ހައި ކޯޓުން އިއްޔެ އިއްވި ހުކުމުގައި ވަނީ އަދި އެ މައްސަލަ އަލުން ބެލުމަށް ވެސް ވަނީ އަމުރު ވެސް ކޮށްފަ އެވެ. މައްސަލައިގައި ފެނުނު މަސްތުވާތަކެތި ތަހުލީލުކުރި ފުލުހުންގެ އޮފިސަރު ހެކިވެރިއެއްގެ ގޮތުގައި ހާޒިރު ނުކުރަން ކްރިމިނަލް ކޯޓުން ނިންމި ނިންމުމަކީ ރަނގަޅު އަސާސްތަކެއްގެ މައްޗަށް ބިނާކޮށް ނިންމި ނިންމުމެއް ނޫން ކަމަށެވެ.
މި މައްސަލައިގައި ދައުވާ އުފުލިފައިވަނީ ގއ. ވިލިނގިލީ، ތިންމާ، އަހުމަދު ޝާފިއުގެ މައްޗަށެވެ. އޭނާ 2013 ވަނަ އަހަރު ސްރީ ލަންކާއިން ރާއްޖެ އައިއިރު ދިރުވާލައިގެން 76 ގްރާމްގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމަށް ތުހުމަތު ކުރެވުނެވެ.
ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމީ މަސްތުވާތަކެތި ތަހުލީލު ކުރި ފުލުސް މީހާ ހާޒިރުކޮށް، ރިޕޯޓް ކަށަވަރުކޮށް މައްސަލަ އަލުން ބެލުމަށް ދަށު ކޯޓަށް ފޮނުވުމަށެވެ.