
ހާމިދަކީ ދިވެހި ރާއްޖޭގެ ގައުމީ ޔުނިވަސިޓީގެ ކައުންސިލްގައި ސްޕޯޓްސް، އާޓްސް އެންޑް ކަލްޗާގެ ދާއިރާގެ ބޭފުޅެއްގެ ހައިސިއްޔަތުން އިންނެވި ބޭފުޅެކެވެ. މިހާރު ކުރިއަށްދާ ފޯރިގަދަ ގޯލްޑް ކަޕް މުބާރާތަށް އަލިއަޅުއްވައިލައްވާ ހާމިދު ވިދާޅުވީ، ކުޅިވަރުގައި އޮތް ތަފާތު ކުރުމުގެ ސިޔާސަތު ނެތިދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. ހާމިދު އިޝާރާތް ކުރެއްވީ، ޒަމާނުއްސުރެ މާލޭގައި، ހަމަ އެކަނި މާލެއަށް ނިސްބަތްވާ ޓީމުތަކުގެ މެދުގައި ބޯޅަ ކުޅޭ ކުޅުމަށެވެ.
ގޯލްޑްކަޕާއެކު ކެނޑިފައިވާ ފުޓްބޯޅައިގެ ފޯރި އަލުން އައިސް، ގަލޮޅު ދަނޑަށްވަނީ ދިރުން ލިބިފައެވެ. މިއަދުވެސް ގޯލްޑްކަޕްގެ ސެމީ ފައިނަލްގައި އަލިފުށްޓާއި ފުވައްމުލަކު ކުޅުނު މެޗަށް ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނޑަށް ވަނެވެ.
ހާމިދުވަނީ މީގެ ކުރިންވެސް އަތޮޅު ތެރޭގެ ޓީމުތައް ހިމެނޭނެ މެކޭނިޒަމަކަށް ފުޓްބޯޅަ ގެންދެވޭނެ ގޮތްތަކާ ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ. މީގެ ކުރިންވެސް އެކި ފަހަރު މަތިން މި މައުޟޫއަށް ހާމިދު ވާހަކަ ދައްކަވާފައިވާއިރު، ހާމިދު ގަބޫލު ކުރައްވާ ގޮތުގައި ޕްރެމިއަރ ލީގް އެންމެ ޒޯނަކަށް މަރުކަޒުކޮށްގެން ރާއްޖޭގައި ކުރި 16 އަހަރުގެ ތަޖްރިބާ އަކީ ލީގު ފެއިލްވުމެވެ.
ހާމިދު ކުރިން ވިދާޅުވެފައިވާ ގޮތުގައި ހޯމް އެންޑް އަވޭ އުސޫލަށް ލީގް ކުޅުމުން ވާދަވެރިކަން އެތަށް ގުނައެއް އިތުރުވާނެއެވެ. އަދި މާލޭގެ ދެޓީމަށްވުރެ ވާދަވެރިވެ އެކަމަށް ހިތްވަރުދޭނީ އެސިޓީއެއްގެ އަދި ޒޯނެއްގެ ސަޕޯޓަރުން ކަމަށް ހާމިދު ވިދާޅުވިއެވެ. ހާމިދު ޕްރޮޕޯސް ކުރެއްވި ހޯމް އެންޑް އަވޭ އުސޫލު ނޫން ނަމަވެސް ގޯލްޑްކަޕުގައި ވަރުގަދަ ފޯރިއެއް ސަޕޯޓަރުންގެ ފަރާތުން ފެނެއެވެ.