އެންޑީއެމްއޭ އިން ބުނި ގޮތުގައި ވަގުތީ ހިޔާތަކުގައި ތިބި މީހުންގެ ތެރޭގައި 15 ފިރިހެނުންނާއި 14 އަންހެނުން ހިމެނެ އެވެ. މި މީހުންގެ ތެރޭގައި އާއްސަ އެހީއަށް ބޭނުންވާ މީހަކުވެސް ހިމެނޭ ކަމަށް އެ އޮތޯރިޓީން ފާހަގަކޮށްފައިވެ އެވެ.
އަލިފާނުގެ ހާދިސާއާ ގުޅިގެން މ. ލޯކަށިގެ، މ. ކުދިމާވިލާ އަދި މ. ލޫބިޔާގެ ހަތް ގޭބީސީއަކަށް ގެއްލުން ވެފައިވާ ކަމަށް އެންޑީއެމްއޭ އިން ބުނެ އެވެ. އެ ގެތަކަށް ގެއްލުން ވެފައިވަނީ އަލިފާން ނިއްވުމަށް ފެން ޖެހި ވަގުތު ކަމަށް އެ އޮތޯރިޓީން މައުލޫމާތު ދިނެވެ.
އެންޑީއެމްއޭގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން ވިދާޅުވި ގޮތުގައި ގެތަކަށް އަލުން މީހުން ދިރިއުޅެން ފެށުމުގެ ކުރިން އެ ގެތަކުގެ ސަލާމަތީ އެސެސްމަންޓެއް ހަދައި، ސަލާމަތީ އިދާރާތަކުގެ ހުއްދަ ހޯދާނެ އެވެ. މިހާރު އެންޑީއެމްއޭގެ އެހީގައި ގެތަކުގެ މަރާމާތުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެ އޮތޯރިޓީން ބުނެ އެވެ.