ރިއާލް މެޑްރިޑުން ފީފާ އިންޓަކޮންޓިނެންޓަލް ކަޕްގެ ޗެމްޕިއަންކަން ހޯދީ، މެކްސިކޯގެ ޕަޗޫކާ އަތުން ތިން ލަނޑު ސުން ލަނޑުން މޮޅުވެގެންނެވެ. މި މެޗު ކުޅުނީ ގަތަރުގައެވެ. ގަތަރުގެ ލުސައިލް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި ފުރަތަމަ ހާފުގައި ރެއާލުން ލީޑުނެގީ އެމްބާޕޭ ޖެހި ގޯލުންނެވެ. ރެއާލްއަށް ލީޑު އިތުރުކޮށްދިނީ ދެވަނަ ހާފުގައި ރޮޑްރީގޯ އެވެ. ފަހު ލަނޑު ޖެހީ، ވިނީޝިއުސް އެވެ. އެއީ ލިބުނު ޕެނަލްޓީއަކުން ޖެހި ލަނޑެކެވެ.
ފީފާ އިން މީގެ ކުރިން އަހަރަކު އެއް ފަހަރު ބާއްވަމުން އަންނަ ކްލަބް ވޯލްޑް ކަޕް މި ފަހަރު ވަނީ އިންޓަކޮންޓިނެންޓަލް ކަޕަށް ބަދަލުކޮށްފަ އެވެ. އެއީ، އަންނަ އަހަރު ފީފާ ކްލަބް ވޯލްޑް ކަޕް 32 ޓީމާ އެކު، ފަށަން ނިންމާފައި އޮތުމުންނެވެ. ފީފާ އިން ނިންމާފައިވަނީ، އިންޓަކޮންޓިނެންޓަލް ކަޕް ކޮންމެ އަހަރެއްގައި ބާއްވާއިރު، ފަސް ބައްރުގެ ޗެމްޕިއަނުން ކުޅޭ ފޯމެޓަށް މި މުބާރާތް ގެންދިއުމަށެވެ.