މި ސަރވޭ ކުރިއަށް ގެންދާނީ މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ދިރިއުޅޭ ގޭބިސީތަކުގެ ތެރެއިން ހޮވާލެވޭ ގޭބިސީތަކުގައި ކަމަށާއި، މި ސަރވޭ ކުރިއަށްދާނީ މި މަހުގެ 15 އިން 21 އަށް ކަމަށް ސްޓެޓިސްޓިކްސް ބިއުރޯއިން ބުންޏެވެ.
ސްޓެޓިސްޓިކްސް ބިއުރޯއިން ބުނީ މި ސަރވޭގައި މައުލޫމާތު ނަގާނީ މީހުންގެ އާންމު މައުލޫމާތާއި، ހިޖުރަކުރުމާއި، ވަޒީފާއާއި އާމްދަނީ ހޯދުމުގެ މަސައްކަތްކުރާ އާބާދީގެ ތަފްސީލާއި، އާމްދަނީ ލިބޭ މަސައްކަތް ހޯދާ އަދި ލިބިފައި ނުވާ އާބާދީގެ ތަފްސީލު ހިމެނޭ ގޮތަށް ކަމަށެވެ.
މި ސަރވޭއަކީ ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ގާނޫނުގެ ދަށުން ހުއްދަ ލިބިގެން ކުރާ ސަރވޭއެއް ކަމަށާއި، މި ސަރވޭއިން އެއްކުރެވޭ މައުލޫމާތަކީ ސިއްރު މައުލޫމާތެއްގެ ގޮތުގައި ބެލެވޭނެ ކަމަށް ސްޓެޓިސްޓިކްސް ބިއުރޯއިން ބުންޏެވެ.