
މިދިޔަ ބުރާސްފަތި ދުވަހު އިސްރާއިލުން ގައްޒާގެ ނުސައިރަތު ރެފިއުޖީ ކޭމްޕަށް ދިން ހަމަލާގައި ވަނީ 33 މީހުން ޝަހީދުކޮށްލައިފައެވެ. ގައްޒާގެ މީޑިއާ އޮފީހުން ބުނި ގޮތުގައި އިސްރާއިލުގެ އަސްކަރިއްޔާއިން މި ހަމަލާގައި ޓާގެޓުކުރީ ނުސައިރަތުގައި ތިބި ރައްޔިތުންނަށެވެ.
އިޒްރޭލުން ނުސައިރަތު ކޭމްޕަށް ދިން ހަމަލާ ގަތަރުގެ އިތުރުން އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިން ވަނީ ކުށްވެރިކޮށްފަ އެވެ.
ގާޒާއަށް ދެމުން އަންނަ ހަމަލާތައް ހުއްޓާލުމަށް އިޒްރޭލަށް ގިނަ ގައުމުތަކުން ގޮވާލައި، އެކަމާ ގުޅޭ އެއްބަސްވުމެއް ހެދުމަށް މަސައްކަތް ކުރި ނަމަވެސް، މިހާތަނަށް އިޒްރޭލުން އެއްވެސް ގައުމަކަށް އިޖާބަ ދީފައެއް ނުވެ އެވެ.
މި ހަމަލާ ކުށްވެރިކޮށް ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އާންމު ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ތަކުރާރުކޮށް ދެމުންގެންދާ ހަމަލާތަކާއި ކުރަމުންގެންދާ ލާއިންސާނީ އަމަލުތަކަކީ ބައިނަލްއަޤުވާމީ އިންސާނީ ހައްގުތަކުގެ ގާނޫނުތަކާ ހިލާފު އަމަލުތަކެއް ކަމަށް ދިވެހި ސަރުކާރުން ދެކޭ ކަމަށެވެ. އަދި މިފަދަ ހަމަލާތައް ވަގުތުން ވަގުތަށް ހުއްޓާލަންޖެހޭ ކަމަށްވެސް ބުނެފައިވެ އެވެ.
އިޒްރޭލުގެ މިފަދަ އަމަލުތައް ހުއްޓުވުމަށް ބައިނަލްއަގުވާމީ މުޖުތަމައު އިން ފިޔަވަޅުތައް އަޅަންޖެހޭ ކަމަށާއި ރާއްޖެ އަބަދުވެސް ފަލަސްތީނުގެ ރައްޔިތުންނާއެކު ދެމި އޮންނާނެ ކަމަށްވެސް ބުނެފައިވެ އެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި ގާޒާ އިން ޝަހީދުވި މީހުންގެ އަދަދު ވަނީ 44،300 އަށް ވުރެ މައްޗަށް އަރާފަ އެވެ.