![](https://cnm.mv/media/images/20241025_132038.jpg)
ސިފައިން މިއަދު ބުނީ ގެއްލިގެން ހޯދަމުން އަންނަނީ، "ސީމެކްސް" ނަމަކަށް ކިޔާ ބޯޓަކުން ދަތުރުކުރި ނޭޕާލް އަންހެނެއް ކަމަށެވެ.
އަންހެން މީހާއަކީ އެ ބޯޓުގައި ފަޅުވެރިއެއްގެ ގޮތުގައި މަސައްކަތް ކުރާ މީހެކެވެ.
މި މީހާ ގެއްލިފައިވާއިރު މެޓުން ވެސް ވަނީ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް މި ދުވަސްވަރު ސަމާލުވުމަށް އެދިފައެވެ.
މެޓް އޮފީހުން ބުނީ މިހާރު ހުޅަނގު މޫސުން ނިމި، އިރުވައި މޫސުން ފެށޭ ދުވަސްވަރަށް ވާތީ، ބަންގާޅު ކަނޑުގައި ކޮޅިގަނޑެއް އުފެދި، އެ ކޮޅިގަނޑު ދެކުނު އިންޑިއާގެ ޓެމިލްނާޑޫއާ ދިމާލަށް ދަތުރުކުރާނެ ކަމަށެވެ. އަދި ރާއްޖެއާ ދުރުން ދެކުނުގައި ވެސް އިތުރު ކޮޅިގަނޑެއް އުފެދި، ހުޅަނގަށް ޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މި ދެ ކޮޅިގަނޑުގެ ސަބަބުން ބުދަ ދުވަހުން ފެށިގެން ފަސް ދުވަހުގެ ތެރޭގައި ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފި އެވެ. އަދި ދެކުނާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ގަޑިއަކު 27 މޭލުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 23 މޭލުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވެ އެވެ.
މެޓް އޮފީހުން އިތުރަށް ބުނީ މި ދުވަސްވަރު ގަދަވަޔާއެކު ވިއްސާރަވެ، ގުގުރާނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 50 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށެވެ. އަދި ދެކުނާއި މެދު ރާއްޖެތެރޭގެ ސަރަހައްދަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާތީ، ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފި އެވެ.