މިއަހަރުގެ ޓާމް ބްރޭކްގެ ގޮތުގައި އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ސްކޫލްތައް ބަންދުވާނެއެވެ. އަލުން ސްކޫލްތަކުގެ ކިޔެވުން ދެން ފެށޭނީ އަންނަ ޖެނުއަރީމަހުގެ 5 ވަނަ ދުވަހުއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ މި ދުވަސްވަރަކީ ރާއްޖޭގެ ސަރަހައްދަށް ހުޅަނގު މޫސުން ނިމި އިރުވައި މޫސުމް ފެށޭ ދުވަސްވަރަށް ވުމުން މޫސުމް ބަދަލުވާ ދުވަސްވަރު މި ސަރަހައްދުގައި ކޮޅިގަނޑެއް އުފެދުމުގެ ފުރުސަތު އޮންނަކަމަށެވެ. އެގޮތުން ބަންގާޅު ކަނޑުގައި މިއަދުގެ ވަގުތެއްގައި ކޮޅިގަނޑެއް އުފެދި ކުރިޔަށް އޮތް ދެދުވަހުގެ ތެރޭގައި ދެކުނު އިންޑިއާގެ ޓެމިލްނާޑޫ އައްސޭރި ފަށާ ދިމާލަށް ޖެހޭނެކަމަށް ލަފާކުރެވޭކަމަށްވެ. އަދި މި ހަފްތާގެ ތެރޭގައި ރާއްޖެއާ ދުރުން ދެކުނުގައިވެސް ކޮޅިގަނޑެއް އުފެދި ހުޅަނގަށް ޖެހެމުންދާނެކަަމަށް ބެލެވޭކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެއެވެ.
މެޓް އޮފީހުން ބުނީ އާއްމު ގޮތެއްގައި ދެކުނާއި މެދުރާއްޖެގެ އަތޮޅުތަކަށް ގަޑިއަކު 17 މޭލާއި 27 މޭލާއި ދެމެދުގެ ބާރުމިނުގައި އަދި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ބެލެވޭކަމަށެވެ. އެހެންކަމުން އުތުރުގެ އަތޮޅުތަކުގައި ކަނޑުތައް ގަދަވާނެކަމަށް ބެލެވޭއިރު ދެކުނާއި މެދުރާއްޖެތެރޭގެ ކަނޑުތައް ވަރަށް ގަދަވާނެކަމަށް ލަފާކުރެވޭކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ މޫސުމަށް ސަމާލުވުމަށް ިއލްތިމާސްކޮށްފައެވެ. އަދި ހާއްސަކޮށް ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމާއި ބެހޭ ގައުމީ އިދާރާއިން ނެރޭ އެންމެ ފަހުގެ މޫސުމީ މައުލޫމާތުތަކަށް ސަމާލުވުމަށްވެސް އެ އިދާރާއިން އެދެއެވެ.