މޫދަށް ގޮސް ފަތާ ލުމާއި ކަސްރަތު ކުރުމާއި ޔޯގާ ހެދުމުން ސިއްހަތަށް ލިބޭ ފައިދާތައް ވަރަށް ތަފާތެވެ. ފަތަން ދިއުމުން ހަށިގަނޑަށް އަންނަ ބަދަލުތަކާއި ޖިމަށް ގޮސް ކަސްރަތުކުރުމުން ހަށިގަނޑަށް އަންނަ ބަދަލުތައް ވަރަށް ތަފާތެވެ. ޖިމަށް ގޮސް ކަސްރަތު ކުރާނީ ބޮޑަށް ހަށިގަނޑު ވަރުގަދަކޮށް ބާރުގަދަވާން ބޭނުން މީހުންނެވެ. ޔޯގާ އަކީ ސްޓްރެސް ރިލީވް ކުރަން ބޭނުންވާ މީހުންނަށް ކަމުދާނެ ކަމެކެވެ.
ފެތުން
ފެތުމަކީ ހިތްހަމަ ޖައްސާލާ މަޖާ ކޮށްލުމަށް ކުރެވޭނެ ކަމެކެވެ. ގްރޫޕު ހަދާލާފަ މޫދަށް ގޮސް ސަކަރާތް ޖެހުމުގެ ތެރޭގައި ވެސް ހަށިގަނޑަށް ފައިދާކުރާނެ އެވެ. ފެތުމުން ހިތުގެ ވިންދު އަވަސްކޮށްދީ ބުންވަރު އިތުރުކޮށްދެ އެވެ. އަދި ދުވެގެން އެންދޭ ކެލޮރީޒް އަށް ވުރެ ގިނަ ކެލޮރީޒް ފަތައިގެން އެންދޭނެ އެވެ. ފެތުމުން މީހާގެ މެއާއި ހިތް އިތުރަށް ވަރުގަދަ ކޮށްދެ އެވެ. އަދި ފެތުމަކީ މުޅި ހަށިގަނޑަށް ލިބޭ ކަސްރަތެކެވެ.
ފެތުމުން ގިނަ ފައިދާތަކެއް ސިއްހަތަށް ކުރާއިރު އެންމެ ފާހަގަ ކޮށްލެވޭ އެއް ކަމަކީ މީހާގެ ކޮލެސްޓްރޯލް ލެވެލް ހިފޭއްޓުމެވެ. ފެތުމަކީ ބުރަކަށީގައި ރިއްސާ މީހުން ވެސް ކުރުން ރަނގަޅު ކަމެކެވެ. އަދި ރޭގަނޑު ނުނިދޭ މީހުންނަށް ފެތުމުން ނިދަން އެހީތެރިވާއިރު، މިއީ ބޮލުގަޢީ ރިހުމަށް ވެސް ރަނގަޅު ކަމެކެވެ.
މީގެ އިތުރުން ފެތުމުން މިހާގެ ސްޓްރެސް ލުއި ކޮށްދީ އެންޒައަޓީ އަދި ޕޯސްޓްޕާޓަމް ޑިޕްރެޝަން ހުންނަ މީހުންނަށް ވެސް ފެތުމުގެ ސަބަބުން ލުއި ލިބެ އެވެ.
ޔޯގާ
ޔޯގާ އަކީ މިހާގެ ހަށިގަނޑަށާއި ސިކުނޑިއަށް އަސަރު ކުރާ ކަމެކެވެ. މުޅި މީހާއަށް ލުއި ކަން ގެނަސްދީ މީހާގެ ސިކުނޑި ހަމަހިމޭން ކޮށްލާ ކަމެކެވެ.
ޔޯގާއިން މީހާއަށް ލިބޭ ސިއްހީ ފައިދާ ތަކުގެ ތެރޭގައި މީހާގެ ފްލެކްސިބަލިޓީ އިތުރުކޮށްދެ އެވެ. އަދި ބުންވަރު އިތުރުކޮށް މިހާގެ ބެލެންސް އިތުރުކޮށްދެ އެވެ. ޔޯގާ ގެ ސަބަބުން ގައިގައި ވަރު ޖައްސާ ހަށިގަނޑުގައި ލޭ ދައުރުކުރުން ރަނގަޅު ކޮށްދެއެވެ.
މީގެ އިތުރުން ޔޯގެ ސަބަބުން މީހާގެ ޕޯސްޗާ ރަނގަޅުވެ ބުރަކަށީގައި ރިއްސާ ރިއްސުންތައް ލުއި ކޮށްދެ އެވެ.
ޔޯގާގެ ސަބަބުން މީހާގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުކޮށް ދެއެވެ.
ޖިމް
ޖިމަށް ގޮސް ކަސްރަތުކުރުމަކީ ޒުވާނުންގެ މެދުގައި މަގްބޫލް ކަމެކެވެ. ހަށިގަނޑާއި މަސްގަނޑު ވަރުގަދަކުރުމަށް ބޭނުންވާ މީހުންނަށް ޖިމަށް ގޮސް ކަސްރަތު ކުރުމުން އޭގެ ފައިދާ ފެންނާނެ އެވެ. އަދި ހަށިގަނޑު ލުއި ކުރުމަށް އެދޭ މީހުންނަށް ވެސް ޖިމަށް ގޮސް ކަސްރަތުކުރުމުން ބޭނުންވާ ނަތީޖާ ފެންނާނެ އެވެ.
ޖިމަށް ގޮސް ކަސްރަތުކުރާ އިރު އާންމު ގޮތެއްގައި ބަރު ތަކެތި އުފުލަން ޖެހެ އެވެ. އަދި ކަސްރަތު ކުރާ އިރު ވަކި ޑައިޓަކަށް ކެއުން ބެހެއްޓުމަކީ ވަރަށް މުހިންމު ކަމެކެވެ.
ކަސްރަތުކުރުމަކީ މީހާގެ މޫޑު ރަނގަޅު ކޮށްދެ އެވެ. މީހާގެ ގައިގައި ވަރު ޖައްސާ ބުންވަރު އިތުރުކޮށްދެ އެވެ. އަދި ކޮރޮނިކް ބަލިތަކުން މީހާ ސަލާމަތް ކޮށްދެ އެވެ.
ޖިމަށް ގޮސް ކަސްރަތުކުރުމުން މީހާގެ ހަށިގަނޑުގެ އިތުރުން ސިކުނޑިއަށް ވެސް ފައިދާ ކުރެ އެވެ. އެގޮތުން މިއީ އޭޑީއެޗްޑީ، ޑިޕްރެޝަން އަދި އެންޒައަޓީ ހުންނަ މީހުން ކުރުން ރަނގަޅު ކަމެކެވެ.