަ ކަމަށް 85 ވޯޓު ދީފައި ވާއިރު ތިން މެންބަރަކު ވޯޓުގައި ބައިވެރިވެ ވަޑައެއް ނުގަންނަވަ އެވެ. އަދި އަށް ވޯޓެއް ވަނީ ބާތިލް ވެފަ އެވެ.
ޔޫން މަގާމުން ދުރުކުރުމަށް ގޮވައިލައި ގާނޫނު ހަދާ މަޖިލީހުގެ ބޭރުގައި ގާތްގަޑަކަށް 200،000 އެއްހާ މީހުން ވަނީ މުޒާހަރާވެސްކޮށްފަ އެވެ.
މިއަދު ނެގި ވޯޓަކީ ޔޫން މަގާމުން ދުރުކުރުމަށް ދެވަނަ ފަހަރަށް ނެގި ވޯޓެވެ.
ޔޫންގެ މައްޗަށް އިތުބާރު ނެތް ކަމަށް ފާސްކުރި ނަމަވެސް އެ ކަމާ މެދު ގޮތެއް ނިންމާނީ ދެކުނު ކޮރެޔާގެ ދުސްތޫރީ ކޯޓުންނެވެ. މަޖިލީހުން ޔޫންއަށް އިތުބާރު ނެތް ކަމަށް ފާސްކުރި ނަމަވެސް، ރައީސްކަމުގައި ބެހެއްޓުމުގެ ބާރު ވެސް އެ ކޯޓަށް ލިބިގެންވެ އެވެ.
ޒިންމާތަކުން ރައީސް އެކަހެރިވުމާ އެކު ވަގުތީ ގޮތުން ޒިންމާތަކާ ހަވާލުވެ ވަޑައިގަންނަވާ ބޮޑުވަޒީރު ހާން ޑަކް-ސޯ ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވީ، ހަމަޖެހުން ގާއިމުކުރުމަށް ޓަކައި އަޅުގަނޑުގެ ހުރިހާ ހަކަތައެއް ބޭނުންކުރާނަން ކަމަށެވެ.
މި މަހުގެ ތިން ވަނަ ދުވަހު ޔޫން އަސްކަރީ ގާނޫނު އިއުލާނުކުރެއްވީ އިދިކޮޅުން ބަގާވާތެއް ކުރަން އުޅޭ ކަމަށާއި އުތުރު ކޮރެއާއާ ގުޅިގެން މަސައްކަތް ކުރާ ކަމަށް ތުހުމަތު ކުރައްވަ އެވެ. ނަމަވެސް ގާނޫނު ހަދާ މަޖިލީހުން ފާސްނުވުމުން އަސްކަރީ ގާނޫނު ދެތިން ގަޑިއިރުތެރޭގައި ވަނީ އަނބުރާ ގެންދަވާފަ އެވެ.
ރައީސް ޔޫން މަގާމުން ދުރުކުރަން އިދިކޮޅުން މަސައްކަތް ފެށިއިރު، ގާނޫން އަސާސީން ރައީސަށް ލިބިފައި އޮންނަ އިހުތިޔާރުތައް ހިފެހެއްޓުމަށް ސަރުކާރު ހިންގާ ޕާޓީން އޮތީ ގޮވާލާފަ އެވެ.
ނަމަވެސް، އަސްކަރީ ގާނޫން އިއުލާންކުރެއްވުމަކީ ހެއްދުނު ވަރަށް ބޮޑު ގޯހެއް ކަމަށް ވިދާޅުވެ ރައީސް ޔޫން ވަނީ އާންމު ރައްޔިތުންގެ ކިބައިން މާފަށް އެދިވަޑައިގެންފަ އެވެ.
ގައުމަށް ހިޔާނާތްތެރިވެވަޑައިގަތް ކަމުގެ ތުހުމަތުގައި ޔޫނާ ދެކޮޅަށް ޖިނާއީ ތަހުގީގެއް މިހާރު ވަނީ ފަށައިފަ އެވެ. އަދި ގައުމު ދޫކުރައްވައި ވަޑައިނުގެންނެވޭ ގޮތަށް، ޔޫންގެ ޕާސްޕޯޓު ވެސް ވަނީ ހިފަހައްޓައިފަ އެވެ.