ރައީސް އެކަން އިއުލާނުކުރެއްވީ އެމަނިކުފާނު އދ.އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން މިރޭ އދ.ދަނގެތީ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަކީ ރަށްރަށުގެ ތަރައްގީއަށް ނުހަނު ބޭނުންތެރި ކޮމިޓީތަކެއް ނަމަވެސް އެ ކޮމިޓީތަކަށް ގާނޫނުގައި އޮތް ބާގަނޑެއް ބޭނުންކޮށްގެން ހަދަމުންދަނީ ވަރަށް އިހާނެތި ގޮތްތަކެކެވެ.
އަދި ޑަބްލިއުޑީސީތަކުގެ ކަންބޮޑުވުންތައް ހައްލުކުރެއްވުމަކީ އެމަނިކުފާނު ރިޔާސީ އިންތިހާބުގައި ވެވަޑައިގެންނެވި ވައުދެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެ ވައުދުފުޅާ އެއްގޮތަށް އެ ކޮމިޓީތަކުގެ ކަންބޮޑުވުންތަކަށް ހައްލު ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
އެގޮތުން ރައްޔިތުންގެ މަޖިލީހުގެ އަންނަ ދައުރު ފެށުމާއެކު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް މުސާރައެއް ހަމަޖެއްސުމަށްޓަކައި ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް މަޖިލީހަށް ހުށަހަޅުއްވާނެކަން އިއުލާނުކުރައްވަމުން ރައީސް ފާހަގަކުރެއްވީ އެކަމަށް ދުވަސްކޮޅެއް ނެގީ ހާއްސަ ބަދަލުތަކެއް ގެންނަންޖެހޭތީ ކަމެވެ.
މިހާރު ޑަބްލިއުޑީސީ މެންބަރުންނަށް ލިބޭ އެލަވެންސްގެ ބަދަލުގައި މުސާރައެއް ހަމަޖެއްސުމުން ރޯދަ މަހުގެ އިނާޔަތް ލިބުމާއި ވިހެއުމުގެ ޗުއްޓީ ލިބުމާއި، ލިބޭ މުސާރައަށް ބިނާކޮށް ބޭންކުތަކުން ލޯނު ލިބުމާއި އެކި ތަންތަނުން ދޫކުރާ ފެސިލިޓީތައް ހަމަޖެހޭނެ ކަމުގައި ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ސަރުކާރުން މަސައްކަތް ކުރަނީ ރައްޔިތުންނަށް ލިބޭ އެއްޗެއް އަތުނުލައި ރައްޔިތުންނަށް އިތުރު މުއްސަނދިކަން ހޯދައި ދެވޭނެ ގޮތްތައް ފަހި ކުރުމަށެވެ. އަދި މިކަން ކުރަން ބޭނުން ވަނީ ފައިސާ ޗާޕުނުކޮށް، ރާއްޖެ ބަނގުރޫޓުވިޔަ ނުދީ ސަލާމަތްކޮށްގެން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.