އަލިފާނުގެ ހާދިސާއާ ގުޅިގެން ހައުސިން މިނިސްޓްރީ، އެންވަޔަރަމަންޓް މިނިސްޓްރީ އަދި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ހިންގުން ވަނީ ވަގުތީގޮތުން ދަރުބާރުގެއަށް ބަދަލުކޮށްފައެވެ. އަދި ރައީސް އެހެން ވިދާޅުވީ ދަރުބާރުގެއަށް ޒިޔާރާތްކުރައްވައި އެ މިނިސްޓްރީތަކުގެ މުވައްޒަފުންނާ ބައްދަލުކޮށް ވާހަކަދެއްކެވުމުގެ ތެރެއިންނެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި އަލިފާނުގެ ހާދިސާގައި އިމާރަތް ނެތިދިޔަ ތިން މިނިސްޓްރީ ހިންގުމަށް ދާއިމީ ހައްލެއް ލިބެންދެން ތަނެއް ކުއްޔަށް ނުހިފުމަށް ނިންމާފައިވާކަން ފާހަގަކޮށް ރައީސް ވިދާޅުވީ ދާއިމީ ހައްލެއް ލިބެންދެން ސަރުކާރުގެ ތަނެއްގައި މިނިސްޓްރީތަކުން ހިދުމަތް ދިނުމަށް ވިސްނަވާފައިވާކަމަށެވެ.
ވީހާވެސް އާންމު ހާލަތަކަށް އޮފީސް މާހައުލު ހެދުމަށްޓަކައި ސަރުކާރުގެ މުވައްސަސާތަކާ ގުޅިގެން މަސައްކަތްތަކެއް ކުރައްވަމުންދާކަމަށްވެސް ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ. އެގޮތުން ފާހާނަ އިތުރުކުރުމަށާއި، ކެފެޓީރިއާގެ ހިދުމަތް ދިނުމަށާއި، ދެންވެސް މަދުވާ އިލެކްޓްރޯނިކްސް، ކޮމްޕިއުޓާ ސިސްޓަމްފަދަ ތަކެތި ހޯއްދެވުމަށް މަސައްކަތްތަކެއް ކުރައްވަމުންދާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މުވައްޒަފުންނާ މުހާތަބުކުރައްވަމުން އެމަނިކުފާނު ވަނީ، އަލިފާނުގެ ހާދިސާއާއި ގުޅިގެން ލިބިގެން ދިޔައީ އަގު ނުކުރެވޭނެވަރުގެ ބޮޑު ގެއްލުމެއްކަން ފާހަގަކުރައްވާފައެވެ. އަދި މި ގެއްލުމުގެ ސަބަބުން މުވައްޒަފުންގެ އަމިއްލަ ތަކެތި ގެއްލިގޮސްފައިވާކަން ފާހަގަކުރައްވައި އެގެއްލުންތަކުން ކުރިމަތިވާނެ ދަތި އުނދަގޫތައް ތަސައްވަރުކުރަންވެސް އުނދަގޫވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އެހެންނަމަވެސް މި ހާލަތުގައިވެސް މުވައްޒަފުންގެ ފަރާތުން ފެނިގެންދިޔަ "ޕޮސިޓިވް އެޓިޓިއުޑް" ކެތްތެރިކަން އަދި މަސައްކަތްތައް އަލުން ފެށުމަށްޓަކައި ދެއްވި އެއްބާރުލުން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އޭގެއިތުރުން ސަރުކާރުގެ ކުންފުނިތަކުންނާއި އެކި މުވައްސަސާތަކުން އަލިފާނުގެ ހާދިސާއާ ގުޅިގެން އިމާރަތް އަނދާދިޔަ ތިން މިނިސްޓްރީއަށް އާންމު ހާލަތަށް ދިއުމަށް ވެދެއްވަމުންގެންދަވާ އެހީތެރިކަން ޝުކުރުވެރިކަމާއެކު ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
ރައީސްގެ މި ޒިޔާރަތްކުރެއްވުމަށްފަހު އެމަނިކުފާނު ވަނީ އަލިފާނުގެ ހާދިސާއާ ގުޅިގެން ތިން މިނިސްޓްރީ ހިންގުން ވަގުތީގޮތުން ދަރުބާރުގެއަށް ބަދަލުކޮށް ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި އެކުލަވާލައްވާފައިވާ ޓާސްކް ފޯސްއާއި ބައެއް ކުންފުނިތަކުގެ ވެރިންނާ ބައްދަލުކޮށްލައްވައި މަސައްކަތްތަކުގެ އެންމެ ފަހުގެ މައުލޫމާތު އޮޅުންފިލުއްވާފައެވެ.
ދަރުބާރުގެއަށް ވަޑައިގެންނެވުމަށްފަހު ސިޓީ ކައުންސިލްގެ ހުއްޓިފައިވާ ހިދުމަތްތައް ދިނުމަށް ވަމުންދާ ތައްޔާރީތައް ބައްލަވާލެއްވުމަށް ގަލޮޅު ސްކޫލަށްވެސް ރައީސް ޒިޔާރަތްކުރެއްވިއެވެ. އަދި އެމަނިކުފާނު އެތަނުގެ މުވައްޒަފުންނާ ބައްދަލުކޮށްލައްވައި އެބޭފުޅުން ބޭނުންފުޅުވާކަންކަމާއި މަސައްކަތްތައް ހިނގަމުންދާގޮތް ބައްލަވާލެއްވިއެވެ.