
ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް އެޗްޑީސީން ގޯތިތަކެއް ދީފައިވާ ކަމަށް ބެލެވޭ މައްސަލައެއް ފެންމަތިވުމުން އެ މައްސަލައިގެ ޖިނާއީ ތަހުގީގެއް ފުލުހުން މިހާރު ވަނީ ފަށާފަ އެވެ. އުސޫލާ ހިލާފަށް ގޯތި ދިންކަން ހާމަވީ އެގޮތަށް ދޫކުރި ގޯތިތަކެއްގެ އިންފާރު ރޭނުމުގެ ހުއްދައަށް ހައުސިން މިނިސްޓްރީގައި އެޗްޑީސީން އެދުމުން، އެ މީހުންނަކީ ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ހޯދަން އެދުނު ބައެއް ނޫންކަން ހައުސިން މިނިސްޓްރީން އެންގުމުންނެވެ. އެކަމާ ގުޅޭ ލިޔުންތައް ވަނީ އާންމުވެފަ އެވެ.
އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ފަޒީލަކީ ހުޅުމާލެ އިން ގޯތި ލިބޭ މީހުންގެ ލިސްޓުގައި ކުރިން ހިމެނިފައި ނެތް އަދި ގޯއްޗަށް ޝަރުތު ހަމަވާ މީހެއް ވެސް ނޫން ކަމަށް އޮތީ ކަނޑައަޅައިފައެވެ. އެހެންނަމަވެސް އޭނާއަށް ގޯތި ލިބުނުކަމަށް ކަނޑައަޅާ އޭނާ އަށް ލިބުނުކަމަށް ބުނާ ބިމުައި މިހާރު ވަނީ ވަށާފާރުވެސް ރާނާފައެވެ.
މިކަމާއި ގުޅިގެން ސަރުކާރުގެ ތަރުޖަމާނު ހިނާ ވަލީދު އެކްސްގައި ކުރެއވި ޕޯސްޓެއްގައި ވިދާޅުވީ ފުލުހުން އިސްނަގައިގެން އެޗްޑީސީގައި ކުރިއަށްގެންދާ ޖިނާއީ ތަޙުޤީޤު މިނިވަންކަމާއެކު ބާރަށް ކުރިއަށް ގެންދިއުމަށް ޖާގަ ދިނުމަށް، އެޗްޑީސީގެ ބޯޑުގެ ޗެއާމަން ފިޔަވައި ، ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރާއި އެހެން ހުރިހާ މެންބަރުން ތަޙްްޤީޤު ނިމެންދެން ސަސްޕެންޑް ކޮށްފައިވާކަމަށެވެ. އަދި މި މައްސަލަ ފެންމަތިވިނަމަވެސް ހުޅުމާލެއިން ގޯތި ލިބިފައިވާ އެއްވެސް މީހެއްގެ ހައްގަކަށް އުނިކަމެއް ލިބިފައިނުވާނެކަމަށް ހީނާ ވިދާޅުވިއެވެ.
މި މައްސަލާގައި އެޗްޑީސީގެ އެމްޑީ ފަޒުލް ސަސްޕެންޑް ކުރިއިރު، ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ދޫކުރުމުގައި އެޗްޑީސީގެ އެއްވެސް ދައުރެއް ނެތް ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ރޭވަނީ ވިދާޅުވެފަ އެވެ. އަދި ފުލުހުން ފަށާފައިވާ ތަހުގީގަށް އެޗްޑީސީން ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ވެސް ފަޒުލް ވިދާޅުވި އެވެ.